އޭނާ ވިއްކާލަދޭން ކުޓީނިއޯ ލިވަޕޫލުގައި އެދިއްޖެ

ލިވަޕޫލް (އޮގަސްޓް 11) – ބާސެލޯނާ އިން ފާރަލަމުން އަންނަ ފިލިއްޕޭ ކުޓީނިއޯ އެއްވެސް އަގެއްގައި ނުވިއްކާނެ ކަމަށް ލިވަޕޫލުން އިއުލާންކުރިތާ މާގިނަ އިރުތަކެއް ނުވަނީސް، ކްލަބް ދޫކޮށްލަން ބޭނުންވާކަން ކުޓީނިއޯ ލިވަޕޫލަށް އަންގައިފި އެވެ.


ބާސެލޯނާ އިން ކުޓީނިއޯ ގަތުމަށް ބުދަ ދުވަހު ހުށަހެޅި 100 މިލިއަން ޔޫރޯގެ ބިޑް އަނބުރާ ފޮނުވާލުމަށް ފަހު ލިވަޕޫލުން މިއަދު ނެރުނު ބަޔާނުގައި ވަނީ އެއްވެސް އަގެއްގައި ކުޓީނިއޯ ނުވިއްކާނެ ކަމަށް ބުނެފަ އެވެ.

އެއާ އެކު ހުރިހާ ކަމެއް ހަމަޖެހުނީ ކަމަށް ގިނަ ބަޔަކު ނިންމައިގެން ތިއްބާ ސްކައި ސްޕޯޓްސް އިން ވަނީ ކުޓީނިއޯ ޓްރާންސްފާއަކަށް އެދިފައިވާ ކަމަށް ރިޕޯޓްކޮށްފަ އެވެ. އެކަމަކު އޭނާ އީމެއިލް މެދުވެރިކޮށް ލިވަޕޫލުގައި އެދުނު އެދުމަށް ކްލަބުން ފުރަގަސްދީފައިވާ ކަމަށް ވެސް ރިޕޯޓްކޮށްފައިވެ އެވެ.

ބޮޑު އަގެއްގައި ކުޓީނިއޯ ވިއްކާލަން ލިވަޕޫލުގެ ބޯޑުގެ ބައެއް މެމްބަރުން ބޭނުންވާ ކަމަށާއި އެކަމަކު އެކަމާ ދެކޮޅު ހެދީ ކޯޗު ޔާގެން ކްލޮޕް ކަމަށް ރިޕޯޓްތައް ބުނެ އެވެ. ލިވަޕޫލާ އެކު ކްލޮޕް ހަދާފައިވާ އެއްބަސްވުމުގެ ދަށުން، ދެ ވަނަ ސީޒަނުން ފެށިގެން ޓްރާންސްފާގެ ކަންކަމުގައި ފަހު ބަސް ބުނުމުގެ ބާރު އޭނާ އަށް ލިބެ އެވެ.

ބާސެލޯނާ އިން ކުޓީނިއޯ ގެންނަން މަސައްކަތްކުރަނީ އެ ޓީމުގެ ބްރެޒިލް ފޯވާޑް ނޭމާ ކްލަބުގެ "ނުރުހުމުގައި" ޕީއެސްޖީ އަށް ބަދަލުވެފައިވާތީއާ އެކު އެވެ. ބާސެލޯނާ އިން ނޭމާ ވިއްކާލަން ބޭނުންނުވި ނަމަވެސް ޕީއެސްޖީން ވަނީ އޭނާގެ ކޮންޓްރެކްޓް އުވާލަން ދައްކަން ޖެހޭ 222 މިލިއަން ޔޫރޯ ދައްކައިގެން އޭނާ ގެންގޮސްފަ އެވެ.

އެކަމަކު އޭގެ ކުރިން ވެސް ހަގީގަތުގައި ބާސެލޯނާ އިން ކުޓީނިއޯ ހޯދަން މަސައްކަތްކުރި އެވެ. ޒަވީ އާއި އަންދްރޭ އިނިއެސްޓާ ފުރި އެ ކްލަބުގެ މެދުތެރޭގެ ސެންޓްރަލް މަގާމް ފުރުވަން އެ ކްލަބުން އެންމެ ބޭނުންވާ ކުޅުންތެރިއަކީ ކުޓީނިއޯ އެވެ.

އެކަން އެއްކިބައިގައި އޮއްވާ ނޭމާ ދިއުމާ އެކު ސަޕޯޓަރުންގެ ރުހުން ހޯދުމަށް މަޝްހޫރު ތަރިއަކު ހޯދަން ބާސެލޯނާ އަށް ވަނީ މަޖުބޫރުވެފަ އެވެ. އެ ކްލަބުން ދެން އެންމެ ބޮޑަށް މަސައްކަތްކުރަނީ ބޮރޫޝިއާ ޑޯޓްމަންޑުގެ އޮސްމާނޭ ޑެމްބެލޭ ގެންދިއުމަށެވެ. އެކަމަކު ޑޯޓްމަންޑުން ވަނީ ބާސެލޯނާ އިން ކިޔާ އަގު ކުޑަކަމަށް ބުނެ އޭނާ ވިއްކާލަން ދެކޮޅު ހަދައިފަ އެވެ.

އިންޓަ މިލާން ދޫކޮށް 2013 ވަނަ އަހަރުގެ ޖެނުއަރީ މަހުގައި 8.5 މިލިއަން ޕައުންޑަށް ލިވަޕޫލަށް ބަދަލުވުމަށް ފަހު ކުޓީނިއޯ އަންނަނީ އެ ޓީމުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އަދި މިދިޔަ ޖެނުއަރީ މަހު ކުޓީނިއޯ ވަނީ 2022 ގެ ނިޔަލަށް ލިވަޕޫލާ އެކު އެއްބަސްވުން އާ ކޮށްފަ އެވެ. ލިވަޕޫލާ އެކު އެންމެ ފަހުން ކުޓީނިއޯ ސޮއިކުރި އެއްބަސްވުމުގައި އޭނާގެ ކޮންޓްރެކްޓް އުވާލެވޭނެ އެއްވެސް އަގެއް ހުށަހަޅާފައިނުވެ އެވެ.