ހަތް ގޯލް ފެނިގެން ދިޔަ މެޗުން އާސެނަލަށް މުހިއްމު މޮޅެއް

ލަންޑަން (އޮގަސްޓް 12) – ފަސް މިނެޓުގެ ތެރޭގައި އާރޮން ރަމްސީ އާއި އޮލިވާ ޖިރޯ ވައްދާލި ދެ ލަނޑާ އެކު އިނގިރޭސި ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުން ރޭ ލެސްޓާ ސިޓީ އަތުން 4-3 އާސެނަލް މޮޅުވެއްޖެ އެވެ.


މިދިޔަ ހަފުތާގައި އެންމެ ފަހުގެ ޗެމްޕިއަން ޗެލްސީ އަތުން ޕެނަލްޓީ ޖަހައިގެން މޮޅުވެ ކޮމިއުނިޓީ ޝީލްޑް ކާމިޔާބުކުރި އާސެނަލުގެ ފަރާތުން ރޭގެ މެޗުގައި ފެނިގެން ދިޔައީ ރީތި މޮޅު ކުޅުމެކެވެ. ހާއްސަކޮށް އެޓޭކުގަ އެވެ. އަނެއްކޮޅުން ލެސްޓާ އިން ވެސް ކުރިއަށް ޖެހިގެން އާސެނަލަށް ނުރައްކާކޮށް ލިބުނު ގިނަ ފުރުސަތުތަކުގެ ބޭނުން ހިފި އެވެ.

އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމުގައި ކުޅުނު މި މެޗުގެ ދެ ވަނަ މިނެޓުގައި، އެ ޓީމާ މި ސީޒަނުގައި އަލަށް ގުޅުނު ފޯވާޑް އަލެކްސެންޑާ ލަކަޒޭޓް ވަނީ ލީޑު ނަގައިދީފަ އެވެ. މުހައްމަދު އެލްނެނީ ނެގި ހުރަސް އޭނާ ގޯލަށް ވައްދާލީ ބޮލުން ޖަހަ އެވެ.

މި ލީޑު ހިފަހައްޓާލެވުނީ ދެ މިނެޓު ވަންދެނެވެ. މެޗުގެ ފަސް ވަނަ މިނެޓުގައި ލެސްޓާގެ ޖަޕާން ފޯވާޑް ޝިންޖީ އޮކަޒާކީ ވަނީ ނަތީޖާ ހަމަހަމަކޮށްދީފަ އެވެ. އަދި 29 ވަނަ މިނެޓުގައި މާކް އަލްބްރިޓަން ނެގި ހުރަހެއް އޭރިއާ ތެރެއިން ގޯލަށް ވައްދާލައިގެން ޖެމީ ވާޑީ ވަނީ، މިދިޔަ އަހަރުގެ ސީޒަނުގެ ޗެމްޕިއަން ލެސްޓާ އަށް ލީޑު ނަގައިދީފަ އެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އާސެނަލުން ވަނީ ނަތީޖާ ހަމަހަމަކޮށްފަ އެވެ. އެ ޓީމުން އުފެއްދި ވަރުގަދަ އެޓޭކެއްގައި، ސައިދު ކޮލަސިނަޗް ޖައްސާލި ބޯޅަ ހުސް ގޯލުގެ ތެރެއަށް ވައްދާލައިގެން އެއްވަރުކޮށްދިނީ ޑެލީ ވެލްބެކެވެ.

ދެ ވަނަ ހާފު ފަށައިގެން ލެސްޓާ އިން އުފެއްދި ދެ ހަމަލައެއް ބޭކާރުވެފައިވަނިކޮށް އެ ޓީމަށް އަލުން ލީޑު ނަގައިދިނީ 56 ވަނަ މިނެޓުގައި ވާޑީ އެވެ. ރިޔާޒް މާރޭޒް ކޯނަރަކުން ހުރަސްކުރި ބޯޅަ ވާޑީ ގޯލަށް ވައްދާލީ ބޮލުން ޖަހަ އެވެ.

މެޗުގެ ފަހުކޮޅަށް ދިޔައިރު އާސެނަލުން ދިޔައީ ފުލުފުލުގައި ހަމަލާތައް ފޮނުވަމުންނެވެ. މަންޒަރު ބަދަލުކޮށްލީ ބަދަލު ކުޅުންތެރިންގެ ގޮތުގައި އެރި ރަމްސީ އާއި ޖިރޯ އެވެ. އެގޮތުން 83 ވަނަ މިނެޓުގައި އެ ޓީމަށް ރަމްސީ އެއްވަރުކޮށްދިނީ ގްރަނިޓް ޗަކާ އޭރިއާ ބޭރުން ދިން ބޯޅަ އޭރިއާ ތެރެއިން ކޮންޓްރޯލްކޮށްލުމަށް ފަހު ގޯލުގެ ތިރީ ކަނަށް ވައްދާލައިގެންނެވެ. އޭގެ ދެ މިނެޓު ފަހުން އެ ޗަކާ ނެގި ކޯނަރެއް ބޮލުން ގޯލުގެ ތެރެއަށް ވައްދާލައިގެން ޖިރޯ ވަނީ އެ ޓީމަށް ފުރަތަމަ މެޗުން މުހިއްމު މޮޅެއް ހޯދައިދީފަ އެވެ.

އާސެނަލުގެ ކޯޗު އާސެން ވެންގާ ބުނީ ޑިފެންސުގައި އަދިވެސް ރަނގަޅު ކުރަން ޖެހޭ ކަންކަން އެބަހުރި ކަމަށާއި އެކަމަކު ޖުމްލަކޮށް ފެނިގެން މިދިޔައީ މޮޅު ކުޅުމެއް ކަމަށެވެ.

"އަހަންނަށް ޔަގީން މިފަދަ މެޗުތަކުގެ ސަބަބުން ޓީމުގެ އިތުބާރު ބޮޑުވާނެ. އެއީ އުނދަގޫ ހާލަތެއްގައި އޮންނައިރު ހަނދާން ވާނެ މި މެޗުތައް މަތިން އަދި އެނގޭނެ އަދިވެސް އެއް ފަހަރު އެކަން ހާސިލްކުރެވޭނެކަން،" ވެންގާ ބުންޏެވެ.

ޕްރިމިއާ ލީގުގައި މިއަދު ހަވީރު ރާއްޖެ ގަޑިން 4:30 ގައި ލިވަޕޫލާއި ވަޓްފޯޑް ބައްދަލުކުރާނެ އެވެ. އަދި މިރޭ 7 ޖަހާއިރު ޗެމްޕިއަން ޗެލްސީ ނުކުންނާނީ ބާންލީއާ ދެކޮޅަށެވެ. މި ސީޒަނަށް އެންމެ ބޮޑު ހަރަދެއްކުރި މެންޗެސްޓާ ސިޓީގެ ފުރަތަމަ މެޗުގައި މިރޭ 9:30 ގައި ނުކުންނާނީ ބްރިޓަންއާ ދެކޮޅަށެވެ. މި ހުރިހާ މެޗެއް ވެސް މީޑިއާނެޓުގެ އައިސްޓީވީން (ޗެނަލް ނަމްބަރު 100) އެޗްޑީކޮށް ވަގުތުން ދައްކަނެ އެވެ.