ބާސާގެ ބޯޑް މެމްބަރުންނަށް މައާފެއް ނެތް: ނޭމާ

ޕެރިސް (އޮގަސްޓް 21) - ބާސެލޯނާ ދޫކޮށްލީ ކްލަބާ އެއްވެސް މައްސަލައެއް އޮވެގެން ނޫން ކަމަށާއި އެހެން ނަމަވެސް އެ ކްލަބް ބޯޑް މެމްބަރުންނަށް މައާފް ނުކުރާނެ ކަމަށް އެ ޓީމު ދޫކޮށް ޕީއެސްޖީ އަށް ބަދަލުވި ބްރެޒިލްގެ ތަރި ނޭމާ ބުނެފި އެވެ.


ޕީއެސްޖީ ދަނޑުގައި ރޭ ކުޅުނު މެޗުން އެ ޓީމު ވަނީ 6-2 އިން މޮޅުވެފަ އެވެ. މި މެޗުގައި ނޭމާގެ ފަރާތުން މޮޅު ކުޅުމެއް ފެނުނުއިރު އޭނާ ވަނީ ދެ ލަނޑު ޖެހުމުގެ އިތުރުން ދެ ލަނޑު ޖަަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.

ރޭގެ މެޗަށް ފަހު ނޭމާ ބުނީ ހަގީގަތް އޮޅުވައެއް ނުލެވޭނެ ކަމަށާއި އޭނާ ވެސް އެއްވެސް ކަމެއްގައި ދޮގު ހަދާފައިނުވާނެ ކަމަށެވެ.

"އަހަރެން އެއްވެސް އިރެއްގައި އޮޅުވައެއް ނުލަން. ހަގީގަތް ބަދަލެއް ނުކުރެވޭނެ. ބާސެލޯނާއާ މެދު އަހަރެން ކަންބޮޑުވަން. އަހަރެން ވަރަށް އުފާވެރި ހަތަރު އަހަރު އެ ޓީމުގައި ހޭދަކުރިން. އެ ޓީމުން ދޫކޮށްލީ ވެސް ހިތްހަމަ ޖެހިފައިހުރެ. އެކަމަކު އެ ޓީމުގެ ބޯޑާ މެދު ހިތްހަމަ ނުޖެހޭ. އެމީހުންނަށް މައާފެއް ވެސް ނެތް،" ނޭމާ ބުންޏެވެ.

"ބާސެލޯނާގެ ބޯޑުގައި އެ ތިބީ އެ މަގާމުގައި ތިބެން ޖެހޭނެ މީހުންނެއް ނޫން. ބާސެލޯނާ އަށް އެއަށް ވުރެން ރަނގަޅު ބައެއް ހައްގު."

ޕީއެސްޖީން ނޭމާ ގަތީ ބާސެލޯނާއާ އެކު ނޭމާ ހަދާފައިވާ ކޮންޓްރެކްޓް އުވާލަން ދައްކަން ޖެހޭ 222 މިލިއަން ޔޫރޯ ދެއްކުމަށް ފަހު އެވެ. ބާސެލޯނާ އިން އަންނަނީ ނޭމާ ނެތްތަން ފޫބައްދަން ކުޅުންތެރިއަކު ގެންނަން މަސައްކަތް ކުރަމުންނެވެ.

އެ ޓީމުން ގެންނަން މަސައްކަތް ކުރާ ދެ ކުޅުންތެރިންނަކީ ޑޯޓްމަންޑަށް ކުޅޭ ފްރާންސްގެ ވިންގް އޮސްމާނޭ ޑެމްބެލޭ އާއި ލިވްޕޫލަށް ކުޅޭ ބްރެޒިލްގެ ޕްލޭމޭކަރު ފިލިއްޕޭ ކުޓީނިއޯ އެވެ. ކުޓީނިއޯ އަށް ކުރި ތިން ބިޑް ވެސް ނާކާމިޔާބުވެފައިވާއިރު، އޮސްމާން ޑެމްބެލޭ ގަންނަން ކުރާ މަސައްކަތުގައި ވެސް ކުރިއެރުމެއް ނުލިބެ އެވެ.