ޕީއެސްޖީ އަށް އަދަބު ލިބުމުގެ ފުރުސަތު ބޮޑު!

ޒިއުރިކް، ސްވިޒަލެންޑް (ސެޕްޓެމްބަރު 3) - ނިމިގެން ދިޔަޓްރާންސްފާ މާކެޓްގައި ޕީއެސްޖީން ފައިނޭންޝިއަލް ފެއާޕްލޭ (އެފްއެފްޕީ)ގެ ގަވަާއިދުތަކާ ހިލާފުވެފައިވޭތޯ ބެލުމަށް ޔުއެފާ އިން ތަހުގީގު ފަށާފައިވާއިރު އެ ޓީމަށް ސަސްޕެންޝަނެއް އައުމުގެ ފުރުސަތު ބޮޑު ކަމަށް ޔުއެފާގެ އޮފިޝަލަކު ބުނެފި އެވެ.


ޔުއެފާގެ އޮފިޝަލަކާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އެ އިދާރާ އިން އަންނަނީ ޕީއެސްޖީގެ މައްސަލަ ވަރަށް ސީރިއަސްކޮށް ބަލަމުންނެވެ. ޔުއެފާގެ ރައީސް ސްލޮވީނިއާގެ އަލެކްސެންޑާ ކެފެރިން ވަނީ މީގެ ކުރިން ސްޕޯޓްސް އެންޑް ސޯޝަލް ޓޯކް ޝޯ އެއްގައި ވާހަކަ ދައްކަވަމުން އެފްއެފްޕީގައި މައްސަލަތަކެއް އެބަހުރި ކަމަށާއި އެކަމަށް ހައްލެއް ބޭނުންވާ ކަމަށް ވިދާޅުވެފަ އެވެ.

ޔުއެފާގެ ރައީސްކަމުގައި ކުރިން ހުރި ފްރާންސްގެ މިޝެލް ޕްލެޓިނީގެ ދައުރުގައި އެކުލަވާލި އެފްއެފްޕީގައިވާ ގޮތުން ކްލަބެއްގެ ދަރަނި 40 އިންސައްތަ އަށް ވުރެ މަތީގައި އުޅޭނަމަ އެއް ޓްރާންސްފާ މާކެޓެއްގައި 160 މިލިއަން ޔޫރޯ އަށް ވުރެން ބޮޑު ހަރަދެއް ނުކުރެވޭނެ އެވެ. ރިޕޯޓްތައް ބުނާގޮތުން މިދިޔަ ސީޒަނުގައި ޕީއެސްޖީގެ ދަރަނި ރެކޯޑް ކުރެވިފައިވަނީ 50 އިންސައްތައިގަ އެވެ.

މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ޕީއެސްޖީން ވަނީ ބާސެލޯނާ އަށް ކުޅޭ ބްރެޒިލްގެ ތަރި ނޭމާ 222 މިލިއަން ޔޫރޯ އަށް ގަނެފަ އެވެ. އަދި މޮނާކޯ އަށް ކުޅޭ ފްރާންސްގެ އުއްމީދީ ފޯވާޑް ކިލިއަން އެމްބާޕޭ ލޯން އެއްބަސްވުމެއްގެ ދަށުން ގެނެސްފައިވާއިރު، އަންނަ އަހަރު 180 މިލިއަން ޔޫރޯ އަށް އޭނާ ގަތުމުގެ އިހުތިޔާރު އެޓީމަށް އެބައޮތެވެ.

ރިޕޯޓްތައް ބުނާގޮތުގައި ޔުއެފާ އިން އެންމެ ބޮޑަށް ބަލާނީ ނޭމާ އާއި އެމްބާޕޭ ޓްރާންސްފާ އެވެ. އެއީ ނޭމާގެ އަގު ކަމަށްވާ 220 މިލިއަން ޔޫރޯ ބާސެލޯނާ އަށް ދައްކާފައިވަނިކޮށް އެފްއެފްޕީ ގަވައިދުގެ ތެރެއިން ޕީއެސްޖީ އަށް އެމްބާޕޭގެ ލޯން ފީގެ ގޮތުގައި 16 މިލިއަން ޔޫރޯ ވެސް ނުދެއްކޭނެތީ އެވެ. އަދި ޕީއެސްޖީން އެމްބާޕޭ ގަންނަން ދައްކަން ޖެހޭ 180 މިލިއަން ޔޫރޯ މި އަހަރުގެ ހިސާބުގެ ތެރޭގައި ހިމަނާފައިވޭތޯ ވެސް ބަލާނެ އެވެ. އެ ހިމަނައިފި ނަމަވެސް އެފްއެފްޕީ ގަވައިދާ ހިލާފުވާނެތއެވެ.

ޕީއެސްޖީން މިކަމާ ގުޅޭގޮތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ކްލަބުން މިހާތަނަށް ވެސް އަމަލުކޮށްފައިވާނީ އެފްއެފްޕީ ގަވައިދާ އެއްގޮތަށް ކަމަށާއި ޔުއެފާއިން އެ ކްލަބްގެ މައްސަލަ ތަހުގީގު ކުރުމަކީ އެ ކްލަބަށް ލިބުނު ހައިރާން ކަމެއް ކަމަށެވެ.

އެފްއެފްޕީއާ ހިލާފުވެގެން މީގެ ކުރިން ވެސް ޔުއެފާ އިން ވަނީ ޕީއެސްޖީ އަށް އަދަބުދީފަ އެވެ. އެގޮތުން 2014 ވަނަ އަހަރު ޔުއެފާ އިން ވަނީ އެ ޓީމު 60 މިލިއަން ޔޫރޯ އިން ޖޫރިމަނާ ކޮށްފަ އެވެ. އަދި އޭގެ ތެރެއިން 40 މިލިއަން ޔޫރޯ މާފުކޮށްދިނުމަށް ފަހު ދެން ދިން އަދަބަކީ ޗެމްޕިއަންސް ލީގު ސްކޮޑުގެ 25 ކުޅުންތެރިންގެ ތެރެއިން ހަތަރު ޖާގަ އުނިކުރީ އެވެ.

އެ ފަހަރު ޔުއެފާ އިން ވަނީ އެ ފަދަ ކަމެއް ޕީއެސްޖީން ތަކުރާރުކޮށްފިނަމަ ދެވެން އޮތް އެންމެ ހަރުކަށި އަދަބެއް ދޭނެ ކަމަށް އަންގައިފަ އެވެ. އޭގެ ތެރޭގައި ޔޫރަޕް މުބާރާތެއްގައި ނުކުޅެވޭ ގޮތަށް އެއް އަހަރަށް ސަސްޕެންޑް ކުރުން ވެސް ހިމެނެ އެވެ.