އެމްބާޕޭގެ ގޯލުން ޕީއެސްޖީ އަށް ތަފާތު ބޮޑު މޮޅެއް

މެޓްޒް، ފްރާންސް (ސެޕްޓެމްބަރު 9) – ދުނިޔޭގެ އެންމެ އުއްމީދީ އެއް ފޯވާޑް ކީލިއަން އެމްބާޕޭ ޕީއެސްޖީ އަށް ކުޅެދިން ފުރަތަމަ މެޗުގައި ޖެހި ގޯލާ އެކު ފްރާންސް ލީގުގައި ރޭ މެޓްޒް އަތުން 5-1 އިން ޕީއެސްޖީ މޮޅުވެއްޖެ އެވެ.


ދުނިޔޭގެ ރެކޯޑް އަގެއްގައި ބާސެލޯނާ އިން ނޭމާ ގެނެސް ވަރުގަދަކޮށްފައިވާ ޕީއެސްޖީ އޮތީ ލީގުގައި ކުޅުނު ފުރަތަމަ ފަސް މެޗުން މެޗުން މޮޅުވެ 15 ޕޮއިންޓާ އެކު އެއް ވަނައިގަ އެވެ. ދެ ވަނައިގައި އޮތީ ހަތަރު މެޗުން 12 ޕޮއިންޓް ހޯދާފައިވާ މޮނާކޯ އެވެ.

ރަށުން ބޭރުގައި ޕީއެސްޖީ ކުޅުނު މި މެޗުގެ 31 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ އުރުގުއޭ ފޯވާޑް އެޑިންސަން ކަވާނީ އެވެ. އެކަމަކު 37 ވަނަ މިނެޓުގައި މެޓްޒްގެ އެމަނުއެލް ރިވިއެރޭ ވަނީ ނަތީޖާ ހަމަހަމަކޮށްފަ އެވެ.

ދެ ވަނަ ހާފު ފަށައިގެން 56 ވަނަ މިނެޓުގައި މެޓްޒްގެ ބެނޮއިޓް އަސޫ-އެކޮޓޯ އަށް ރަތްކާޑު ދެއްކިއިރު އޭގެ ތިން މިނެޓު ފަހުން އެމްބާޕޭ ވަނީ ޕީއެސްޖީ އަށް އަލުން ލީޑު ނަގައިދީފަ އެވެ. އެ ޓީމުގެ ތިން ވަނަ ލަނޑު 69 ވަނަ މިނެޓުގައި ނޭމާ ޖަހައިދިން އިރު 75 ވަނަ މިނެޓުގައި ހަތަރު ވަނަ ލަނޑު ކާމިޔާބުކޮށްދިނީ ކަވާނީ އެވެ. އަދި ފަހު ލަނޑު 87 ވަނަ މިނެޓުގައި ޖެހީ ބްރެޒިލްގެ ލޫކަސް މޯރާ އެވެ.

މޮނާކޯ އިން މިދިޔަ ސީޒަނުގައި ފްރާންސް ލީގު ކާމިޔާބުކޮށް ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ދަތުރުކުރިއިރު 44 މެޗުން 26 ގޯލް ޖަހާފައިވާ އުމުރުން 18 އަހަރުގެ ފޯވާޑް އައުމާ އެކު ޕީއެސްޖީގެ ފޯވާޑް ލައިން މި ވަނީ ވަރަށް ބޮޑަށް ވަރުގަދަވެފަ އެވެ.

ޕީއެސްޖީން އޭނާ ގެންދިޔައީ ލޯން އުސޫލުންނެވެ. ފްރާންސް ލީގުގެ ދެ ކްލަބުން ހެދި އެއްބަސްވުމުގައިވާ ގޮތުން މި ސީޒަނަށް ފަހު ލޯން މުއްދަތު ހަމަވުމުން އޭނާއާ އެކު 2022 ވަނަ އަހަރުގެ ނިޔަލަށް ދާއިމީ ކޮންޓްރެކްޓެއް ހެދުމުގެ ފުރުސަތު ޕީއެސްޖީ އަށް ލިބެ އެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ޑީލުގެ އަގު ބޯނަސްތަކާ އެކު 180 މިލިއަން ޔޫރޯ އަށް އަރާނެ އެވެ. އެހެންވެއްޖެ ނަމަ އެމްބާޕޭ ވެގެންދާނީ ފުޓްބޯޅަ ތާރީހުގެ ދެ ވަނަ އަށް އެންމެ އަގުބޮޑު ކުޅުންތެރިއާ އަށެވެ. މިހާރު އެންމެ އަގުބޮޑު ކުޅުންތެރިއަކީ ޕީއެސްޖީން ދާދި ފަހުން 222 މިލިއަން ޕައުންޑަށް ގަތް ނޭމާ އެވެ.