ނޭމާ އާއި ކަވާނީއާ ދެމެދުގައި މައްސަލައެއް ނެތް: ކޯޗު

ޕެރިސް (ސެޕްޓެމްބަރު 18) - ޕީއެސްޖީގެ ކުރިއަށް ކުޅޭ ދެ ކުޅުންތެރިން ކަމަށްވާ އެޑިސަން ކަވާނީ އާއި ނޭމާގެ ދެމެދުގައި މައްސަލައެއް ނެތް ޖެހިފައިނުވާ ކަމަށް އެޓީމުގެ ކޯޗު އުނާއި އެމެރީ ބުނެފި އެވެ.


ޕީއެސްޖީ ވަނީ ރޭ އަމިއްލަ ދަނޑުގައި 2-0 އިން ލިޔޯންގެ މައްޗަށް ކުރިހޯދައި މޮޅުވުމުގެ ރެކޯޑް ދަމަހައްޓައިފަ އެވެ. މި މެޗުގައި ޕީއެސްޖީން ޖެހި ދެ ގޯލަކީ ލިޔޯންގެ މާސެލޯ އާއި ޖެރެމީ މޮރެލް އަތުން ބައިކޮޅަށް ވަން ދެ ލަނޑެވެ. ކުޅުނު ހަ މެޗުން ވެސް މޮޅުވެ، ޕީއެސްޖީ އެއް ވަނައިގައި އޮތީ 18 ޕޮއިންޓާ އެކު އެވެ.

ރޭގެ މެޗުގައި ވެސް ޕީއެސްޖީ އަށް ލިބުނު ޕެނަލްޓީއެއް ޖަހާނެ ކުޅުންތެރިއަކު ނިންމުމުގައި ނޭމާ އާއި ކަވާނީގެ ދެމެދުގައި ދެބަސްވުމަކަށް ދާން ޖެހުނެވެ. ކަވާނީ ޕެނަލްޓީ ޖަހަން ބޯޅަ ހިފައިގެން ހުރިއިރު، ނޭމާ އޭނާ ގާތުގައި ބޯޅަ ދިނުމަށް އެދުނު ނަމަވެސް ކަވާނީ ނުދިނެވެ. އަދި ކަވާނީ ފޮނުވާލި ޕެނަލްޓީ ލިޔޯން ކީޕަރު އެންތަނީ ލޮޕޭޒް ވަނީ މަތަކޮށްފަ އެވެ.

އޭގެ ފަހުން ލިބުނު ހިލޭ ޖެހުމެއް ޖަހަން ކަވާނީ ގޮސް ހުއްޓައި ޑެނީ އަލްވެސް ވަނީ އެ ބޯޅަ ނޭމާ އަތަށް ދީފަ އެވެ. އަދި ކަވާނީ އެކަމާ ހިތްހަމަ ނުޖެހުނު މަންޒަރު ފެނުނެވެ.

"އަހަރެން އެ ދެ ކުޅުންތެރިން (ނޭމާ އާއި ކަވާނީ) ގާތުގައި ބުނެފިން ޕެނަލްޓީ ޖަހާނެ ކުޅުންތެރިއެއް ކަނޑައެޅުމުގައި އަމިއްލަ އަށް ގޮތެއް ނިންމަން. ދެން އެކަމުގައި އެ ދެ ކުޅުންތެރިންނަށް ހައްލެއް ނުހޯދިއްޖެނަމަ އަހަރެން ވަކި ގޮތެއް ކަނޑައަޅާނަން،" ރޭގެ މެޗަށް ފަހު އެމެރީ ބުންޏެވެ.

އޭނާ ބުނީ އެ ދެ ކުޅުންތެރިންގެ މެދުގައި ހައްލުނުކުރެވޭ ވަރުގެ ބޮޑު ދެބަސްވުމެއް އުފެދިފައިނުވާ ކަމަށެވެ.

"މިއީ ހައްލު ނުކުރެވޭ ވަރުގެ މައްސަލައެއް ނޫން. އަހަރެން އެ ދެ ކުޅުންތެރިން ގާތުގައި ބުނެފިން ޓީމުގެ މަސްލަހަތު ގެއްލޭ ގޮތަށް އެފަދަ ކަމެއް ނުކުރަން. އެ ދެ ކުޅުންތެރިން ވެސް އެކަން ގަބޫލުކުރޭ،" އެމެރީ ބުންޏެވެ.

ދުނިޔޭގެ ރެކޯޑް އަގަކަށް ބާސެލޯނާ ދޫކޮށް މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ޕީއެސްޖީ އަށް ބަދަލުވުމަށް ފަހު ނޭމާ އަންނަނީ އެ ޓީމުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ.