އެމްބާޕޭގެ ގަދަ ތިނެއްގައި މެސީ ނުހިމެނޭ

ޕެރިސް (ސެޕްޓެމްބަރު 19) - ފްރާންސްގެ ޕީއެސްޖީ އަށް ކުޅެމުން އަންނަ އުއްމީދީ ފޯވާޑް ކިލިއަން އެމްބާޕޭ އޭނާ އަށް އެންމެ މޮޅު ތިން ކުޅުންތެރިންނަކީ ރެއާލް މެޑްރިޑްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ޕީއެސްޖީގެ ނޭމާގެ އިތުރުން ޗެލްސީގެ އެޑެން ހަޒާޑް ކަމަށް ބުނެފި އެވެ.


އުމުރުން 18 އަހަރުގެ އެމްބާޕޭ ވިދާލީ މިދިޔަ ސީޒަނުގައި މޮނާކޯ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުން ޖާގަހޯއިރު އެ ޓީމަށް މުޅި ސީޒަނުގައި 26 ލަނޑު ކާމިޔާބު ކުރުމުންނެވެ. ނިމިދިޔަ ޓްރާންސްފާ މާކެޓްގައި އެމްބާޕޭ ހޯދަން ރެއާލުން މަސައްކަތްކުރި ނަމަވެސް އޭނާ ބަދަލުވީ ޕީއެސްޖީ އަށެވެ. ލޯން އެއްބަސްވުމެއްގެ ދަށުން މި އަހަރު އެމްބާޕޭ ޕީއެސްޖީ އަށް ކުޅުނު ނަމަވެސް އަންނަ އަހަރު އޭނާ 180 މިިލިއަން ޔޫރޯ އަށް ޕީއެސްޖީގެ ދާއިމީ ކޮންޓްރެކްޓެއްގައި ސޮއިކުރާނެ އެވެ.

އެމްބާޕޭ ބުނީ އޭނާ އަބަދުވެސް ފުޓްބޯޅަ އަށް ޝައުގުވެރިކަން ހުންނަ ކަމަށާއި ވަކިވަކި ކުޅުންތެރިންގެ ކުޅުން ވަރަށް ބޮޑަށް ބަލާ ކަމަށެވެ.

"އަހަރެން ވަކިވަކި ކުޅުންތެރިންގެ ކުޅުމަށް ވަރަށް ބަލަން. އެއީ އަހަރެންނަށް އެންމެ މޮޅު ތިން ކުޅުންތެރިންގެ ކުޅުން. އެއީ ރޮނާލްޑޯ. ހަޒާޑް އަދި ނޭމާ. މި ކުޅުންތެރިންނަކީ އަހަރެންގެ ނަޒަރުގައި ވަރަށް މޮޅު ތިން ކުޅުންތެރިން،" ފްރާންސްގެ އެފްއެފްއެފްޓީވީ އަށް ދިން އިންޓަވިއުއެއްގައި އެމްބާޕޭ ބުންޏެވެ.

ދާދި ފަހުން ރޮނާލްޑޯ ދިން އިންޓަވިއުއެއްގައި އޭނާ ވަނީ ކުރިއަށް އޮތް ފަސް ވަރަކަށް އަހަރު ފުޓްބޯޅައިގައި ވިދާލާނެ ކުޅުންތެރިންގެ ލިސްޓުގައި އެމްބާޕޭ ހިމަނައިފަ އެވެ. އަދި ޕީއެސްޖީ އަށް ރެކޯޑް އަގަކަށް ބާސެލޯނާ ދޫކޮށް ބަދަލުވި ނޭމާ ވެސް ވަނީ އެމްބާޕޭގެ ކުޅުމަށް ތައުރީފް ކޮށްފަ އެވެ.

މި ސީޒަނުގައި މިހާތަނަށް ޕީއެސްޖީން ކުޅުނު ހުރިހާ މެޗަކުން މޮޅުވެފައިވާއިރު، އެމްބާޕޭ ވަނީ ގިނަ މެޗުތަކެއްގައި އެ ޓީމަށް ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.