ބާސެލޯނާގައި މަޑުކުރަން ނޭމާ ނިންމައިފި

ބާސެލޯނާ (ޖުލައި 1) - ބާސެލޯނާ އަށް ކުޅޭ ބްރެޒިލްގެ ފޯވާޑް ނޭމާ އެ ޓީމުގައި މަޑުކުރަން ނިންމައިފި ކަމަށް ކްލަބްގެ ރައީސް ޖޯސެފް ބާޓޮމެއު ވިދާޅުވެއްޖެ އެވެ.


ބާސެލޯނާއާ އެކު ނޭމާ ހަދާފައިވާ އެއްބަސްވުމުގައި ބާކީ އޮތީ ދެ އަހަރެވެ. އޭނާ ހޯދަން ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީން އަންނަނީ މަސައްކަތް ކުރަމުންނެވެ. ބާސެލޯނާގެ ރައީސް ބާޓޮމެއު ވިދާޅުވީ ނޭމާ ވަރަށް އަވަހަށް އެ ޓީމާ އެކު ފަސް އަހަރުގެ އެއްބަސްވުމެއްގައި ސޮއިކުރާނެ ކަމަށެވެ.

"ނޭމާ ބާސެލޯނާއާ އެކު ހަދާފައިވާ އެއްބަސްވުން އިތުރު ފަސް އަހަރަށް އާ ކުރަން ނިންމައިފި. ވަރަށް އަވަހަށް ރަސްމީކޮށް އެއްބަސްވުމުގައި އޭނާ ސޮއިކުރާނެ. މިއީ ކްލަބަށް ވަރަށް އުފާވެރި ހަބަރެއް،" ބާޓޮމެއު ވިދާޅުވި އެވެ.

އާ އެއްބަސްވުމުގެ ދަށުން 2021 ގެ ނިޔަލަށް ނޭމާ ބާސެލޯނާގައި މަޑުކުރާނެ އެވެ. ބާސެލޯނާގެ ކޮންްޓްރެކްޓް އާ ކުރުމަށް ނިންމުމަށް ފަހު ނޭމާ ކުރި ޓްވީޓްގައި ބުނެފައިވަނީ އެ ޓީމާ އެކު ކުރިއަށްދާން ހުރީ ނުހަނު އުފަލާ އެކު ކަމަށެވެ.

ބާޓޮމެއު ވިދާޅުވީ ނޭމާ އަށް ފަހު ދެން އެ ޓީމުން އެންމެ ބޮޑު އިސްކަމެއް ދޭނީ ލިއޮނަލް މެސީ އާއި ހަވިއޭ މަޝަރާނޯގެ އެއްބަސްވުން އާ ކުރުމަށް ކަމަށެވެ.