ބަޔާންގެ ކޯޗަކަށް ރަނގަޅުވާނީ އެންރީކޭ: ގާޑިއޯލާ

މެންޗެސްޓާ (އޮކްޓޫބަރު 4) - ބަޔާން މިއުނިކްގެ ކޯޗަކަށް އެންމެ ރަނގަޅުވާނީ ބާސެލޯނާގެ ކުރީގެ ކޯޗު ލުއިސް އެންރީކޭ ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.


ޖަރުމަނުގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި ހުސްވެފައިވާ ބަޔާންގެ ކޯޗަކަށް ހަމަޖައްސަން ބަޔާނުން ބޭނުންވާ ކޯޗުންގެ ލިސްޓުގެ ތެރޭގައި އެންރީކޭ ހިމެނެ އެވެ. އޭނާގެ އިތުރުން ދެން ހިމެނެނީ މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ކޯޗު ލުއީ ވެން ހާލާއި ބޮރޫޝިއާ ޑޯޓްމަންޑުގެ ކޯޗު ތޯމަސް ޓުޗެލް އެވެ.

ކުރިން ބަޔާން އަށް ކޯޗުކޮށްދިން ގާޑިއޯލާ ބުނީ އެ ޓީމަށް ބޭނުންވަނީ އެ ކްލަބްގެ ހައިބަތު ހިފެހެއްޓޭނެ ފަދަ ކާމިޔާބު މިދިޔަ އަހަރުތަކުގެ ތެރޭގައި ހޯދާފައިވާ ކޯޗަކަށް ކަމަށެވެ.

"އަހަރެންގެ ނަޒަރުގައި ބަޔާނަށް މިހާރު އެންމެ ރަނގަޅު ކޯޗަކީ އެންރީކޭ. އެއީ މި ވަގުތު އެ ޓީމަށް ބޭނުންވަނީ ފާއިތުވި ހަތަރު ވަރަކަށް އަހަރަށް ބަލާއިރު ބޮޑު ޓީމެއް ގޮވައިގެން ފެންވަރު ސާބިތުކޮށްދީފައިވާ ކޯޗެއް. އެންރީކޭ ވަނީ ބާސެލޯނާގައި އެކަން ސާބިތުކޮށްދީފައި. ބަޔާނުގައި ވެސް އޭނާ އަށް އެކަން ތަކުރާރު ކުރެވޭނެ،" ގާޑިއޯލާ ބުންޏެވެ.

މިދިޔަ ހަފްތާގައި ބަޔާން ކޯޗުކަމުން ކާލޯ އަންޗެލޮޓީ ވަކިކުރީ އެ ޓީމުގެ ނަތީޖާތައް ދަށްވެ، ކުޅުންތެރިންގެ އިތުބާރު އޭނާ އަަށް ގެއްލުމުންނެވެ. އަންޗެލޮޓީ ވަކިކުރި ފަހުން ބަޔާން ކުޅުނު މެޗުގައި އެ ޓީމު ކުޅުނީ އެސިސްޓަންޓް ކޯޗު ވިލީ ސަންޔޯލްގެ އިރުޝާދުގެ ދަށުންނެވެ. އެ މެޗުގައި ބަޔާން ވަނީ ހާތާ ބާލިންއާ 2-2 އިން އެއްވަރުވެފަ އެވެ. ޖަރުމަނު ލީގުގެ ދެ ވަނައިގައި މި ވަގުތު ބަޔާން އޮތްއިރު، ލީގުގެ އެއް ވަނައިގައި އޮތް ޑޯޓްމަންޑާ ދެމެދު ފަސް ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ.

ބާސެލޯނާ ބީ ޓީމުން 2008 ވަނަ އަހަރު ކޯޗިން ކެރިއަރު ފެށި އެންރީކޭ ވަނީ އޭގެ ފަހުން އިޓަލީގެ ރޯމާ އާއި ސްޕެއިނުގެ ސެލްޓަ ވިގޯ އަށް ކޯޗުކޮށްދީފަ އެވެ. އެންރީކޭ ބާސެލޯނާއާ ހަވާލުވީ 2014 ވަނަ އަހަރު އެވެ. އެ ޓީމުގައި އޭނާ ހޭދަކުރި ތިން ސީޒަނުގައި ނުވަ މުބާރާތް ވަނީ ކާމިޔާބު ކޮށްފަ އެވެ.