ވޯލްޑް ކަޕަށް ކޮލިފައިނުވެދާނެ ކަމުގެ ބިރާ އެކު އާޖެންޓީނާ ކަރުތާ ފެނަށް

ބީނޯސް އޭރީޒް، އާޖެންޓީނާ (އޮކްޓޯބަރު 6) – ދެކުނު އެމެރިކާ ބައްރުގެ ވޯލްޑް ކަޕް ކޮލިފައިންގައި ރޭ ޕެރޫއާ ލަނޑެއް ނުޖެހި އެއްވަރުވެ ލިއޮނަލް މެސީ އާއި އާޖެންޓީނާ އަށް އަންނަ އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިނުވެދާނެކަމުގެ ހަގީގީ ބިރާ ކުރިމަތިވެއްޖެ އެވެ.


ދެކުނު އެމެރިކާ ބައްރުގެ ކޮލިފައިންގައި 10 ޓީމު ވާދަކުރާއިރު ވޯލްޑް ކަޕަށް ސީދާ ކޮލިފައިވާނީ ގަދަ ހަތަރު ޓީމެވެ. ފަސް ވަނަ ޓީމަށް ޖެހޭނީ އިންޓަ ކޮންފެޑެރޭޝަން ޕްލޭއޮފުގައި ނިއުޒީލެންޑާ ދެކޮޅަށް ކުޅޭށެވެ. އާޖެންޓީނާ މިވަގުތު އޮތީ ހަ ވަނައިގަ އެވެ. ކޮންމެ ޓީމަކަށް ބާކީ އޮތީ އެންމެ މެޗެކެވެ.

އެއް ވަނައިގައި 38 ޕޮއިންޓާ އެކު އޮތް ބްރެޒިލް މުބާރާތަށް ކޮލިފައިވެފައިވާއިރު ދެ ވަނައިގައި 28 ޕޮއިންޓާ އެކު އޮތް އުރުގުއޭ އަށް ވަނީ ދަށްގެން ޕްލޭއޮފުން ފުރުސަތު ލިބޭނެކަން ކަށަވަރުވެފަ އެވެ. ތިން ވަނައިގައި އޮތް ޗިލީ އާއި ހަތަރު ވަނައިގައި އޮތް ކޮލަމްބިއާ އަށް 26 ޕޮއިންޓް ލިބިފައިވާއިރު ލަނޑުގެ ތަފާތުން ކުރި ލިބެނީ ޗިލީ އަށެވެ. ޕެރޫ އާއި އާޖެންޓީނާ އަށް 25 ޕޮއިންޓް ލިބިފައިވާއިރު، ލަނޑުގެ ތަފާތުން ފަސް ވަނަ ލިބެނީ ޕެރޫ އަށެވެ.

ފަހު މެޗުގައި އަންގާރަ ދުވަހުގެރޭ ރަށުން ބޭރުގައި އާޖެންޓީނާ ނުކުންނާނީ ކޮލިފައިވުމުގެ ފުރުސަތު ގެއްލިފައިވާ އިކުއެޑޯއާ ދެކޮޅަށެވެ. ޕެރޫ އާއި ކޮލަމްބިއާ ބައްދަލުކުރާއިރު ޗިލީ ނުކުންނާނީ ބްރެޒިލާ ދެކޮޅަށެވެ.

ހަތަރު ވަނައިގައި އޮތް ކޮލަމްބިއާ އާއި ފަސް ވަނައިގައި އޮތް ޕެރޫ ބައްދަލުކުރާ މެޗުން ޔަގީނުން ވެސް ޕޮއިންޓްތަކެއް ގެއްލޭނެތީ، އިކުއެޑޯ އަތުން އާޖެންޓީނާ ފަހު މެޗުން މޮޅުވެއްޖެ ނަމަ އެ ޓީމަށް ދަށްވެގެން ފަސް ވަނަ ލިބި ޕްލޭއޮފުން ފުރުސަތު ލިބޭނެ އެވެ.

އެކަމަކު އިކުއެޑޯގެ ވެރިރަށް ކީޓޯގައި ކުޅެން ޖެހުމަކީ އާޖެންޓީނާ އަށް ކުރިމަތިވާނެ ގޮންޖެހުމެކެވެ. ކަނޑުގެ ލޮނުގަނޑަށް ވުރެ 9350 ފޫޓު އުހުގައި އޮންނަ ކީޓޯގައި އާޖެންޓީނާ އެންމެ ފަހުން ކުޅުނު ވޯލްޑް ކަޕް ކޮލިފައިންގެ ތިން މެޗުގެ ތެރެއިން ދެ މެޗުން ބަލިވިއިރު އެއް މެޗުން އެއްވަރުވީ އެވެ. ވޯލްޑް ކަޕް ކޮލިފައިންގައި ކީޓޯގައި އާޖެންޓީނާ އެންމެ ފަހުން މޮޅުވީ 2001 ވަނަ އަހަރެވެ.

ވޯލްޑް ކަޕުގެ ޗެމްޕިއަން 1978 ވަނަ އަހަރާއި 1986 ވަނަ އަހަރު ހޯދާފައިވާ އާޖެންޓީނާ އަށް އެންމެ ފަހުން ވޯލްޑް ކަޕުން ފުރުސަތު ގެއްލުނީ 1970 ވަނަ އަހަރެވެ. އާޖެންޓީނާ ނެތި ކުޅެފައިވަނީ ޖުމްލަ ހަތަރު ވޯލްޑް ކަޕެވެ.

އާޖެންޓީނާ ވޯލްޑް ކަޕަށް ކޮލިފައިނުވެދާނެ ކަމުގެ ޕްރެޝަރު އެންމެ ބޮޑު އެއް ކުޅުންތެރިއަކީ ކެޕްޓަން މެސީ އެވެ. ކްލަބް ލެވެލުގައި ބާސެލޯނާއާ އެކު އޭނާ ގާތްގަނޑަކަށް ހުރިހާ ކާމިޔާބެއް ހޯދާފައިވާއިރު ކެރިއަރުގައި މަދުވަނީ ސީނިއާ ގައުމީ ޓީމާ އެކު ބޮޑު ކާމިޔާބެކެވެ. މެސީއާ އެކު އާޖެންޓީނާ އެންމެ ފަހުގެ ވޯލްޑް ކަޕުގެ ފައިނަލުން ބަލިވިއިރު އެންމެ ފަހުގެ ދެ ކޮޕާ އެމެރިކާގެ ފައިނަލުން ވެސް ވަނީ ނާކާމިޔާބުވެފަ އެވެ.