ބާސާ އާއި އެތުލެޓިކޯ އެއްވަރުވުމުން ރެއާލަށް ހިތްހަމަޖެހުން

މެޑްރިޑް (އޮކްޓޯބަރު 15) – ސްޕެނިޝް ލީގުގައި ފުރަތަމަ ހަތް މެޗުން މޮޅުވެފައިވާ ބާސެލޯނާ ރޭ އެތުލެޓިކޯ މެޑްރިޑާ 1-1 އިން އެއްވަރުވުމާ އެކު ވާދަވެރި ރެއާލް މެޑްރިޑަށް ހިތްހަމަޖެހުމެއް ލިބިއްޖެ އެވެ.


ރޭ ގެޓަފޭ އަތުން ރަށުން ބޭރުގައި 2-1 އިން ރެއާލް މެޑްރިޑް މޮޅުވުމާ އެކު މިހާރު އެ ޓީމު ވަނީ އެއް ވަނައިގައި 22 ޕޮއިންޓާ އެކު އޮތް ބާސެލޯނާއާ ފަސް ޕޮއިންޓަށް ތަފާތު ކުޑަކޮށްފަ އެވެ. މެޑްރިޑް ދެ ވަނައިގައި އޮތީ 17 ޕޮއިންޓާ އެކު އެވެ. ރޭގެ މެޗުން ލިބުނު ޕޮއިންޓާ އެކު އެތުލެޓިކޯ އޮތީ 16 ޕޮއިންޓާ އެކު ތިން ވަނައިގަ އެވެ. ރޭ އެތުލެޓިކޯ މޮޅުވި ނަމަ މެޑްރިޑް ތިން ވަނަ އަށް ވެއްޓޭނެ އެވެ.

ރޭ މެޑްރިޑާއި ގެޓަފޭ ކުޅުނު މެޗުގެ 39 ވަނަ މިނެޓުގައި ކަރިމް ބެންޒެމާ ވަނީ މެޑްރިޑަށް ލީޑު ނަގައިދީފަ އެވެ. ގެޓަފޭގެ ޖޯޖް މޮލީނާ ވަނީ 56 ވަނަ މިނެޓުގައި އެ ޓީމަށް އެއްވަރުކޮށްދީފަ އެވެ. މެޑްރިޑް މޮޅުވީ 85 ވަނަ މިނެޓުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްދިން ލަނޑުންނެވެ.

އެތުލެޓިކޯގެ ދަނޑުގައި އެ ޓީމުން ބާސެލޯނާ ހުއްޓުވިއިރު އެ ޓީމަށް 21 ވަނަ މިނެޓުގައި ލީޑު ނަގައިދިނީ ސައުލް ނިގޭޒެވެ. ދެ ވަނަ ހާފުގެ ކުރީކޮޅު ލިއޮނަލް މެސީ ފޮނުވާލި ހިލޭ ޖެހުމެއް ގޯލް ދަނޑީގައި ވަނީ ޖެހިފަ އެވެ. ބާސެލޯނާ ބަލިނުވެ ސަލާމަތްވީ 82 ވަނަ މިނެޓުގައި ލުއިސް ސުއަރޭޒް ޖެހި ލަނޑުންނެވެ. ސާޖީ ރޮބާޓޯ ނެގި ހުރަސް ސުއަރޭޒް ގޯލަށް ވައްދާލީ ބޮލުން ޖަހަ އެވެ.

މި މެޗަކީ ބާސެލޯނާ ނިސްބަތްވާ ކެޓަލޯނިއާގައި ވަކި ދައުލަތެއް ގާއިމްކުރުމަށް ފެނޭތޯ ބެލުމަށް ނެގި ވޯޓުގެ ފަހުން ބާސެލޯނާ އިން ސްޕެއިނުގެ ވެރިރަށް މެޑްރިޑުގައި ކުޅުނު ފުރަތަމަ މެޗެވެ. އެތުލެޓިކޯގެ ސަޕޯޓަރުން ސްޕެއިނުގެ ދިދަ ހޫރިއިރު، އެ ޓީމުގެ ސަޕޯޓަރުން ވަނީ ވޯޓަށް ތާއީދުކުރި ބާސެލޯނާގެ ޑިފެންޑަރު ޖެރާޑް ޕީކޭއާ ދިމާކޮށްފަ އެވެ.