ނޭމާ އަށް ރަތެއް، ޕީއެސްޖީ ސަލާމަތްކޮށްދިނީ ކަވާނީ

މާސޭ، ފްރާންސް (އޮކްޓޯބަރު 23) - ފްރެންޗް ލީގުގައި ރޭ ޕީއެސްޖީ ކުޅުނު މެޗުގައި އެ ޓީމުގެ ތަރި ނޭމާ އަށް ރަތެއް ދެއްކިއިރު، އިތުރު ވަގުތުގައި އެޑިސަން ކަވާނީ ވައްދާލި ހިލޭ ޖެހުމަކުން 2-2 އިން މާސޭއާ ޕީއެސްޖީން އެއްވަރުކޮށްފި އެވެ.


ޕީއެސްޖީ ލީގުގެ އެއް ވަނައިގައި އޮތީ 10 މެޗުން 26 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތީ 22 ޕޮއިންޓާ އެކު މޮނާކޯ އެވެ. މާސޭ އޮތީ 10 މެޗުން 18 ޕޮއިންޓާ އެކު ލީގުގެ ފަސް ވަނައިގަ އެވެ.

ރޭގެ މެޗުގެ 16 ވަނަ މިނިޓްގައި މާސޭ އަށް ލީޑުނަގައިދިނީ ކުރިން ބަޔާން މިއުނިކަށް ކުޅުނު ބްރެޒިލްގެ މިޑްފީލްޑަރު ލުއިޒް ގުސްޓާވޯ އެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ނޭމާ ވަނީ ޕީއެސްޖީ އަށް އެއްވަރުކޮށްދީފަ އެވެ. މިއީ ނޭމާ އެ ޓީމަށް ކާމިޔާބު ކޮށްދިން 10 ވަނަ ލަނޑެވެ.

މާސޭ އަށް ދެ ވަނަ ފަހަރަށް ލީޑުނަގައިދިނީ މެޗުގެ 78 ވަނަ މިނިޓްގައި ކުރިން ނިއުކާސަލް ޔުނައިޓެޑަށް ކުޅުނު ވިންގް ފްލޯރިއަން ތޯވާން އެވެ.

ޕީއެސްޖީ އަށް މި މެޗުގައި ދިމާވި އެންމެ ބޮޑު މައްސަލަ އަކީ ދެ ވަނަ ހާފްގެ މެދުތެރެއިން ނޭމާ އަށް ރަތް ކާޑު ދެއްކުމުންނެވެ. ނޭމާ އަށް ދެ މިނިޓް ތެރޭ ދެ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކީ މެޗުގެ 87 ވަނަ މިނިޓްގަ އެވެ. އޭނާ އަށް ދެ ވަނަ ރީނދޫ ކާޑު ދެއްކީ މާސޭގެ އާޖެންޓީނާ ފޯވާޑް ލޫކަސް އޮކަމްޕޯސް ގައިގައި ބޮލުން ޖެހުމުންނެވެ.

އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެ ވެސް ޕީއެސްޖީން ވަނީ މާސޭ އަށް ނުރައްކާ ކޮށްފަ އެވެ. ޕީއެސްޖީ އަށް އެއްވަރުކޮށްދިނީ އިތުރު ވަގުތުގައި ލިބުނު ހިލޭ ޖެހުމަކުން ކަވާނީ އެވެ.

ޕީއެސްޖީގެ ކޯޗު އުނާއި އެމެރީ ބުނީ ނޭމާ އަށް ރަތް ކާޑު ދެއްކީ ރެފްރީ އަށް މެޗުގައި ގިނަ ގޯސްތަކެއް ހެދިގެން ކަމަށެވެ.

"ތަކުރާރުކޮށް ނޭމާ އަށް ކުރަމުންދިޔަ ފައުލުތައް ދިޔައީ އިތުރުވަމުން. ރެފްރީ އަށް އެކަން ނުހުއްޓުވުނު. އޭގެ ނަތީޖާ އަކަށްމިވީ ނޭމާގެ ރުޅިގަނޑު ފަޅައިގެން ދިޔުން. ރެފްރީން އެބަޖެހޭ ބައެއް ކުޅުންތެރިންނަށް ކުރާ ފައުލުތަކަށް އިސްކަމެއްދޭން،" އެމެރީ ބުންޏެވެ.