ޑޯޓްމަންޑް ބަލިވުމުގެ ފައިދާ ބަޔާނުން ނަގައިފި

މިއުނިކް (އޮކްޓޯބަރު 29) - ހެނޯވާ އަތުން 4-2 އިން ބޮރޫޝިއާ ޑޯޓްމަންޑް ބަލިވުމުގެ ފައިދާ ނަގައި އާރްބީ ލިޕްޒިގު 2-0 އިން ބަލިކޮށް ބަޔާން މިއުނިކް ޖަރުމަނު ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.


ބަޔާން އެއް ވަނައިގައި އޮތީ 10 މެޗުން 23 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ޑޯޓްމަންޑަށް ލިބިފައިވަނީ 10 މެޗުން 23 ޕޮއިންޓް ހޯދައިގެންނެވެ. ތިން ވަަނައިގައި އޮތް ލިޕްޒިގަށް ލިބިފައިވަނީ 10 މެޗުން 19 ޕޮއިންޓެވެ.

ސީޒަނުގެ ކުރީކޮޅުގެ ދަށް ނަތީޖާތަކުގެ ސަބަބުން ބަޔާނަށް ލީގުގެ އެއް ވަނަ ގެއްލުނެވެ. ބަޔާނުގެ ނަތީޖާތަށް ރަނގަޅުވީ އެ ޓީމުގެ ކޯޗުކަމުން ކާލޯ އަންޗެލޮޓީ ވަކިކޮށް ކުރީގެ ކޯޗު ޔުޕް ހެއިންކެސް ގެނައި ފަހުންނެވެ. ރޭގެ މެޗުގެ ބޮޑުބައި ލިޕްޒިގުން ކުޅުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެއީ މެޗުގެ 13 ވަނަ މިނިޓްގައި ލިޕްޒިގުގެ ކެޕްޓަން ވިލީ އޯބަން އަށް ރަތް ކާޑު ދެއްކުމުންނެވެ.

ރޭގެ މެޗުގައި ބަޔާނުގެ ލަނޑުތައް ކާމިޔާބުކުރީ ރޮބަޓް ލެވަންޑޯސްކީ އާއި ޖޭމްސް ރޮޑްރިގޭޒް އެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ލިބުނު އަނިޔާއަކާ ގުޅިގެން ލެވަންޑޯސްކީ ވަނީ ބަދަލުކޮށްފަ އެވެ.

މެޗަށް ފަހު ހެއިންކެސް ބުނީ ލީގުގެ އެއް ވަނަ އަށް އެރުމަކީ އޭނާ ހަވާލުވުމަށް ފަހު ފުރަތަމަ ކަނޑައެޅި ޓާގެޓް ކަމަށެވެ.

"އަހަރެން ހަވާލުވިއިރު ބަޔާން އޮތީ މި ކްލަބް އޮންނަން ޖެހޭ މަގާމުގައެއް ނޫން. އެހެންވެ އަހަރެން މަސައްކަތް ފެށީ މި ކްލަބްގެ ހައްގު މަގާމަށް ގެންދަން. އެ މަސައްކަތް މިހާރު ކާމިޔާބުވީ. ދެން އޮތީ މިކަން ދެމެހެއްޓުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުން،" 2013 ވަނަ އަހަރު ބަޔާނަށް ޗެމްޕިއަންސް ލީގާއި ޖަރުމަނު ލީގު އަދި ޖަރުމަނު ކަޕް ކާމިޔާބު ކޮށްދިން ހެއިންކެސް ބުންޏެވެ.

ރޭގެ މެޗުގައި އަނިޔާވެގެން ބަދަލުކުރި ޕޮލެންޑުގެ ފޯވާޑް ލެވަންޑޯސްކީ އަށް ހަފްތާއެއްގެ ތެރޭގައި ކުޅުމަށް އެނބުރި އާދެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް ހެއިންކެސް ވަނީ ބުނެފަ އެވެ.