ބާސެލޯނާއާ އަލުން ގުޅުމުގެ ފުރުސަތު ނޭމާ އަށް އެބައޮތް: ވަލްވޭޑޭ

އެތަންސް، ގްރީސް (އޮކްޓޯބަރު 31) - މި ސީޒަން ފެށުމުގެ ކުރިން ބާސެލޯނާ ދޫކޮށް ޕީއެސްޖީ އަށް ދުނިޔޭގެ ރެކޯޑް އަގަކަށް ބަދަލުވި ބްރެޒިލްގެ ނޭމާ އެ ޓީމާ އަލުން ގުޅުމުގެ ފުރުސަތު އެބައޮތް ކަމަށް ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވޭޑޭ ބުނެފި އެވެ.


ނޭމާ ބާސެލޯނާ ދޫކޮށްލީ އެ ޓީމުގެ ވެރިންނާ މައްސަަލަ ޖެހިގެން ކަމަށް މީޑިއާގައި އަޑުފެތުރުނެވެ. ވަލްވޭޑޭ ބުނީ އެކަމާ ވާހަކަ ދައްކަން ބޭނުންނުވާ ކަމަށާއި އޭނާ ކޯޗަކަށް ހުއްޓައި ނޭމާ އެ ކްލަބަށް އަންނަން ބޭނުންވެއްޖެނަމަ މަރުހަބާ ކިޔާނެ ކަމަށެވެ.

"ނޭމާ އަކީ ކިހާ މޮޅު ކުޅުންތެރިއެއް ކަން އަހަރެމެން އެންމެނަށް އެނގޭ. މި ކްލަބާ އަލުން ގުޅެން އޭނާ (ނޭމާ) ބޭނުންވެއްޖެނަމަ އޭނާ އަށް އެ ފުރުސަތު އެބައޮތް. ކުރިއަށް ވާނެ ގޮތެއް އެނގޭނީ ކިހިނެއް،" މިރޭ ކުރީގެ ކްލަބް އޮލިމްޕިއާކޯސްއާ ދެކޮޅަށް ޗެމްޕިއަންސް ލީގުގައި ކުޅޭ މެޗުގެ ކުރިން ވަލްވޭޑޭ ބުންޏެވެ.

އޮލިމްޕިއާކޯސް އަށް 2010 އިން 2012 އަށް ކޯޗު ކޮށްދިން ވަލްވޭޑޭ ވަނީ އެ ޓީމަށް ތިން ފަހަރު ގްރީސްގެ ސުޕަ ލީގު ކާމިޔާބު ކޮށްދީފަ އެވެ. މި ދެ ޓީމު ބާސެލޯނާ ދަނޑުގައި ކުޅުނު މެޗުން ބާސެލޯނާ މޮޅުވީ 3-1 އިންނެވެ.

މިރޭގެ މެޗުން ރަށުން ބޭރުގައި އޮލިމްޕިއާކޯސް އަތުން މޮޅުވެއްޖެނަމަ ބާސެލޯނާ އަށް މުބާރާތުގެ ދެ ވަނަ ބުރުގެ ޖާގައެއް ޔަގީންވާނެ އެވެ. ވަލްވޭޑޭ ބުނީ އެތަންސް އަކީ އޭނާ ސިޓީއެއް ކަމަށާއި ބާސެލޯނާ ގޮވައިގެން މި މެޗަށް ނުކުންނައިރު އޭނާ ބޭނުންވަނީ މޮޅެއް ހޯދުން ކަމަށެވެ.

"ވަރަށް ހިތްގައިމު މާހައުލެއްގައި ވަރަށް ފުޓްބޯޅަ އަށް ލޯބިކުރާ ސަޕޯޓަރުން ކުރިމަތީގައި ކުޅޭނެ މެޗެއް މިއީ. ކޮންމެ ނަތީޖާއެއް ނުކުތް ނަމަވެސް އަހަންނަށް އެނގޭ އޮލިމްޕިއާކޯސް ސަޕޯޓަރުން އަަހަންނަށް އިހުތިރާމް ކުރާނެކަން. އެކަމަކު މި މެޗުން މޮޅުވެ އަހަރެމެންނަށް އަނެއް ބުރަށް ކޮލިފައިވެވެން އޮތުމުން ޓާގެޓަކީ މޮޅެއް،" ވަލްވޭޑޭ ބުންޏެވެ.

އޮލިމްޕިއާކޯސްގެ ކޯޗު ޓަކިސް ލެމޫނިސް ބުނީ އެ ޓީމަށް މި މެޗުގައި ވެސް އެންމެ ނުރައްކާ ބޮޑުވާނީ މި ވަގުުތު ރަނގަޅު ފޯމެއްގައި ހުރި ބާސެލޯނާގެ ތަރި ލިއޮނަލް މެސީގެ ފަރާތުން ކަމަށެވެ.