ބާސެލޯނާ މޮޅުވިއިރު، މެޑްރިޑް ޑާބީ އެއްވަރު

ބާސެލޯނާ (ނޮވެމްބަރު 19) - ސްޕެނިޝް ލީގުގައި ރޭ ބާސެލޯނާ އިން 3-0 އިން ލެގަނޭސް ބަލިކުރިއިރު، ރެއާލް މެޑްރިޑާއި އެތުލެޓިކޯ މެޑްރިޑް ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރުވެއްޖެ އެވެ.


ރޭގެ ނަތީޖާތަކާ އެކު ބާސެލޯނާ ލީގުގެ އެއް ވަނައިގައި އޮތީ 12 މެޗުން 34 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ވެލެންސިއާ އަށް 11 މެޗުން 27 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ރެއާލާއި ހަތަރު ވަނައިގައި އޮތް އެތުލެޓިކޯ އަށް ލިބިފައިވަނީ 12 މެޗުން 24 ޕޮއިންޓެވެ.

ރޭގެ މެޗުގައި ލެގަނޭސް ކޮޅަށް ބާސެލޯނާގެ ތިން ގޯލުގެ ތެރެއިން ދެ ގޯލު ޖެހީ ލުއިސް ސުއަރޭޒް އެވެ. މިއީ ލަނޑެއް ނުޖެހި ދަނޑުމަތީގައި 479 މިނިޓް ހޭދަކުރުމަށް ފަހު ސުއަރޭޒް ޖެހި ފުރަތަމަ ގޯލުތަކެވެ. ބާސެލޯނާގެ އަނެއް ލަނޑު ޖެހީ ލިއޮނަލް މެސީ ދިން ބޯޅައަކުން ޕައުލީނިއޯ އެވެ.

ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވޭޑޭ ބުނީ މެޗުގެ ނަތީޖާ ކޮންމެ ގޮތަކަށް ނުކުތް ނަމަވެސް މިއީ ވަރަށް އުނދަގޫ މެޗެއް ކަމަށެވެ.

"ނަތީޖާ އަކީ އެންމެނަށް ވެސް ފެންނަން އޮތްގޮތަށް 3-0. އެކަމަކު އަހަރެން ދެކޭގޮތުގައި މިއީ ވަރަށް އުނދަގޫ މެޗެއް. ލަގެނޭސް އިން ވަރަށް ރަނގަޅަށް އަހަރެމެންނާ ދެކޮޅަށް ކުޅެފި. ދެ ޓީމުގެ ކުޅުންތެރިންގެ ފަރަގު ބޮޑުވިޔަސް އެ ޓީމުން ދެއްކި ކުޅުން ވަރަށް ރަނގަޅު،" ވަލްވޭޑޭ ބުންޏެވެ.

ރޭގެ މެޗުގައި ވެސް އެތުލެޓިކޯގެ އެންޓޮއިން ގްރީޒްމަން އާއި ރެއާލްގެ ކްރިސްޓިއާނޯ ރޮނާލްޑޯގެ ފޯމު ފެނުނީ ދަށްކޮށެވެ. ފާއިތުވި ސީޒަން ތަކުގައި ދެއްކި ކުޅުން މި ދެ ކުޅުންތެރިންނަށް މި އަހަރު އަދި ނުދެއްކެ އެވެ.

މި މެޗުން އެއްވަރުވެ ލީގުގެ އެއް ވަނައިގައި އޮތް ބާސެލޯނާއާ ރެއާލްގެ ފަރަގު 10 ޕޮއިންޓަށް ބޮޑުވެފައިވާއިރު، ރެއާލްގެ ކޯޗު ޒިނެދިން ޒިދާން ބުނީ އަދި ކަންބޮޑުވެގެން ހާސްވާކަށް ނުޖެހޭ ކަމަށެވެ.

"މި ވަގުތު 10 ޕޮއިންޓްގެ ފަރަގެއް އޮތަސް ޔަގީންކަމަކީ ބާސެލޯނާ ހުރިހާ މެޗަކުން މޮޅެއް ނުވާނެކަން. އަހަރެން އަބަދުވެސް ފަހަތުގައި ވިއްދާނަން. އެހާ ފަސޭހައިން ދުލެއް ނުކޮށްލާނަން،" ޒިދާން ބުންޏެވެ.

އެތުލެޓިކޯގެ ކޯޗު ޑިއޭގޯ ސިމިއޯނީ ބުނީ މި މެޗުގައި އެތުލެޓިކޯ އިން ނުކުތީ ވަރަށް ސަމާލުވެގެން ކަމަށާއި ބަލިނުވެ ފަރުޖައްސާލުމަކީ ވެސް އެއް ޓާގެޓް ކަމަށެވެ.