ނޭމާ ހޯދި ގޮތަށް ކުޓީނިއޯ ވެސް ގެނެވިދާނެ: ތިއާގޯ ސިލްވާ

ޕެރިސް (ނޮވެމްބަރު 20) - މި ސީޒަން ފެށުމުގެ ކުރިން ބާސެލޯނާ އިން ނޭމާ ގެނައި ގޮތަށް ލިވަޕޫލްގެ ފިލިއްޕޭ ކުޓީނިއޯ ވެސް ހޯދަން ބޭނުންވާ ކަމަށް ޕީއެސްޖީގެ ކެޕްޓަން ބްރެޒިލްގެ ޑިފެންޑަރު ތިއާގޯ ސިލްވާ ބުނެފި އެވެ.


ދުނިޔޭގެ ރެކޯޑް އަގެއް ކަމަށްވާ 222 މިލިއަން ޔޫރޯ އަށް ނޭމާ ޕީއެސްޖީ އަށް ބަދަލުވުމުގައި އެ ޓީމަށް ކުޅޭ ބްރެޒިލްގެ ކުޅުންތެރިން ކަމަށްވާ ޑެނީ އަލްވޭސް އާއި ސިލްވާ އަދި ލޫކަސް މޯރާގެ ދައުރު ބޮޑެވެ. މިހާރު މި ކުޅުންތެރިން އަމާޒު ހިފާފައިވަނީ އަންނަ ސީޒަނަށް ކުޓީނިއޯ ހޯދުމަށެވެ.

ކުޓީނިއޯ ހޯދަން އެންމެ ފަހުގެ ޓްރާންސްފާ މާކެޓްގައި ބާސެލޯނާ އިން ކުރި ހުރިހާ ބިޑެއް ވެސް ވަނީ ނާކާމިޔާބުވެފަ އެވެ. އަދި ބާސެލޯނާ އަށް ދާން ކުޓީނިއޯ ބޭނުންވި ނަމަވެސް ލިވަޕޫލުން ދޫކުރަން އެއްބަހެއް ނުވި އެވެ. ކުޓީނިއޯ ގަތުމުގެ ރޭހަށް މިހާރު ޕީއެސްޖީން ވެސް ވަނީ ވަދެފަ އެވެ.

"އަހަރެން ކުޓީނިއޯއާ ވަރަށް ވާހަކަ ދައްކަން. އުއްމީދުކުރަން އަހަރެމެން އެންމެން ހައިރާންކޮށްލާ ފަދަ ނިންމުމެއް އޭނާ ނިންމާނެ ކަމަށް،" ސިލްވާ ބުންޏެވެ.

"ކުޓީނިއޯ އަށް އަހަރެން ލަފާދެން ކަންކަމުގައި. ނޭމާ އަށް ވެސް އަހަރެން ލަފާ ދިނިން އަދިވެސް ދެން. އަހަރެންގެ އުއްމީދަކީ ކުޓީނިއޯ އޭނާގެ މުސްތަގުބަލާ މެދު ވިސްނައި މި ސީޒަނަށް ފަހު ޕީއެސްޖީ އަށް ބަދަލުވާނެ ކަމަށް،" ކުރިން އޭސީ މިލާނަށް ކުޅުނު ސިލްވާ ބުންޏެވެ.

ކުޓީނިއޯ ދާދި ފަހުން ބުނީ ލިވަޕޫލުގައި އޭނާ ހުރީ ހިތްހަމަ ޖެހިގެން ކަމަށާއި އެ ކްލަބުގައި އޭނާ އަށް ގިނަ ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ. އަދި ކްލަބް ދޫކޮށްލުމުގެ ވާހަކަތަކާ ގުޅޭގޮތުން އެއްޗެއް ބުނަން ބޭނުންނުވާ ކަމަށް ބުންޏެވެ.