ޑޯޓްމަންޑުގެ ކޯޗުކަން އެންރީކޭ އަށް ހުށަހަޅައިފި

މިއުނިކް (ޑިސެމްބަރު 1) - ބޮރޫޝިއާ ޑޯޓްމަންޑްގެ ކޯޗުކަން ނުރަސްމީ ގޮތަކަށް، ކުރިން ބާސެލޯނާ އަށް ކޯޗުކޮށްދިން ލުއިސް އެންރީކޭ އަށް ހުށަހަޅާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.


ޖަރުމަނުގެ ކުޅިވަރު މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި ޑޯޓްމަންޑްގެ ޗީފް ހަންސް-ޔަކީން ވަޓްޒްކޭ ވަނީ މިދިޔަ ބުދަ ދުވަހުގެރޭ އެންރީކޭއާ އެކު އެމެރިކާގައި ބައްދަލުވުންތަކެއް ބާއްވައިފަ އެވެ. އަދި އެ ބައްދަލުވުމުގެ ތެރެއިން އެންރީކޭ އަށް ނުރަސްމީކޮށް ޑޯޓްމަންޑް ކޯޗުކަން ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ޑޯޓްމަންޑުގެ ކޯޗަކަށް މިހާރު ހުރި ޕީޓަ ބޯޒް އެ ޓީމާ ހަވާލުވެ އެންމެ ފުރަތަމަ މެޗުތަކުގައި ތަފާތު ދެއްކި ނަމަވެސް ފަހުން އެ ޓީމު ވަނީ ވަރަށް ބޮޑަށް ފޯމު ގެއްލިފަ އެވެ. އެންމެ ފަހުން ކުޅުނު 10 މެޗުން އެންމެ މޮޅެއް ހޯދުނުއިރު، ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން ވަނީ ކަޓައިފަ އެވެ.

ޑޯޓްމަންޑުގެ ބޯޑުން ވަނީ ބޯޒް އަށް ޓީމުގެ ނަތީޖާ ރަނގަޅު ކުރަން މުހުލަތެއް ދީފަ އެވެ. އަދި އެ މުއްދަތުގެ ތެރޭގައި އޭނާ އަށް އެކަން ނުކުރެވިއްޖެނަމަ މަގާމުން ދުރުކުރާނެކަން އަންގާފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.

ދާދި ފަހުން ބަޔާން މިއުނިކް ކޯޗަކަށް އެންރީކޭ ގެންނަން ވެސް މަޝްވަރާކުރި އެވެ. އެހެން ނަަމަވެސް ފަހުން ބަޔާނުން ނިންމީ މި ސީޒަނުގެ ނިޔަލަށް ޔުޕް ހެއިންކެސްއާ އެ ޓީމު ހަވާލުކުރާށެވެ.

ބާސެލޯނާ ބީ ޓީމުން 2008 ވަނަ އަހަރު ކޯޗިން ކެރިއަރު ފެށި އެންރީކޭ ވަނީ އޭގެ ފަހުން އިޓަލީގެ ރޯމާ އާއި ސްޕެއިނުގެ ސެލްޓަ ވިގޯ އަށް ކޯޗުކޮށްދީފަ އެވެ. އެންރީކޭ ބާސެލޯނާއާ ހަވާލުވީ 2014 ވަނަ އަހަރު އެވެ. އެ ޓީމުގައި އޭނާ ހޭދަކުރި ތިން ސީޒަނުގައި ނުވަ މުބާރާތް ވަނީ ކާމިޔާބު ކޮށްފަ އެވެ.

ޑޯޓްމަންޑާ ހަވާލުވަން އެންރީކޭ އެއްބަސްނުވެއްޖެނަމަ ދެން އެ ޓީމުން ހޯދަން މަސައްކަތްކުރާނެ ކަމަށް ބެލެވެނީ ކުރިން ޕީއެސްޖީގައި ހުރި ލޯރެންޓް ބްލޮންކް އެވެ.