ޗެލްސީ އަތުގައި މެސީ ހުއްޓުވުމުގެ ރެކޯޑެއް!

ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ގުރުއަތުލުމަށް ފަހު އެންމެ ގިނަ ބަޔެއްގެ ކަޅި އަމާޒުވި މެޗަކީ ޗެލްސީ އާއި ބާސެލޯނާ ބައްދަލުކުރާ މެޗެވެ. މި މެޗަކީ އެހެން ގޮތަކުން ވެސް ވަރަށް ހާއްސަ މެޗެކެވެ. އެއީ ފާއިތުވި އަހަރުތަކުގައި ގޯލު ޖެހުމުގެ އެތަކެއް ރެކޯޑް ހަދާފައިވާ މެސީ އަށް މިހާތަނަށް ޗެލްސީ ކޮޅަށް ލަނޑެއް ޖެހިފައިނުވާތީ އެވެ.


މިއީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމު ފަސް ފަހަރު ހޯދާފައިވާ މެސީގެ އެންމެ ދަށް ރެކޯޑެވެ.

އުމުރުން 30 އަހަރުގެ މެސީ ވަނީ މިހާތަނަށް ޗެލްސީއާ ދެކޮޅަށް އަށް މެޗެއް ކުޅެފަ އެވެ. އެ މެޗުތަކުގައި މެސީ ޖުމްލަ 29 ޝޮޓެއް ފޮނުވާލާފައިވާއިރު، އޭނާ ހުއްޓުވުމުގައި އެންމެ މޮޅު ކުޅުމެއް ދެއްކީ އޭރު ޗެލްސީގެ ކީޕަރު އަދި މިހާރު އާސެނަލް ގޯލު ބަލަހައްޓަމުން އަންނަ ތަޖުރިބާކާރު ކީޕަރު ޕެޓަ ޗެކް އެވެ. ޗެލްސީ ކޮޅަށް ލަނޑު ޖަހަން މެސީ އަށް ލިބުނު އެންމެ ރަނގަޅު ފުރުސަތަކީ 2012 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ބާސެލޯނާ ދަނޑުގައި ކުޅުނު މެޗުގަ އެވެ. އެ މެޗުގައި ލިބުނު ޕެނަލްޓީ މެސީ އަށް ކާމިޔާބު ނުކުރެވުނެވެ.

ޗެލްސީއާ ދެކޮޅަށް ކުޅުމުގެ ކުރިން 2006 ވަނަ އަހަރު އޭރު އުމުރުން 19 އަހަރުގެ މެސީ ބުނީ އެ ޓީމުގައި ރެއާލް މެޑްރިޑަށް ވުރެ ޗެލްސީ އަށް ނަފުރަތު ކުރާ ކުޅުންތެރިން ގިނަ ކަމަށެވެ.

"ބައެއް ކުޅުންތެރިން އެބަތިބި ރެއާލް މެޑްރިޑަށް ވުރެން ބޮޑަށް ޗެލްސީ ދެކެ ނަފްރަތުކުރާ. އަހަރެން ހައިރާންވޭ މިކަމާ ހުރެ. އަހަރެން ހިޔެއް ނުކުރަން އެހެން އަހަރެން ބުނަން ޖެހިދާނެ ކަމަށް. އެކަމަކު މިއީ ހަގީގަތް. މި ކަހަަލަ ރުޅިވެރިކަމެއް އަހަރެން ނުދެކެން އާޖެންޓީނާގައި ބޮކަ އާއި ރިވަ ޕްލޭޓް ކުޅޭއިރު ވެސް،" މެސީ އޭރު ބުންޏެވެ.

މި ސީޒަނުގައި މިހާތަނަށް ބާސެލޯނާ އިން ކުޅުނު އެއްވެސް މެޗަކުން ބަލިވެފައިނުވާއިރު، ޗެމްޕިއަންސް ލީގުގެ ދެ ވަނަަ ބުރުގައި އިނގިރޭސި ޗެމްޕިއަން ޗެލްސީއާ ދެކޮޅަށް ކުޅެން ޖެހުމަކީ ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވޭޑޭ އަށް ޔޫރަޕުގައި ކުރިމަތިވާނެ އެންމެ ބޮޑު އެއް ޓެސްޓް އެވެ. އަދި މި ސީޒަނުގެ މިހާތަނަށް މެސީ ދައްކަމުން އަންނަ ކުޅުމަށް ބަލާއިރު ޗެލްސީއާ ދެކޮޅަށް މި ފަހަރު އޭނާ ލަނޑު ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް ފުޓްބޯޅައިގެ ގިނަ ތަޖުރިބާކާރުން ގަބޫލުކުރެ އެވެ.