ދެއްކި ވާހަކަތަކާ ގުޅިގެން މޮރީނިއޯ ހޫނުފެނަށް!

މެންޗެސްޓާ (ޑިސެމްބަރު 15) - އިނގިރޭސި ޕްރިމިއާ ލީގުގައި މިދިޔަ ހަފްތާގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ދެއްކި ވާހަކަތަކަކާ ގުޅިގެން އިނގިރޭސި އެފްއޭ އަށް ޖަވާބުދާރީވާން އޭނާ އަށް އަންގައިފި އެވެ.


ސިޓީ އަތުން 2-1 އިން ޔުނައިޓެޑް ބަލިވި މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޮރީނިއޯ ދެއްކި ދެ ވާހަކައަކާ ގުޅިގެން އެފްއޭ އިން ވަނީ އޭނާގެ މައްސަލަ ބަލަން ފަށައިފަ އެވެ. ބަލަނީ ސިޓީ ކުޅުންތެރިން ޑައިވް ކުރާ ކަމަށް ބުނުމުގެ އިތުރުން ސިޔާސީ ހަރަކާތަކަށް ވާފަދަ ކަންތައްތައް ކުރަން ކޯޗުންނަށް ހުއްދަ އޮންނަ ކަމަށް ބުނުމުންނެވެ.

މޮރީނިއޯ ވަަނީ ވައި ޖެހިލާ ގޮތަކުން ވެސް ސިޓީ ކުޅުންތެރިން ޑައިވްކޮށްގެން ފައުލު ހޯދާ ކަމަށް ބުނެފަ އެވެ. އަދި އެ ފަދަ ކަންކަމަށް ރެފްރީން ފުރުސަތު ދޭ ކަމަށެވެ. މީގެ އިތުރުން މޮރީނިއޯ ބުނީ ޓައިޗްލައިންގައި ހުންނަ ކޯޗަކަށް ސިޔާސީ ކަންތައްތައް ކުރުމަށް ވެސް ފުރުސަތު އޮންނަ ކަމަށެވެ.

މޮރީނިއޯ މިހެން ބުނީ ދާދި ފަހުން ކަޓަލޫނިއާ އަކީ މިނިވަން ދައުލަތަކަށް ވުމަށް ކުރި މަސައްކަތަށް ސަޕޯޓްކުރުމުގެ ގޮތުން ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ރީނދޫ ކުލައިގެ ރިބަން ކޮޅެއް އަތުގައި އައްސައިގެން ބެންޗަށް އައިސްފައިވާތީ އެކަމަށް ނިސްބަތްކޮށެވެ.

އެފްއޭ އިން ވަނީ މި މައްސަލައިގައި ޖަވާބުދާރީވާން މޮރީނިއޯ އަށް އަންނަ ހޯމަ ދުވަހާ ހަމަ އަށް ފުރުސަތު ދީފަ އެވެ.

މީގެ އިތުރުން ސިޓީ އާއި ޔުނައިޓެޑް ބައްދަލުކުރި މެޗަށް ފަހު ޓަނަލް ތެރޭގައި ހިނގި ހަމަނުޖެހުމުގެ މައްސަލަތައް ވެސް އެފްއޭ އިން އަންނަނީ ބަލަމުންނެވެ. އަދި މިކަމާ ގުޅިގެން ޔުނައިޓެޑާއި ސިޓީން އެފްއޭ އަށް އެ ވަގުތު ހިނގި ކަންތައްތަކުގެ ތަފްސީލް ދިނުމަށް ވަނީ އަންގައިފަ އެވެ. އެފްއޭ އިން މި ގޮތަށް ކަންތައް ކުރީ ޓަނަލް ތެރޭގައި ހިނގި ކަންތައްތައް އެ މެޗުގެ ރެފްރީ ރިޕޯޓުގައި ހިމަނާފައިނުވާތީ އެވެ.