ގްރީޒްމަން އަށް ބާސާ އިން ނުފޫޒުފޯރުވާ: އެތުލެޓިކޯ

މެޑްރިޑް (ޑިސެމްބަރު 20) - އެތުލެޓިކޯ މެޑްރިޑަށް ކުޅޭ ފްރާންސްގެ ފޯވާޑް އެންޓޮއިން ގްރީޒްމަން އަށް ބާސެލޯނާ އިން ނުފޫޒު ފޯރުވާ ކަމަށް ބުނެ އެ ޓީމުގެ މައްސަަލަ އެތުލެޓިކޯ އިން ފީފާ އަށް ހުށަހަޅައިފި އެވެ.


މި ސީޒަނުގައި އެތުލެޓިކޯ ދޫކޮށް މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވާނެ ކަމަށް މީޑިއާގައި އަޑުފެތުރުނު ނަމަވެސް ގްރީޒްމަން ވަނީ އެތުލެޓިކޯއާ އެކު ހަދާފައިވާ އެއްބަސްވުން 2022 ގެ ނިޔަލަށް އާ ކޮށްފަ އެވެ.

ރިޕޯޓްތައް ބުނާގޮތުގައި ގްރީޒްމަން އެތުލެޓިކޯގެ އެއްބަސްވުން އާ ކުރީ އޭނާ ބޭނުންވާ ކްލަބަކުން 100 މިިލިއަން ޔޫރޯގެ ހުށަހެޅުމެއް އަތުވެއްޖެނަމަ އޭނާ އަށް ކްލަބް ދޫކޮށްލުމުގެ އިހުތިޔާރު ލިބިދޭ ގޮތަކަށް އެއްބަސްވުމުގައި ހިމެނުމަށް ފަހު އެވެ.

ދާދި ފަހުން އެތުލެޓިކޯގެ ކޯޗު ޑިއޭގޯ ސިމިއޯނީ ވަނީ ގްރީޒްމަން އެންމެ ގަޔާވާ ކްލަބުން ހުށަހެޅުމެއް ލިބިފައިވާ ކަމަށާއި އޭނާގެ އެދުމަށް ފުރަގަސް ނުދޭނެ ކަމަށް ބުނެފަ އެވެ. އަދި ކޮންމެ ކުޅުންތެރިޔަކަށް ވެސް ކެރިއަރުގެ ވަކި ހިސާބަކުން އެ ނިންމުން ނިންމުމުގެ ފުރުސަތު ދޭން ވާނެ ކަމަށް ބުންޏެވެ.

އެތުލެޓިކޯ އިން ބާސެލޯނާގެ މައްސަލަ ފީފާ އަށް ހުށަހެޅީ އެ ކްލަބްގެ އޮފިޝަލުންތަކެއް ގްރީޒްމަންގެ އާއިލާގެ ބައެއް މެމްބަރުންނާ ބައްދަލުކޮށް އޭނާ އަށް ނުފޫޒުފޯރުވަން މަސައްކަތް ކުރާ ކަމުގެ ތުހުމަތުކޮށެވެ.

އެތުލެޓިކޯ މެޑްރިޑަށް 2014 ވަނަ އަހަރު ބަދަލުވުމަށް ގްރީޒްމަން އަންނަނީ ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ. އޭނާ ހޯދުމަށް މީގެ ކުރިން ޕީއެސްޖީ އާއި ބަޔާން މިއުނިކުން ވެސް މަސައްކަތް ކުރި އެވެ.

ރިޕޯޓްތައް ބުނާގޮތުން ގްރީޒްމަން ބަދަލުވާން ބޭނުންވަނީ ބާސެލޯނާ އަށެވެ. އަދި އެ ޓީމާ ގުޅެން ގްރީޒްމަން ވަނީ އަނގަބަހުން އެއްބަސްވެފަ އެވެ. އެހެން ނަމަވެސް ގްރީޒްމަން ވާދަވެރި ކްލަބަކަށް ވިއްކާލުމުގައި އެތުލެޓިކޯ ބޯޑް މެމްބަރުންގެ މެދުގައި ހިޔާލު ތަފާތުވުންތަކެއް އެބަހުއްޓެވެ.