މެސީގެ ސަބަބުން ޗެމްޕިއަންސް ލީގުގެ ފޭވަރިޓަކީ ބާސާ: ގާޑިއޯލާ

ލިއޮނަލް މެސީގެ ސަބަބުން މި ފަހަރުގެ ޗެމްޕިއަންސް ލީގުގެ ފޭވަރިޓަކީ ބާސެލޯނާ ކަމަށް އެ ޓީމުގެ ކުރީގެ ކޯޗު އަދި ކެޕްޓަން ޕެޕް ގާޑިއޯލާ ބުނެފި އެވެ.


އެކަމަކު އެއް ބަޔަކު ދެކޭ ގޮތުގައި މި ފަހަރުގެ ފޭވަރިޓަކީ ގާޑިއޯލާ މިހާރު ކޯޗުކޮށްދޭ އިންގްލެންޑުގެ މެންޗެސްޓާ ސިޓީ އެވެ. އެ ޓީމުން ލީގުގައި ޖެހިޖެހިގެން 18 މެޗުން މޮޅުވެފައިވާއިރު ތާވަލުގެ އެއް ވަނައިގައި އޮތީ 15 ޕޮއިންޓުގެ ލީޑަކާ އެކު އެވެ. އަނެއްކޮޅުން ބާސެލޯނާ ވެސް އޮތީ ވަރަށް ރަނގަޅު ފޯމެއްގަ އެެވެ. އެ ޓީމު ވަނީ ސްޕެނިޝް ލީގުގެ އެއް ވަނައިގައި ނުވަ ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ.

ޗެމްޕިއަންސް ލީގުގެ ދެ ވަަނަ ބުރު ފެބްރުއަރީ މަހު ފަށާއިރު ސިޓީ ބައްދަލުކުރަން ޖެހެނީ ސްވިޒަލެންޑުގެ އެފްސީ ބަސެލްއާ އެވެ. ބާސެލޯނާ ވާދަކުރާނީ އިންގްލެންޑުގެ ޗެލްސީއާ އެވެ.

"ކޮން ޓީމަކަށް ލިއޮނަލް މެސީ ކުޅެނީ؟ "ބާސެލޯނާ" އަށް. އެހެންވީމާ އެ ޓީމު ފޭވަރިޓަކީ،" ގާޑިއޯލާ ބުންޏެވެ.

ބާސެލޯނާ އިން އެންމެ ފަހުން ކުޅުނު މެޗުގައި ވާދަވެރި ރެއާލް މެޑްރިޑް 3-0 އިން ބަލިކުރިއިރު މެސީ ވަނީ އެއް ލަނޑު ޖަހައި އެއް ލަނޑު ޖަހަން މަގުފަހިކޮށްދީފަ އެވެ. ޖުމްލަކޮށް މި ސީޒަނުގައި އޭނާ ކުޅެމުން އަންނަނީ ވަރަށް ރަނގަޅު ފޯމެއްގަ އެވެ.

މި ވަގުތު އިނގިރޭސި ލީގުގައި އެންމެ މޮޅަށް ކުޅެމުން އަންނަ އެއް ޑިފެންޑަރު ކަމަށްވާ ސައުތުހެމްޓަންގެ ނެދަލެންޑްސް ޑިފެންޑަރު ވާޖިލް ވެން ޑައިކް ވަނީ 75 މިލިއަން ޕައުންޑުގެ ޑީލެއްގެ ދަށުން ލިވަޕޫލަށް ބަދަލުވާން އެއްބަސްވެފަ އެވެ. އެއާ އެކު އޭނާ ވެފައިވަނީ ދުނިޔޭގެ އެންމެ އަގުބޮޑު ޑިފެންޑަރަށެވެ. އޭނާ އަކީ ސިޓީން ވަރަށް ބޮޑަށް ބޭނުންވި ކުޅުންތެރިޔެއް ކަމަށް ވާހަކަދެކެވެ އެވެ. އެކަމަކު ގާޑިއޯލާ ވަނީ އެކަން ދޮގުކޮށްފަ އެވެ.

"ނޫނޭ. ނޫން. ނޫން. ނޫން،" ގާޑިއޯލާ ޔަގީންކަމާ އެކު ބުންޏެވެ.