ޑީބަލާގެ ދެ ގޯލުން ޔުވެންޓަސް އަށް މުހިއްމު މޮޅެއް

ވެރޯނާ (ޑިސެމްބަރު 31) – ޕައޮލޯ ޑީބަލާގެ ދެ ލަނޑާ އެކު ހެލަސް ވެރޯނާ އަތުން 3-1 އިން މޮޅުވެ ޔުވެންޓަސް އިން އެއް ވަނައިގައި އޮތް ނަޕޯލީއާ އެއް ޕޮއިންޓަށް ގާތްކޮށްފި އެވެ.


ނަޕޯލީ 48 ޕޮއިންޓާ އެކު އެއް ވަނަ މަގާމުގައި އޮތްއިރު ޔުވެންޓަސް ދެ ވަނައިގައި އޮތީ 47 ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި 41 ޕޮއިންޓާ އެކު އޮތީ ރޭ ލާޒިއޯއާ 0-0 އިން އެއްވަރުވި އިންޓަ އެވެ. ދާދި ފަހުން ލީގުގެ އެއް ވަނައިގައި ވެސް އޮތް އިންޓަ ލީގުގައި އެންމެ ފަހުން ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެ މެޗުން އެއްވަރުވެ ދެ މެޗުން ބަލިވީ އެވެ.

ރަށުން ބޭރުގައި ޔުވެންޓަސް ކުޅުނު މެޗުގެ ހަ ވަނަ މިނެޓުގައި ފްރާންސް މިޑްފީލްޑަރު ބްލައިސް މަޓުއިޑީގެ ލަނޑުން އެ ޓީމު ކުރި ހޯދި އެވެ. އެކަމަކު 59 ވަނަ މިނެޓުގައި މާޓިން ސަސެރެސްގެ ގޯލުން ވެރޯނާ އިން އެއްވަރުކުރި އެވެ. ޔުވެންޓަސް އަށް އަލުން ކުރި ހޯދައިދިނީ 72 ވަނަ މިނެޓުގައި ޑީބަލާ އެވެ. އަދި އޭނާ ވަނީ 77 ވަނަ މިނެޓުގައި އެ ޓީމަށް ތިން ވަނަ ގޯލް ޖަހައިދީފަ އެވެ.

އިއްޔެގެ އެހެން މެޗުތަކަށް ބަލާއިރު ރޯމާ އާއި ސަސުއޮލޯ 1-1 އިން އެއްވަރުވީ އެވެ. ރޯމާ އޮތީ 39 ޕޮއިންޓާ އެކު ހަތަރު ވަނައިގަ އެވެ. އޭސީ މިލާނާއި ފިއޮރެންޓީނާ ވެސް 1-1 އިން އެއްވަރުވިއިރު މިލާން އޮތީ 25 ޕޮއިންޓާ އެކު 11 ވަނައިގަ އެވެ.