ކުޓީނިއޯ އެންމެ ފަހުން ބާސެލޯނާ އަށް ބަދަލުވަނީތަ؟

ލަންޑަން (ޖެނުއަރީ 1) – ލިވަޕޫލުގެ މިޑްފީލްޑަރު ފިލިއްޕޭ ކުޓީނިއޯ މި މަހުގެ ޓްރާންސްފާ ބާޒާރުގައި ބާސެލޯނާ އަށް ބަދަލުވާން އުޅޭ ކަމުގެ އިޝާރާތެއް އެ ކްލަބުގެ ކިޓް ސްޕޮންސަރު ނައިކީ އަށް އޮޅިގެން ދެވިއްޖެ އެވެ.


އެ ބްރޭންޑުގެ ވެބްސައިޓުގައި ވަނީ ކުޓީނިއޯ ހުރީ ބާސެލޯނާގެ ދަނޑުގައި ޖާދޫ ދައްކަން ތައްޔާރުގައި ކަމަށާއި އޭނާގެ ނަން ޖަހާފައިވާ ބާސެލޯނާގެ ޖާޒީއަކަށް އަވަހަށް އޯޑަރު ދިނުމަށް އެދިފަ އެވެ. އަދި އެކަމަށް ހާއްސަ ޕްރޮމޯޝަނެއް ވަނީ ސައިޓުގައި ހުޅުވައިފަ އެވެ. އެކަމަކު އެ އިޝްތިހާރު ވަނީ ނަގައިފަ އެވެ.

އުމުރުން 25 އަހަރުގެ ބްރެޒިލް މިޑްފީލްޑަރު ކުޓީނިއޯ އަކީ ވެސް ނައިކީން ސްޕޮންސާކޮށްފައިވާ ކުޅުންތެރިޔެކެވެ.

ކުޓީނިއޯ ގަތުމަށް ބާސެލޯނާ އިން ޖޫން ޓްރާންސްފާގައި ވަރަށް ބޮޑަށް މަސައްކަތްކުރި އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ލިވަޕޫލުން ވަނީ ބާސެލޯނާ އިން ހުށަހެޅި 72 މިލިިއަން ޕައުންޑުގެ ބިޑަކާއި 90 މިލިއަން ޕައުންޑުގެ ބިޑެއް އަދި 114 މިލިއަން ޕައުންޑުގެ ބިޑަކަށް ނޫނެކޭ ބުނެފަ އެވެ. އޭނާ ވިއްކާލައިދޭން ކުޓީނިއޯ އެދުމުން ވެސް ލިވަޕޫލުން ފުރަގަސްދިނީ އެވެ.

ބެލެވޭ ގޮތުގައި ބާސެލޯނާ އިން ބޭނުންވަނީ ކުޓީނިއޯ އަށް ވަރަށް ބޮޑަށް މެދުތެރޭގެ އޮޕަރޭޓިން މިޑްފީލްޑަރެއްގެ ރޯލު ދޭށެވެ. ޒަވީ އާއި އަންދްރޭ އިނިއެސްޓާ ފުރި އެ ކްލަބުގެ މެދުތެރޭގެ ސެންޓްރަލް މަގާމް ފުރުވަން އެ ކްލަބުން އެންމެ ބޭނުންވާ ކުޅުންތެރިއަކީ ކުޓީނިއޯ އެވެ. އޭނާ އަކީ ބާސެލޯނާގެ ސްޓައިލާ ވަރަށް ގުޅޭނެ ކުޅުންތެރިއެއް ކަމަށް ބާސެލޯނާ އާއި ބްރެޒިލްގެ ކުރީގެ ތަރި ރޮނާލްޑީނިއޯ ވަނީ ބުނެފަ އެވެ.

އިންޓަ ދޫކޮށް 2013 ވަނަ އަހަރުގެ ޖެނުއަރީ މަހުގައި 8.5 މިލިއަން ޕައުންޑަށް ލިވަޕޫލަށް ބަދަލުވުމަށް ފަހު ކުޓީނިއޯ އަންނަނީ އެ ޓީމުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އަދި މިދިޔަ ޖެނުއަރީ މަހު ކުޓީނިއޯ ވަނީ 2022 ގެ ނިޔަލަށް ލިވަޕޫލާ އެކު އެއްބަސްވުން އާ ކޮށްފަ އެވެ. ލިވަޕޫލާ އެކު އެންމެ ފަހުން ކުޓީނިއޯ ސޮއިކުރި އެއްބަސްވުމުގައި އޭނާގެ ކޮންޓްރެކްޓް އުވާލެވޭނެ އެއްވެސް އަގެއް ހުށަހަޅާފައިނުވެ އެވެ.