މެންޗެސްޓާ ސިޓީ އަށް އުމްޓީޓީ ބަދަލުވަނީ؟

ބާސެލޯނާ (ޖެނުއަރީ 4) – މެންޗެސްޓާ ސިޓީގެ އޮފިޝަލުންނާ އެކު ބާސެލޯނާގެ ފްރާންސް ޑިފެންޑަރު ސެމުއަލް އުމްޓީޓީ ބައްދަލުވުމެއް ބާއްވާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.


ބާސެލޯނާއާ އެކު އުމްޓީޓީ ހަދާފައިވާ ކޮންޓްރެކްޓް އުވާލެވޭނީ 60 މިލިއަން ޔޫރޯ ދައްކައިގެންނެވެ. އޭނާ އަށް މެންޗެސްޓާ ޔުނައިޓެޑުން ވެސް ޝައުގުވެރިވެ އެވެ. އެކަމަކު ކްލަބް ބަދަލުކުރުމާ މެދު ގޮތެއް ނިންމުމުގެ ކުރިން އެކަށީގެންވާ ވަގުތު އުމްޓީޓީ ބޭނުންވާ ކަމަށްވެ އެވެ. އެހެންވެ އޭނާ ބާސެލޯނާ ދޫކޮށްލުމުގެ ފުރުސަތު ބޮޑީ އަންނަ ޖޫން ޓްރާންސްފާގަ އެވެ.

ސްޕެއިނުގެ ބައެެއް ރިޕޯޓްތައް ބުނާ ގޮތުގައި އުމްޓީޓީ އަށް ޝައުގުވެރިވާ ކްލަބްތަށް ފަހަތަށް ޖެއްސުމަށްޓަކައި ބާސެލޯނާ އިން އޭނާ އަށް އާ ކޮންޓްރެކްޓެއް ދޭން ބޭނުންވެ އެވެ. އެކަމަކު ބެލެވޭ ގޮތުގައި ޕްރިމިއާ ލީގުގެ ކްލަބްތަކުން އޭނާ އަށް ދޭން ތައްޔާރުވާ މުސާރަ ބާސެލޯނާ އަށް ނުދެވޭނެ އެވެ. ފްރާންސުގެ ލިޔޯން އިން 2016 ވަނަ އަހަރު ބާސެލޯނާއާ ގުޅުނު ޑިފެންޑަރު މިހާރު ހުރީ އަނިޔާއެއްގަ އެވެ.