ކްލަބް ދޫކޮށްލާ ވާހަކަތަކަކީ ކުނިބުނި: މޮރީނިއޯ

މެންޗެސްޓާ (ޖެނުއަރީ 5) – މި ސީޒަން ނިމުމުން ހޯސޭ މޮރީނިއޯ މެންޗެސްޓާ ޔުނައިޓެޑް ދޫކޮށްލަން ތައްޔާރު ކަމަށް ބުނެ ދެކެވޭ ވާހަކަތަކަކީ ކުނިބުނީގެ ގޮތުގައި އޭނާ ސިފަކޮށްފި އެވެ.


މޮރީނިއޯގެ ކޮންޓްރެކްޓް އާކުރުމުގެ މަޝްވަރާތައް ފަށާފައިވާއިރު، ކްލަބާ މެދު ހިތްހަމަނުޖެހުންތަކެއް އުޅޭތީ އޭނާ ހުރީ ކްލަބް ދޫކޮށްލަން ތައްޔާރުގައި ކަމަށް ވާހަކަދެކެވެ އެވެ.

"އަހަރެން ބުނާނީ ކުނިބުންޏޭ. އެ ވާހަކަތައް ސިފަކޮށްދޭން އެއަށް ވުރެ އެކަށީގެންވާ ބަހެއް އަހަންނަށް ނުފެނޭ،" މޮރީނިއޯ ބުންޏެވެ. "އަހަރެން ތަކުރާރުކުރަން. އަހަރެން މިހިރީ ކޮންޓްރެކްޓުގެ (މުއްދަތުގެ) މެދުތެރޭގައި. އަހަރެން އާ ކޮންޓްރެކްޓެއްގައި ސޮއިކުރާ ނަމަ އެކަން ބިނާވާނީ ކްލަބަށް. އެކަމަކު އަހަރެން މަސައްކަތަށްދޭ ސަމާލުކަން ހަމަ ބަރާބަރު. އަދި އަހަރެން ބޭނުންވޭ މަޑުކުރަން."

މޮރީނިއޯ ވަނީ ފުރަތަމަ ސީޒަނުގައި ޔުނައިޓެޑަށް ލީގު ކަޕާއި ޔުރޮޕާ ލީގު ކާމިޔާބުކޮށްދީފަ އެވެ. މި ސީޒަނުގައި ޕްރިމިއާ ލީގު ނަގާނެ ކަމަށް ބެލެވުނަސް އެ ޓީމާ އެއް ވަނައިގައި އޮތް މެންޗެސްޓާ ސިޓީއާ ދެމެދު 15 ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ.

މޮރީނިއޯ ބުނީ ކްލަބުގެ ބޯޑާއި ވެރިން އަދި ކްލަބުގެ އެގްޒެކެޓިވް ވައިސް ޗެއާމަން އެޑް ވުޑްވަޑް ވެސް އޭނާ ކްލަބަށް ކޮށްދޭ ހިދުމަތާ މެދު ހިތްހަމަޖެހޭ ކަމަށެވެ. އަދި މިހާރުގެ ކޮންޓްރެކްޓް ހަމަވުމުން ވެސް އޭނާ ކްލަބުގައި މަޑުކުރަން އެ އެންމެން ވެސް ބޭނުންވާ ކަމަށް މޮރީނިއޯ ބުންޏެވެ.

މެންޗެސްޓާ ޔުނައިޓެޑް ދެން އެންމެ އަވަހަށް ކުޅޭނީ އެފްއޭ ކަޕުގައި މިރޭ ޑާބީ ކައުންޓީއާ ދެކޮޅަށެެވެ. ރާއްޖެ ގަޑިން މެންދަމު 1 ޖަހާއިރު ފަށާ މި މެޗަށް ފޯވާޑް ރޮމެލޫ ލުކާކޫ އާއި މިޑްފީލްޑަރު މައުރޯނޭ ފެލައިނީ ވަނީ ފިޓްވެފަ އެވެ.