މަރޭ ވިމްބެލްޑަން މުބާރާތުގެ ތަށި އުފުލާލަނީ.-- ފޮޓޯ: އޭއެފްޕީ
ލަންޑަން (ޖުލައި 11) - މި ފަހަރުގެ ވިމްބަލްޑަން ޓެނިސް ޗެމްޕިއަންކަން ލިބުމަކީ ޓެނިސް ކެރިއަރުގައި ހުރިހާ ގޮތަކުން ބެލިޔަސް އެންމެ ހާއްސަ އެއް ކާމިޔާބީ ކަަމަށް އިނގިރޭސި ވިލާތުގެ އެންޑީ މަރޭ ބުނެފި އެވެ.
މަރޭ ދެ ވަނަ ފަހަރަށް ވިމްބަލްޑަން ކާމިޔާބުކުރީ އިއްޔެ ކުޅުނު ފައިނަލުގައި ކެނަޑާގެ މިލޯސް ރައޮނިޗް ބަލިކުރުމަށް ފަހު އެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މެޗުގެ ސެޓުތައް ދިޔައީ 6-4 7-6 (7-3) 7-6 (7-2) އިންނެވެ.
މަރޭ ފުރަތަމަ ފަހަރަށް ވިމްބަލްޑަން މުބާރާތް ކާމިޔާބުކުރީ 2013 ވަނަ އަހަރު އެވެ. އެއީ 77 އަހަރަށް ފަހު އިނގިރޭސިވިލާތަށް ނިސްބަތްވާ ފިރިހެން ކުޅުންތެރިއަކު ވިމްބަލްޑަން ތަށި އުފުލާލި ފުރަތަމަ ފަހަރެވެ. އަދި އިއްޔެ ކާމިޔާބީ އަށް ފަހު މަރޭ ވެފައިވަނީ 1935 ވަނަ އަހަރަށް ފަހު ވިމްބަލްޑަން ޗެމްޕިއަންކަން ދެ ފަހަރަށް ހޯދި ފުރަތަމަ އިނގިރޭސި ކުޅުންތެރިއާ އަށެވެ.
މަރޭ ބުނީ މިއީ ޓެނިސް ކެރިއަރުގައި ލިބުނު ފާހަގަކޮށްލެވޭ ބޮޑު ކާމިޔާބީއެއް ކަމަށެވެ.
"ވިމްބަލްޑަން އަކީ އަބަދުވެސް އަހަންނަށް ހާއްސަ މުބާރާތެއް. މިއީ ހުރިހާ ގޮތަކުން ވެސް ހާއްސަ ކާމިޔާބެއް. ސަބަބަކީ ނާކާމިޔާބީގެ ހިތި ރަހަ ލާފައިވަނިކޮށް ލިބުނު މޮޅަކަށް ވާތީ،" އިއްޔެގެ މެޗަށް ފަހު މަރޭ ބުންޏެވެ.
މިއީ މަރޭ ގްރޭންޑް ސްލޭމް ފައިނަލެއްގައި ކުޅުނު 11 ވަނަ ފަހަރެވެ. މީގެ ކުރިން އޭނާ ކުޅުނު 10 ފައިނަލުގައި ނުކުތީ ރޮޖާ ފެޑެރާ ނޫނީ ނޮވަކް ޖޮކޮވިޗާ ދެކޮޅަށެވެ. މަރޭ ބުނިީ ކުރިއަށް ހުރި މުބާރާތްތަކުގައި ރަނގަޅު ކުޅުމެއް ދައްކަން އޭނާ އަށް ހިތްވަރު ލިބިއްޖެ ކަމަށެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
މމމ
11 July 2016
މަރޭ އަކީ އިންގްލެންޑް ކުޅުންތެރިއެއް ނޫން. އޭނާއަކީ ސްކޮޓްލެންޑްގެ ކުޅުންތެރިއެއް.