ބާސެލޯނާ އަށް ބަދަލުވުމަކީ ހުވަފެނެއް ސީދާވުން: ކުޓީނިއޯ

ބާސެލޯނާ (ޖެނުއަރީ 8) – ބާސެލޯނާ އަށް ބަދަލުވުމަކީ ހުވަފެނެއް ސީދާވުން ކަމަށް ބްރެޒިލް މިޑްފީލްޑަރު ފިލިއްޕޭ ކުޓީނިއޯ ބުނެފި އެވެ.


ލިވަޕޫލުގެ އުމުރުން 25 އަހަރުގެ ކުޅުންތެރިޔާ 160 މިލިއަން ޔޫރޯ ގަތުމަށް ބާސެލޯނާ އިން އެއްބަސްވެފައިވާއިރު މިއަދުގެ ވަގުތެއްގައި އޭނާ އެ ކްލަބުގެ ކޮންޓްރެކްޓުގައި ސޮއިކުރާނެ އެވެ. އޭނާ އެ ކްލަބާ އެކު ފަސް އަހަރާ ބައިގެ ކޮންޓްރެކްޓެއް ހަދާއިރު އެ ކޮންޓްރެކްޓް އުވާލެވޭނީ 400 މިލިއަން ޔޫރޯ އަށެވެ.

ބާސާޓީވީ އަށް ދިން އިންޓަވިއުއެއްގައި ކުޓީނިއޯ ބުނީ ލިއޮނަލް މެސީ އާއި ލުއިސް ސުއަރޭޒް ފަދަ ކުޅުންތެރިންނާ އެކު ކުޅެލުމުގެ ފުރުސަތު ވަރަށް އަވަހަށް ލިބޭނެތީ އުފަލުން ހުރި ކަމަށެވެ.

"ކުރިއަށް އޮތްތަނުގައި، ތާރީހީ އެތައް ކުޅުންތެރިންނާއި ހީރޯއިންނާ އެކު އަހަންނަށް އުޅެވޭނެކަން އެނގުމަކީ ވަރަށް ބޮޑު އުފަލެއް،" ކުޓީނިއޯ ބުންޏެވެ. "ލިއޮނަލް މެސީ އާއި ލުއިސް ސުއަރޭޒާއި އިނިއެސްޓާ އާއި ޕީކޭ އަދި ސާޖިއޯ ބުސްކެޓްސް ފަދަ ފުޓްބޯޅަ ކުޅުންތެރިން."

ކުޓީނިއޯ ބުނީ އެ ކުޅުންތެރިންނާ އެކު އުޅެ އަދި އެ ކުޅުންތެރިންގެ ފަރާތުން އެއްޗެހި ދަސްވެ އަދި އެއްކޮށް ކާމިޔާބީ ހޯދޭނެތީ ވަރަށް އުފާވާ ކަމަށެވެ.

ކުޓީނިއޯ އަށް މި ސީޒަނުގައި ބާސެލޯނާ އިން މާބޮޑު ފުރުސަތެއް ލިބިދާނެ ކަމަށް ނުބެލެވެ އެވެ. އެ ޓީމުން އޭނާ ގެނައީ އުމުރުން 33 އަހަރުގެ ޕްލޭމޭކަރު އަންދްރޭ އިނިއެސްޓާގެ މަގާމަށް ކުރިމަގުގައި ކުޅުވަން ކަމަށް ތަޖުރިބާކާރުން ދެކެ އެވެ.

ބްރެޒިލްގެ ވަސްކޯ ޑަ ގާމާ އިން ތަމްރީންވި ކުޓީނިއޯ ސީނިއާ ކެރިއަރު ފެށީ 2008 ވަނަ އަހަރު އިންޓަ މިލާނުންނެވެ. އެ ކްލަބުގައި ހޭދަކުރި ދުވަސްވަރު އޭނާ ލޯނެއްގެ ދަށުން ވަސްކޯ އަށާއި ސްޕެއިނުގެ އެސްޕަންޔޯލަށް ލޯން އުސޫލުން ކުޅުނެވެ. ލިވަޕޫލް އޭނާ 2013 ވަނަ އަހަރު ގަތީ 8.5 މިލިއަން ޕައުންޑަށެވެ. ލިވަޕޫލުގައި ހޭދަކުރި ފަސް އަހަރުގެ ތެރޭގައި ތަށްޓެއްގައު އަތްނުލެވުނު ނަމަވެސް އޭނާ ވަނީ ކުޅުންތެރިއެއްގެ ގޮތުގައި ވަރަށް ބޮޑަށް ކުރިއަރައިފަ އެވެ. އޭނާ ވަނީ އެ ޓީމަށް 202 މެޗުން 54 ގޯލް ޖަހައިދީފަ އެވެ.