ގާޑް މުލާގެ ރެކޯޑް މެސީ މުގުރާލައިފި

މެޑްރިޑް (ޖެނުއަރީ 15) – ސްޕެނިޝް ލީގުގައި ރޭ ރެއާލް ސޮސިއެޑާޑް އަތުން ފަހަތުން އަރައި 4-2 އިން ބާސެލޯނާ މޮޅުވި މެޗުގައި، އެ ޓީމުގެ ލިއޮނަލް މެސީ ހާއްސަ ރެކޯޑެއް މުގުރާލައިފި އެވެ.


އޭނާ މުގުރާލީ ޔޫރަޕުގެ ބޮޑު ފަސް ލީގުގެ ތެރެއިން ލީގެއްގައި އެއް ޓީމަކަށް އެންމެ ގިނަ ލަނޑު ޖަހައިގެން ޖަރުމަނުގެ ގާޑް މުލާ ހަދާފައިވާ ރެކޯޑެވެ. ބަޔާނާ އެކު ހަތްދިހައިގެ ތެރޭގައި މުލާ ހެދި ރެކޯޑް މެސީ އަމިއްލަ ކުރީ 366 ލަނޑު ޖަހައިގެންނެވެ.

މި މޮޅާ އެކު ބާސެލޯނާ އެއް ވަނައިގައި އޮތީ 51 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި 42 ޕޮއިންޓާ އެކު އޮތީ އެތުލެޓިކޯ މެޑްރިޑެވެ. ރެއާލް މެޑްރިޑް 32 ޕޮއިންޓާ އެކު ހަތަރު ވަނައިގައި އޮތްއިރު އެ ޓީމާ ބާސެލޯނާއާ ދެމެދު 19 ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ. މިއީ އެ ޓީމާ ރެލިގޭޝަން ޒޯނުގައި އޮތް ޑިޕޯޓިވޯ ލަކޮރޫނާއާ އޮތް ފަރަގަށް ވުރެ ވެސް ބޮޑު ފަރަގެކެވެ. ލަކޮރޫނާއާ މެޑްރިޑާ ދެމެދު އޮތީ 16 ޕޮއިންޓުގެ ފަރަގެކެވެ.

ރަށުން ބޭރުގައި ރޭ ސޮސިއެޑާޑް އަތުން ބާސެލޯނާ މޮޅުވީ ފަހަތުން އަރަ އެވެ. މެޗުގެ 11 ވަނަ މިނެޓުގައި ސޮސިއެޑާޑުގެ ވިލިއަން ހޯސޭ ލީޑު ނަގައިދީފައިވަނިކޮށް އެ ޓީމަށް ލީޑު ފުޅާކޮށްދިނީ 34 ވަނަ މިނެޓުގައި ޖިއުންމީ އެވެ.

ބާސެލޯނާގެ ފުރަތަމަ ލަނޑު 39 ވަނަ މިނެޓުގައި ޕައުލީނިއޯ ޖެހިއިރު 50 ވަނަ މިނެޓުގައި އެއްވަރުކޮށްދިނީ ލުއިސް ސުއަރޭޒެވެ. އަދި 71 ވަނަ މިނެޓުގައި އެ ޓީމު މޮޅުކޮށްދިނީ ވެސް އޭނާ އެވެ. މެސީ ލަނޑު ޖެހީ 85 ވަނަ މިނެޓުގަ އެވެ.

ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލް އަތުން 4-3 އިން މެންޗެސްޓާ ސިޓީ ބަލިވުމާ އެކު މި ސީޒަނުގައި ޔޫރަޕުގެ ބޮޑު ފަސް ލީގުގެ ތެރެއިން ލީގެއްގައި މިވަގުތު ބަލިނުވެ އޮތް ހަމައެކަނި ޓީމަކީ ބާސެލޯނާ އެވެ.