ފްރާންސްގެ އުމްޓީޓީ އާއި ޑީނޭ ބާސެލޯނާ އަށް

ބާސެލޯނާ (ޖުލައި 13) - ބާސެލޯނާ އަށް ފްރާންސްގެ ދެ ޑިފެންޑަރުން ކަމަށްވާ ސެމިއުލް އުމްޓީޓީ އާއި ލޫކަސް ޑީނޭ ގެނެސްފި އެވެ.


އުމުރުން 22 އަހަރުގެ އުމްޓީޓީ އަކީ މިފަހަރު ޔޫރޯގައި ފްރާންސަށް ކުޅުނު ކުޅުންތެރިއެކެވެ. ލިޔޯން އިން ފުޓްބޯޅަ ކެރިއަރު ފަށައި ފާއިތުވި ހަތަރު އަހަރު އެ ޓީމަށް މޮޅު ކުޅުމެއް ދެެއްކި އުމްޓީޓީ ބާސެލޯނާ އަށް ސޮއިކުރީ 25 މިލިއަން ޔޫރޯ އަށެވެ.

އުމްޓީޓީ އަކީ 2007 ވަނަ އަހަރަށް ފަހު ބާސެލޯނާ އަށް ސޮއިކުރި އެންމެ އަގުބޮޑު ޑިފެންޑަރެވެ. އޭނާ ވަނީ ބާސެލޯނާއާ އެކު ފަސް އަހަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އުމްޓީޓީ ބާސެލޯނާ ކުޅުންތެރިއެއްގެ ގޮތުގައި މީޑިއާ އަށް ތައާރަފް ކުރުމަށް ހަމަޖެހިފައިވަނީ ހަފްތާ ބަންދުގަ އެވެ.

ފްރާންސްގެ ޑިފެންޑަރު ޑީނޭ ރޯމާ އަށް ކުޅެނީ: އޭނާ އަންނަ ސީޒަނުގައި ފެނުން ގާތީ ބާސެލޯނާ އިން.-- ދޮޓޯ: އޭއެފްޕީ

ޑީނޭ އަކީ މިދިޔަ ސީޒަނުގައި ލޯން އެއްބަސްވުމެއްގެ ދަށުން ރޯމާ އަށް ކުޅުނު ކުޅުންތެރިއެކެވެ. ލޯންގެ މުއްދަތު ފުރިހަމަ ކުރުމަށް ފަހު ޑީނޭ މިހާރު ޕީއެސްޖީއާ ގުޅިފައިވާއިރު، އެ ޓީމުން ވަނީ އޭނާ ބާސެލޯނާ އަށް ވިއްކާލަން ނިންމައިފަ އެވެ. ބާސެލޯނާ އިން ޑީނޭ ގަންނަން 17 މިލިއަން ޔޫރޯގެ އަގެއް ދިނުމަށް ވަނީ ނިންމައިފަ އެވެ.

އުމުރުން 22 އަހަރުގެ ޑީނޭ ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި ބާސެލޯނާ އަށް ސޮއިކުރާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. ބާސެލޯނާ އިން ވަނީ މި ފަހަރުގެ ޓްރާންސްފާގައި ވިޔަރެއާލަށް ކުޅޭ ޑެނިސް ސުއަރޭޒް އެ ޓީމަށް ގެނެސްފަ އެވެ.