ސިޓީން ބާސެލޯނާގެ ކީޕަރު ބްރާވޯ ގެންނަނީ

މެންޗެސްޓާ (ޖުލައި 13) - މެންޗެސްޓާ ސިޓީން ބާސެލޯނާ އަށް ކުޅޭ ޗިލީގެ ގޯލްކީޕަރު ކްލައުޑިއޯ ބްރާވޯ ގެންނަން މަސައްކަތް ފަށާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.


ބާސެލޯނާގައި ބްރާވޯގެ އިތުރުން ރަނގަޅު ފެންވަރުގެ އިތުރު ކީޕަރެއް އެބަހުއްޓެވެ. އެއީ ޖަރުމަނުގެ މާކް-އަންދްރޭ ޓާ ސްޓެގެން އެވެ. މިދިޔަ ސީޒަނުގައި ލީގުގެ މެޗުތަކުގައި ބްރާވޯ ކުޅުނުއިރު، ސްޓެގެން ބޭނުންކުރީ ކަޕް މެޗުތަކުގަ އެވެ.

ސިޓީގެ އާ ކޯޗު ޕެޕް ގާޑިއޯލާ ކުޅުވާ ސްޓައިލަށް ބަލާއިރު އޭނާ ބޭނުންވަނީ ބްރާވޯ ކަހަލަ ކީޕަރެކެވެ. އަދި ރިޕޯޓްތައް ބުނާގޮތުން މި ފަހަރު ޔޫރޯގައި އެ ޓީމުގެ ކީޕަރު ޖޯ ހާޓްގެ ފަރާތުން ފެނުނު ދަށް ކުޅުމުގެ ސަބަބުން ގާޑިއޯލާގެ ޓީމުން އޭނާ އަށް ޖާގަ ދޭނެ ކަމަށް ނުބެލެވެ އެވެ.

އުމުރުން 33 އަހަރުގެ ބްރާވޯ ބާސެލޯނާ އަށް 2014 ވަނަ އަހަރު ބަދަލުވީ އަށް އަހަރު ވަންދެން ރެއާލް ސޮސިއެޑާޑަށް ކުޅުމަށް ފަހު އެވެ. ފާއިތުވި ދެ ސީޒަނުގައި ބާސެލޯނާ ހޯދި ކާމިޔާބީތަކުގައި ބްރާވޯގެ ދައުރު ބޮޑެވެ.

ރިޕޯޓްތައް ބުނާގޮތުން އަންނަ ސީޒަނުގައި ބާސެލޯނާއިން އެއް ވަނަ ކީޕަރެއްގެ ގޮތުގައި ބޭނުންކުރާނީ ސްޓެގެން އެވެ. އަދި އެ ޓީމުން ވަނީ 20 މިލިއަނަށް ވުރެން ބޮޑު އަގެއް ހުށަހަޅާ ޓީމަކަށް ބްރާވޯ ވިއްކާލަން ނިންމައިފަ އެވެ.