މެސީގެ ހިޔަނިން ނޭމާ އަށް އޮތީ ނުކުންނަން ޖެހިފައި

ޕެރިސް (ޖެނުއަރީ 30) – ލިއޮނަލް މެސީގެ ހިޔަނީގައި ނުހުރެ އަމިއްލަ މަގެއް އިހުތިޔާރުކުރުމަކީ ނޭމާ އަށް މުހިއްމުވެފައި އޮތް ކަމެއް ކަމަށް އޭނާއާ އެކު ޕީއެސްޖީ އާއި ބްރެޒިލަށް ކުޅޭ ޑެނިއަލް އަލްވެސް ބުނެފި އެވެ.


މެސީއާ އެކު ބާސެލޯނާ އަށް ކުޅުމަށް ފަހު ނޭމާ މި ސީޒަނުގައި ޕީއެސްޖީ އަށް ބަދަލުވީ ދުނިޔޭގެ ރެކޯޑް އަގަކަށެވެ. އޭރު ވާހަކަ ދެކެވިފައި އޮތީ ނޭމާ އެ ޓީމު ދޫކޮށްލީ މެސީގެ ހިޔަނި އޭނާގެ ކެރިއަރަށް އެޅިފައިވުމެވެ. މާނައަކީ ބާސެލޯނާގައި ނޭމާ ހުރުމުން، އޭނާ ކިތަންމެ ތަފާތެއް ދެއްކިޔަސް އެކަން ފާހަގަނުވުމެވެ.

"އަހަރެން ދެކޭ ގޮތުގައި މެސީއާ އެކު ނޭމާ ވެސް އެހުރީ ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ނުފޫޒު ފަދަ ކުޅުންތެރިޔާގެ ގޮތުގައި. އޭނާ އަށް ޖެހުނީ މެސީގެ ހިޔަނިން ކުޑަކޮށް ނުކުންނަން. މެސީ ފަދަ ތަފާތު ކުޅުންތެރިޔަކާ އެކު ކުޅެލުމަކީ އެ މީހަކަށް ކުރިމަތިވާނެ އެންމެ ބޮޑު އެއް ކަންތައް. އެކަމަކު އަބަދުވެސް ބޮލުގައި އިންނާނެ ތިމާގެތޯ އެ ހުނަރު ހުރީ ނުވަތަ އޭނާގެތޯ،" އެ ދެ ކުޅުންތެރިންނާ އެއްކޮށް ބާސެލޯނާއަށް ކުޅެފައިވާ އަލްވެސް ބުންޏެވެ.

އަލްވެސް ބުނީ މެސީއާ އެއްކޮށް ކުޅެން އަބަދުވެސް ލޯބިކުރާ ކަމަށާއި އެކަމަކު އޭނާ އާއި މެސީ އަކީ ބްރެޒިލް ކުޅުންތެރިންނަށް ވާތީ ފަހުން ވިޔަސް އަދި އަވަހަށް ވިޔަސް މެސީއާ ދެކޮޅަށް ބައިނަލްއަގްވާމީ ފުޓްބޯޅައިގައި ނުކުންނަން ޖެހިފައި އޮންނަ ކަމަށެވެ.

"އަހަރެން ދެކޭ ގޮތުގައި އިންޑިވިޖުއަލީ ކަންތައްތަކެއް ހާސިލްކުރުމުގެ ފުރުސަތު ބޮޑުވާނެ އެފަދަ ކުޅުންތެރިޔަކާ އެހާ ބޮޑަށް އެއްކޮށް ނޫޅެންޏާ. ނޭމާގެ އަމިއްލަ ކުރިއެރުމަށާއި އަދި ބްރެޒިލަށް ވެސް އެއީ ރަނގަޅު ގޮތެއް ނޭމާ، އޭނާގެ އަމިއްލަ މަގެއް އިހުތިޔާރުކުރުމަކީ،" އަލްވެސް ބުންޏެވެ.