ޔުވެންޓަސް ފައިނަލާ ގާތަށް

ބެރްގާމޯ (ޖެނުއަރީ 31) – އިޓާލިއަން ކަޕުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުން ރޭ ރަށުން ބޭރުގައި އެޓަލާންޓާ އަތުން 1-0 އިން މޮޅުވެ ޗެމްޕިއަން ޔުވެންޓަސް އިން ފައިނަލާ ގާތަށް ޖެހިލައިފި އެވެ.


މި ނަތީޖާއާ އެކު އަމިއްލަ ދަނޑުގައި ކުޅޭ ދެ ވަނަ ލެގު އެއްވަރުކޮށްލައިގެން ވެސް ޔުވެންޓަސް އަށް ފައިނަލުން ފުރުސަތު ލިބޭނެ އެވެ. އެޓަލާންޓާގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި ޔުވެންޓަސްގެ ހަމައެކަނި ގޯލް ޖެހީ ތިން ވަނަ މިނެޓުގައި ގޮންޒާލޯ ހިގައިން އެވެ.

އޭގެ ފަހުން 25 ވަނަ މިނެޓުގައި އެއްވަރުކުރަން އެޓަލާންޓާ އަށް ރަނުގެ ފުރުސަތެއް ލިބުނެވެ. އެކަމަކު ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) ބޭނުންކޮށްގެން ދިން ޕެނަލްޓީ އެ ޓީމުގެ އަލެހަންދްރޯ ގޯމޭޒް ޖެހުމުން ޔުވެންޓަސްގެ ކެޕްޓަން ޖިއަންލުއިޖީ ބުފޮން މަތަކުރި އެވެ.

އިޓާލިއަން ކަޕުގެ ސެމީ ފައިނަލް ދެ ވަނަ މެޗުގެ ފުރަތަމަ ލެގުގައި މިރޭ ބައްދަލުކުރާނީ އޭސީ މިލާނާއި ލާޒިއޯ އެވެ. މި މެޗު އޮންނާނީ މިލާނުގެ ސެންސީރޯގަ އެވެ. އިޓާލިއަން ލީގުގައި އާދީއްތަ ދުވަހުގެރޭ މި ދެ ޓީމު ކުޅުނު މެޗު 2-1 އިން ކާމިޔާބުކުރީ މިލާނެވެ.