ބަލިވީ ގޯސް ދެ ގޯލު ވަދެގެން: މޮރީނިއޯ

ލަންޑަން (ފެބްރުއަރީ 1) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޓޮޓެންހަމް ހޮޓްސްޕާސް އަތުން 2-0 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިވިއިރު އެ ޓީމު ކޮޅަށް ވަނީ ގޯސް ދެ ގޯލު ކަމަށް ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.


ރޭގެ މެޗު ފަށައިގެން 11 ވަނަ ސިކުންތުގައި ކްރިސްޓިއަން އެރިކްސެން ޓޮޓެންހަމަށް ލީޑުނަގައިދިންއިރު މިއީ ޕްރިމިއާ ލީގުގެ ތާރީހުގައި ފެނިގެންދިޔަ އެންމެ އަވަސް އެއް ގޯލެވެ. އަދި ޓޮޓެންހަމުން ޖެހި ދެ ވަނަ ލަނޑަކީ ޔުނައިޓެޑްގެ ފިލް ޖޯންސް އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

"މިއި އަހަރެމެން ކޮޅަށް ވަން ވަރަށް ގޯސް ގޯލަކާ އެކު ފެށި މެޗެއް. އެހާ އަވަހަށް ޓޮޓެންހަމް ކަހަލަ ޓީމަކާ ދެކޮޅަށް ކުޅޭއިރު ލަނޑެއް ވަދެފިނަމަ ވަރަށް އުނދަގޫވާނެ އަލުން މެޗުތެރެއަށް ވަންނަން. އަހަރެމެން މެޗުގެ ކުރިން ޓޮޓެންހަމުން މެޗު ފަށާއިރު ހަދާގޮތްތައް ވަރަށް ރަނގަޅަށް ބެލިން. އެކަމަކު އޭގެއިން ފައިދާއެއް ނުކުރި. ވަރަށް ރަނގަޅު ކުޅުމެއް ފެނިގެންދިޔަ މެޗެއް މި ނިމުނީ ވަރަށް އާދައިގެ ދެ ގޯލުން،" ރޭގެ މެޗަށް ފަހު މޮރީނިއޯ ބުންޏެވެ.

އޭނާ ބުނީ ފުރަތަމަ ލަނޑު ވަނުމުން ވެސް ޔުނައިޓެޑުން މެޗުގެ ތެރެއަށް ވަންނަން ކުރި މަސައްކަތް ހުއްޓުނީ އިތުރު ގޯހެއް ތަކުރާރުވުމުންނެވެ.

"ފުރަތަމަ ގޯލުވަނީ އެހާ އަވަހަށް މެޗުގެ ތެރެއަށް ނުވަންނަނީސް ކަމަށް ނިންމައިގެން ކުޅުންތެރިން ކުރިއަށް ޖެހިގެން ތިއްބާ ދެން ވެސް މިވަނީ އެހާ އާދައިގެ ގޯލެއް. މި ގޯލާ އެކު ކުޅުންތެރިންގެ މެންޓަލިޓީ އަށް އަސަރުކޮށްފި،" މޮރީނިއޯ ބުންޏެވެ.

މި މެޗުން ބަލިވުމުން ލީގުގެ އެއް ވަނައިގައި އޮތް މެންޗެސްޓާ ސިޓީއާ ދެ ވަނައިގައި އޮތް ޔުނައިޓެޑާ ދެމެދު އޮތް ޕޮއިންޓުގެ ފަރަގު ވަނީ 15 ޕޮއިންޓަށް ބޮޑުވެފަ އެވެ.

ޓޮޓެންހަމްގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނީ ޔުނައިޓެޑް ބަލިކުރުމަކީ އޭނާގެ ޓީމުން ދިން މެސެޖެއް ކަމަށެވެ.

"އަހަރެމެން އަބަދުވެސް މެޗެއް ފަށަން ބޭނުންވަނީ ކޮންޓްރޯލް ނަގައިގެން ކުޅެވޭ ގޮތަށް. މި މެޗުގައި އެކަން ދިޔައީ ވަރަށް ރަނގަޅަށް. މެޗެއް ކާމިޔާބުކުރަން ހަމައެކަނި އެއް ވަގުތު ކޮޅެއްގައި ކުޅެގެން ކަމަކުނުދާނެ. ޖެހޭނީ މެޗުގެ ކޮންޓްރޯލް ހޯދަން،" ޕޮޗެޓީނޯ ބުންޏެވެ.

އޭނާ ބުނީ މިހާރު އަމާޒަކީ ގަދަ ހަތަރެއްގެ ތެރެއަށް ވަނުން ކަމަށެވެ. ޓޮޓެންހަމް ދެން އެންމެ އަވަހަށް ކުޅޭނީ އަންނަ އާދިއްތަ ދުވަހު ރަށުންބޭރުގައި ލިވަޕޫލާ ދެކޮޅަށެވެ. ޓޮޓެންހަމް ލީގުގެ ފަސް ވަނައިގައި 25 މެޗުން 48 ޕޮއިންޓާ އެކު އޮތްއިރު، ލިވަޕޫލް ތިން ވަނައިގައި އޮތީ ހަތަރު ވަނައިގައި އޮތް ޗެލްސީއާ އެއްވަރަށް 25 މެޗުން 50 ޕޮއިންޓް ހޯދައިގެންނެވެ.