ބާސެލޯނާ މޮޅުވިއިރު ވަލްވޭޑޭ ކަންބޮޑުވުމެއްގައި

ބާސެލޯނާ (ފެބްރުއަރީ 2) - ސްޕެނިޝް ކަޕުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ރޭ 1-0 އިން ވެލެންސިއާ އަތުން ބާސެލޯނާ މޮޅުވިއިރު، މެޗު ބަލަން ވަން އެ ޓީމުގެ ސަޕޯޓަރުންގެ އަދަދު މަދުވުމުން ބާސެލޯނާ ކޯޗު އާނެސްޓޯ ވަލްވޭޑޭ ހިތްހަމަ ނުޖެހިއްޖެ އެވެ.


ލުއިސް ސުއަރޭޒް ދެ ވަނަ ހާފުގައި ވައްދާލި ހަމައެކަނި ގޯލާ އެކު ބާސެލޯނާ އަށް ވަނީ ފައިނަލުގެ ފުރުސަތުގެ އުއްމީދު ބޮޑުވެފަ އެވެ. ބާސެލޯނާ ވަނީ މި މުބާރާތް 29 ފަހަރު ކާމިޔާބު ކޮށްފަ އެވެ. އެ ޓީމުން މި ފަހަރުގެ މުބާރާތް ކާމިޔާބު ކޮށްފިނަމަ 1930 ގެ އަހަރުތަކުގައި މި މުބާރާތް ޖެހިޖެހިގެން ހަތަރު އަހަރު ކާމިޔާބު ކޮށްގެން އެތުލެޓިކް ބިލްބާއޯ ހަދާފައިވާ ރެކޯޑާ ހަމަކުރެވޭނެ އެވެ.

ރޭގެ މެޗު ބަލުމަށް ވަން ސަޕޯޓަރުންގެ އަދަދަށް ބަލާއިރު މިއީ މި ސީޒަނުގައި ބާސެލޯނާގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗެއް ބަލަން އެ ޓީމުގެ ސަޕޯޓަރުން ދެ ވަނަ އަށް އެންމެ މަދުން ވަން ފަހަރެވެ. ވަލްވޭޑޭ ބުނީ މިއީ މި މޫސުމުގައި ގޯސްވަގުތެއްގައި މެޗު ބާއްވާތީ ދިމާވި ކަމެއް ކަމަށެވެ.

"ސަޕޯޓަރުން ހިތް ރުއްސައި ދަނޑަށް މެޗު ބަލަން ގެންނަން ބާސެލޯނާ އަށް ނުކުރެވޭނެ ކަމެއް ނެތް. އެކަމަކު ވަގުތާ މުސޫން އެންމެ ރަނގަޅު ނުވަންޏާ ކުރެވޭނެ ކަމެއް ވެސް ނޫން. ފިނި މޫސުމުގައި ބުރާސްފަތި ދުވަހު ލަސް ވަގުތެއްގައި މެޗު ކުޅެގެން ސަޕޯޓަރުން ގިނައެއް ނުވާނެ،" ވަލްވޭޑޭ ބުންޏެވެ.

ވަލްވޭޑޭ ބުނީ މީގެ އިތުރުން ދެން އޮތް ކަންބޮޑުވުމަކީ ދެ މެޗު މެދުތެރެއިން ބާސެލޯނާ އަށް ލިބޭ ހުސް ވަގުތު ކުޑަވުމަކީ ވެސް އަނެއް ސަބަބު ކަމަށެވެ.

"މި މަހު އަހަރެމެން ގާތްގާތުގައި ގިނަ މެޗުތަކެއް ކުޅެފިން. ގިނަ މެޗުތައް ކުޅުނީ ވެސް ލަސް ވަގުތުތަކުގައި،" ވަލްވޭޑޭ ބުންޏެވެ.

ރޭގެ މެޗުގައި ވެލެންސިއާ އިން ކުޅުނީ މުހިއްމު ދެ ކުޅުންތެރިން ނުލަ އެވެ. އެއީ ގޮންކާލްވޯ ގުއޭޑޭސް، ޖެފްރޭ ކޮންޑޮގްބިއާ އަދި އެޒެކީލް ގަރާއި އެވެ. ވަލްވޭޑޭ ބުނީ ފުރަތަމަ ލެގުން މޮޅުވުމުން އަތް އުރާލައިގެން ތިބެވެން ނެތް ކަމަށެވެ.

"ވެލެންސިއާ ދަނޑުގައި ކުޅެން އެބަޖެހޭ. މިއީ ފަސޭހަވާނެ މެޗެއް ނޫން. 90 މިނިޓަކީ ނަތީޖާއެއް ބަދަލުކުރަން ވަރަށް ވަގުތު،" އޭނާ ބުންޏެވެ.

ސެމީ ފައިނަލް އަނެއް މެޗުގައި ލެގަނޭސް ވަނީ 1-1 އިން ސެވިއްޔާއާ އެއްވަރުވެފަ އެވެ.