ޗެލްސީގެ ކޯޗުކަމަށް އެންރީކޭ ޝައުގުވެރިވެއްޖެ

ލަންޑަން (ފެބްރުއަރީ 7) - ޗެލްސީގެ ކޯޗުކަމަށް ބާސެލޯނާގެ ކުރީގެ ކޯޗު ލުއިސް އެންރީކޭ ޝައުގުވެރިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.


ފާއިތުވި މެޗުތަކުގައި ޗެލްސީގެ ފަރާތުން ފެނުނު ދަށް ނަތީޖާތަކުގެ ސަބަބުން އެ ޓީމުގެ ކޯޗުކަމުން އެންޓޯނިއޯ ކޮންޓޭ ދުރުކުރަން ޗެލްސީގެ ވެރިޔާ ރަޝިއާގެ މަހުޖަނު ރޯމަން އަބްރަމޮވިޗް ވިސްނަމުން އަންނަ ކަމަށް ފްރާންސްގެ މީޑިއާތަކުން ރިޕޯޓްކުރެ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ހޯމަ ދުވަހުގެރޭ ރަށުންބޭރުގައި ވަޓްފޯޑް އަތުން 4-1 އިން ޗެލްސީ ބަލިވި މެޗަށް ފަހު ކޮންޓޭ ބުނީ ޗެލްސީ ކޯޗުކަމުގައި އޭނާ ބަހައްޓަން ބޭނުންނަމަ އޭގެ ގޮތެއް އިހުތިޔާރުކުރާނީ ކްލަބުގެ ވެރިން ކަމަށާއި މަގާމުން ވަކިކޮށްފިނަމަ މާޔޫސްކަމެއް ނެތް ކަމަށެވެ.

ޗެލްސީން ހޯދަން މަސައްކަތްކުރާ ކޯޗުންގެ ލިސްޓުގެ ކުރީގައި އޮތް އެއް ނަމަަކީ ކުރިން ރޯމާ އާއި ސެލްޓަ ވިގޯ އަށް ކޯޗުކޮށްދިން އެންރީކޭ އެވެ. ޗެލްސީން ފާއިތުވި ހަފްތާގައި އެންރީކޭއާ ބައްދަލުވުންތަކެއް ބޭއްވި ކަމަށް އިނގިރޭސި މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.

މިިދިިޔަ ސީޒަނަށް ފަހު ބާސެލޯނާ ކޯޗުކަމުން ވަކިވެ އެންރީކޭ ވަނީ ފުޓްބޯޅައިން ބްރޭކެއް ނަަގައިފަ އެވެ. އޭނާ އަށް މިހާތަަނަށް ގިނަ ކްލަބްތަކެއްގެ ހުށަހެޅުން ވަނީ ލިބިފަ އެވެ. އޭގެ ތެރޭގައި މި ސީޒަނުގެ ކުރީކޮޅުގައި ބޮރޫޝިއާ ޑޯޓްމަންޑުން ލިބުނު ހުށަހެޅުން ވެސް ހިމެނެ އެވެ.

ރިޕޯޓްތައް ބުނާގޮތުން އެންރީކޭ ވަނީ ޗެލްސީއާ ހަވާލުވުމަށް ޝައުގުވެރިވާ ކަމަށް ބުނެފަ އެވެެ. އެހެން ނަމަވެސް ޗެލްސީގެ އޮފިޝަލުންނާ އެކު ބޭއްވި މަޝްވަރާތަކުގައި އެންރީކޭ ބުނެފައިވަނީ ސީޒަނުގެ މެދުތެރެއިން ކްލަބަކާ ހަވާލުވުމަކީ އޭނާ އަށް ފަސޭހަކަމެއް ނޫން ކަމަށާއި ބޭނުންވަނީ މި ސީޒަނަށް ފަހު ހަވާލުވުމަށް ކަމަށެވެ.

ރެއާލް މެޑްރިޑްގެ ކޯޗު ޒިނެދިން ޒިދާންގެ މުސްތަގުބަލާ މެދު ސުވާލުތަކެއް އުފެދިފައިވާއިރު، އެންރީކޭ ވަނީ އެ ޓީމާ ހަވާލުވާން ފުރުސަތު ލިބުނަސް ބޭނުން ނުހިފަން ނިންމައިފަ އެވެ.

ބާސެލޯނާ ބީ ޓީމުން 2008 ވަނަ އަހަރު ކޯޗިން ކެރިއަރު ފެށި އެންރީކޭ ވަނީ އޭގެ ފަހުން އިޓަލީގެ ރޯމާ އާއި ސްޕެއިނުގެ ސެލްޓަ ވިގޯ އަށް ކޯޗުކޮށްދީފަ އެވެ. އެންރީކޭ ބާސެލޯނާއާ ހަވާލުވީ 2014 ވަނަ އަހަރު އެވެ. އެ ޓީމުގައި އޭނާ ހޭދަކުރި ތިން ސީޒަނުގައި ނުވަ މުބާރާތް ވަނީ ކާމިޔާބު ކޮށްފަ އެވެ.