ބާސާ އަށް ފުރަތަމަ ފަހަރަށް ލަނޑެއް ނުޖެހި ނިންމާލަން ޖެހިއްޖެ

ބާސެލޯނާ (ފެބްރުއަރީ 12) – ސްޕެނިޝް ލީގުގައި މި ސީޒަނުގައި ބާސެލޯނާ އަށް ލަނޑެއް ނުޖެހި ނިންމާލަން ޖެހުނު ފުރަތަމަ މެޗުގައި ރޭ ގެޓަފޭއާ 0-0 އިން އެއްވަރުވެއްޖެ އެވެ.


ބާސެލޯނާ ލީގުގައި މެޗަކުން ބަލިވެފައިނުވާއިރު އެ ޓީމު އެއް ވަނައިގައި އޮތީ 59 ޕޮއިންޓާ އެކު އެވެ. މިހާރު ދެ ވަނައިގައި 52 ޕޮއިންޓާ އެކު އޮތް އެތުލެޓިކޯ މެޑްރިޑާ ދެމެދު އޮތީ ހަތް ޕޮއިންޓުގެ ފަރަގެކެވެ.

ބާސެލޯނާގެ ކޭމްޕް ނޯ ސްޓޭޑިއަމުގައި ކުޅުނު މި މެޗުގައި އެ ޓީމުގެ ލިއޮނަލް މެސީ އާއި ފިލިއްޕޭ ކުޓީނިއޯ ފޮނުވާލި ހަމަލާތައް ގެޓަފޭގެ ގޯލްކީޕަރު މަތަކުރި އެވެ. ލީގުގައި ބާސެލޯނާ އަށް ފުރަތަމަ މެޗު ކުޅެދިން ޔެރީ މިނާ ބޮލުން ފޮނުވާލި ބޯޅައެއް ގޯލާ އަމާޒުނުވެ ދިޔަ އެވެ.

މެޗުގެ ފަހު ސިކުންތުގައި ގެޓަފޭ އިން ލަނޑެއް ނުޖެހީ ކިރިޔާ އެވެ. އެ ޓީމުން ފޮނުވާލި ނުރައްކާތެރި ހިލޭ ޖެހުން ސަލާމަތްކުރީ ބާސެލޯނާގެ ގޯލްކީޕަރު މާކް-އެންދްރޭ ޓާ ސްޓެގެން އެވެ.

ރޭގެ އެހެން މެޗުތަކަށް ބަލާއިރު ވެލެންސިއާ ވަނީ ލެވަންޓޭ އަތުން 3-1 އިން މޮޅުވެ 43 ޕޮއިންޓް ހަމަކޮށް ތާވަލުގެ ތިން ވަނަ އަށް އަރައިފަ އެވެ. އެއާ އެކު ރެއާލް މެޑްރިޑް ވަނީ ހަތަރު ވަނަ އަށް އަނެއްކާ ވެސް ވެއްޓިފަ އެވެ. އެ ޓީމަށް ލިބިފައިވަނީ 42 ޕޮއިންޓެވެ.