ސިޓީ އާއި ޕީއެސްޖީ އަކީ ޗެމްޕިއަންސް ލީގުގެ ފޭވަރިޓުން: މެސީ

ބާސެލޯނާ (ފެބްރުއަރީ 12) - މެންޗެސްޓާ ސިޓީ އާއި ޕީއެސްޖީ އަކީ ޗެމްޕިއަންސް ލީގުގެ ދެ ފޭވަރިޓުން ކަމަށް ބާސެލޯނާގެ ތަރި ލިއޮނަލް މެސީ ބުނެފި އެވެ.


ސިޓީ މި ވަގުތު އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނައިގައި އޮތީ 16 ޕޮއިންޓުގެ ލީޑަކާ އެކު އެވެ. އަންނަ އޭޕްރީލް މަހު ހަތް ވަނަ ދުވަހު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗުގެ ނަތީޖާ ނުކުންނަ ގޮތުން ސިޓީ އަށް ލީގު ކަށަވަރުވުމުގެ ފުރުސަތު އެބައޮތެވެ.

ބާސެލޯނާގެ ކުރީގެ ކޯޗު ޕެޕް ގާޑިއޯލާގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ސިޓީ މި ފަހަރު ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުން ޖާގަ ހޯދީ ގްރޫޕް ސްޓޭޖުގައި ކުޅުނު ހަ މެޗުގެ ތެެރެއިން ފަސް މެޗުން މޮޅުވެގެންނެވެ. އުނާއި އެމެރީގެ ކޯޗުކަމުގައި ޕީއެސްޖީ ފްރާންސް ލީގުގެ އެއް ވަނައިގައި އޮތްއިރު، އެ ޓީމުން ވަނީ ގްރޫޕް ސްޓޭޖުގައި ކުޅުނު ހަ މެޗުގެ ތެރެއިން ފަސް މެޗުން މޮޅުވެފަ އެވެ.

ދެ ވަނަ ބުރުގައި ސިޓީ ވާދަކުރާނީ ބަސެލްއާ އެވެ. ޕީއެސްޖީ ކުޅޭނީ އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑާ އެވެ. މެސީ ބުނީ ޕީއެސްޖީ އާއި ސިޓީ އަކީ މި މުބާރާތުގެ ވަރަށް ދުރަށް ދަތުރުކުރާނެ ދެ ޓީމު ކަމަށެވެ.

"މެންޗެސްޓާ ސިޓީ އަކީ މި ވަގުތު ޔޫރަޕްގެ އެންމެ މޮޅު އެއް ޓީމު. ދެން ޕީއެސްޖީ ވެސް. މި ދެ ޓީމު ޗެމްޕިއަންސް ލީގުގައި މި ފަހަރު ވަރަށް ދުރަށްދާނެ ކަމަށް ބެލެވޭ. އެކަމަކު ވިސްނަން ޖެހޭ ޕީއެސްޖީ ކުޅެން ޖެހެނީ ރެއާލް މެޑްރިޑާ. މެޑްރިޑްގެ މި ވަގުތު ނަތީޖާތައް ރަނގަޅު ނޫން ނަމަވެސް މުހިއްމު ހިސާބުގައި އެ ޓީމުން ވެސް ތަފާތުދައްކާ،" މެސީ ބުންޏެވެ.

އާނެސްޓޯ ވަލްވޭޑޭގެ ކޯޗުކަމުގައި ބާސެލޯނާ ވެސް އަންނަނީ މި ސީޒަނުގައި ރަނގަޅު ނަތީޖާތަކެއް ނެރެމުންނެވެ. މެސީ ބުނީ ޗެމްޕިއަންސް ލީގުގައި އެ ޓީމުން ވިސްނާނީ މެޗަކަށް ފަހު މެޗެއް ކަމަށެވެ.