ޕޮގްބާއާ ގުޅޭ ސުވާލުތަކާ އެކު މޮރީނިއޯ ރަތަށް

ހަޑްސްފީލްޑް، އިންގްލެންޑް (ފެބްރުއަރީ 17) - މެންޗެސްޓާ ޔުނައިޓެޑްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާއާ ބެހޭގޮތުން މީޑިއާ އިން ކުރި ސުވާލުތަކާ އެކު ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ވަރަށް ބޮޑަށް ރުޅިގަދަވެއްޖެ އެވެ.


ފާއިތުވި މެޗުތަކުގައި ޕޮގްބާ އަށް އެންމެ އެދެވޭ ކުޅުމެއް ނުދެއްކޭތީ އޭނާ އަށް ގިނަ ފާޑުކިޔުން އަމާޒުވިއިރު، ޔުނައިޓެޑް އެންމެ ފަހުން ކުޅުނު މެޗުތަކުގައި ޕޮގްބާ ވަނީ ބަދަލު ކޮށްފަ އެވެ. ފްރާންސްގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި ޕޮގްބާ އާއި މޮރީނިއޯއާ ދެމެދު ވަނީ މައްސަލަތަކެއް ޖެހިފަ އެވެ. އަދި މި ސީޒަނަށް ފަހު ޕޮގްބާ ޔުނައިޓެޑް ދޫކޮށްލުމުގެ ފުރުސަތު އެބައޮތް ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އެފްއޭ ކަޕްގައި މިރޭ ހަޑްސްފީލްޑް ޓައުންއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މޮރީނިއޯ ބުނީ ޕޮގްބާގެ ކުޅުން ދަށްވެފައިވާ ކަމަށް އޭނާ ވެސް އެއްބަސްވާ ކަމަށެވެ.

"އަހަރެން ގަބޫލުކުރަނީ ޕޮގްބާގެ ފަރާތުން އަހަރެން ވާހަކަ ދެއްކުމަކީ މައްސަލައަކަށް ނުވާނެ ކަމަށް. ޕޮގްބާ ހުރީ ހިތްހަމަ ނުޖެހިފައި. އެއީ އޭނާ ވެސް ގަބޫލުކުރޭ ކުޅުން ދަށްވެފައިވާކަން. އަހަންނާ ޕޮގްބާއާ ދެމެދު މައްސަލައެއް ނެތް. އަހަރެން ނުޖެހޭ ކުޅުންތެރިންނާ އަހަރެން ދައްކާ ވާހަކަ މީޑިއާއާ ހިއްސާކުރަން،" މޮރީނިއޯ ބުންޏެވެ.

ރިޕޯޓްތައް ބުނާގޮތުގައި ޕޮގްބާ ހިތްހަމަ ނުޖެހިފައިހުރީ އޭނާ މާ ބޮޑަށް ޑިފެންސިވްކޮށް ކުޅުވަން މޮރީނިއޯ ބޭނުންވާތީ އެވެ. މިކަމާ ގުޅޭގޮތުން މޮރީނިއޯއާ ނޫސްވެރިން ސުވާލުކުރުމުން އޭނާ ރުޅިގަނޑު ފަޅައިގެން ދިޔަ އެވެ.

"ޕޮގްބާ ބޭނުންވާ ސިސްޓަމެއް ތި މީހުން (ނޫސްވެރިން) އަހަންނަށް ބުނެދޭންވެއްޖެ. އެއީ 4-3-3 ތަ. ނޫނީ ވާތްފަޅިން ކުރިއަށް ކުޅެންތަ. އަހަންނަށް ވަރަށް ރަނގަޅު ކޮންމެވެސް މީހަކު އަހަރެން ގާތުގައި ޕޮގްބާ ކުޅެންވީ މަގާމެއް ބުނެދިނިންޔާ" މޮރީނިއޯ ބުންޏެވެ.

"ހަގީގަތަކީ ނިއުކާސަލް މެޗުގައި ޕޮގްބާ އަށް ރަނގަޅަށް ނުކުޅެވުނު. ދެން މިލިއަނުން މުސާރަ ލިބޭ ރިޕޯޓަރުން އެ ގޮތް ގަބޫލެއް ނުކުރޭ. އެހެން ނުހަދާ ސަޕޯޓަރުންނަށް ހަގީގަތް އޮޅުވާނުލާ މެޗުގައި ހިނގާ ކަންތައްތައް ރަނގަޅަށް ބުނެދޭންވީ."

މޮރީނިއޯ ބުނީ އަންނަ ސީޒަނަށް ޔުނައިޓެޑުން އިތުރު މިޑްފީލްޑަރެއް ގަންނާނެ ކަމަށާއި އެއީ މައިކަލް ކެރިކް ނެތްތަން ފޫބެއްދުމަށް ކަމަށެވެ. އަދި އެ މިޑްފީލްޑަރު ގެންނަނީ ޕޮގްބާ ދޫކޮށްލުމުގެ ވިސްނުމުގައި ނޫން ކަމަށް ކަން ތަކުރާރުކޮށް ނޫސްވެރިންނަށް ބުނެދިނެވެ.

ޔުނައިޓެޑާއި ހަޑްސްފީލްޑް ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 22:30 ގަ އެވެ.