ބާސެލޯނާ އިން އާ ރެކޯޑަކާ ދިމާލަށް

އެއިބާ (ފެބްރުއަރީ 18) – ރަށުން ބޭރުގައި އެއިބާ އަތުން 2-0 އިން މޮޅުވެ ބާސެލޯނާ އިން ސްޕެނިޝް ލީގުގައި އެ ޓީމުން ބަލިނުވެ ފުރިހަމަ ކޮށްފައިވާ ރެކޯޑާ ހަމަކޮށްފި އެވެ.


ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި އަންގާރަ ދުވަހުގެރޭ އިންގްލެންޑުގެ ޗެލްސީއާ ދެކޮޅަށް ކުޅެން އޮތް ނަމަވެސް ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވާޑޭ މުހިއްމު އެއްވެސް ކުޅުންތެރިޔަކަށް އަރާމުކުރަން މި މެޗުގައި ފުރުސަތެއް ނުދެ އެވެ.

ބާސެލޯނާ އިން ސްޕެނިޝް ލީގުގައި ބަލިނުވެ 31 މެޗު ފުރިހަމަކޮށްފައިވާއިރު އެ ޓީމު އެންމެ ފަހުން ބަލިވީ މިދިޔަ އަހަރުގެ އޭޕްރިލް 8 ވަނަ ދުވަހު މަލާގާ އަތުންނެވެ. ކުރިއަށް އޮތް މެޗުން އެ ޓީމު ބަލިނުވެ ފަރުޖައްސާލައިފި ނަމަ ކްލަބުގެ އާ ރެކޯޑެއް ގާއިމްކުރެވޭނެ އެވެ. ކުރީގެ ރެކޯޑް ހަދާފައިވަނީ ޕެޕް ގާޑިއޯލާގެ ކޯޗުކަމުގައި 2010/2011 ގެ ސީޒަނުގަ އެވެ.

ރޭގެ މޮޅާ އެކު ބާސެލޯނާ އިން ވަނީ ތާވަލުގެ އެއް ވަނައިގައި 10 ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. އެ ޓީމަށް ލިބިފައިވަނީ 62 ޕޮއިންޓެވެ. އެކަމަކު 52 ޕޮއިންޓާ އެކު ދެ ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑް މިރޭ އެތުލެޓިކް ކްލަބް އަތުން މޮޅުވެއްޖެ ނަމަ ބާސެލޯނާގެ ލީޑު ހަތް ޕޮއިންޓަށް ކުޑަވާނެ އެވެ.

ރޭގެ މެޗުގައި ބާސެލޯނާ އިން ކުރީ ހޯދީ 16 ވަނަ މިނެޓުގައި ލުއިސް ސުއަރޭޒް ޖެހި ގޯލުންނެވެ. މި ލަނޑު ޖަހަން މަގުފަހިކޮށްދިނީ ލިއޮނަލް މެސީ އެވެ. މި މެޗުގެ 66 ވަނަ މިނެޓުގައި އެއިބާގެ ފަބިއަން އޮރެޔަނާ އަށް ވަނީ ދެ ވަނަ ރީނދޫ ކާޑާ އެކު ރަތްކާޑެއް ދައްކައިފަ އެވެ. ބާސެލޯނާގެ ދެ ވަނަ ގޯލް 88 ވަނަ މިނެޓުގައި ޖެހީ ޖޯޑީ އަލްބާ އެވެ.