މެސީ ހުއްޓުވަން ޕްލޭނެއް ނުހަދާނަން: ކޮންޓޭ

ލަންޑަން (ފެބްރުއަރީ 20) - ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި މިރޭ އަމިއްލަ ދަނޑުގައި ބާސެލޯނާއާ ދެކޮޅަށް ކުޅޭއިރު އެ ޓީމުގެ ތަރި ލިއޮނަލް މެސީ ހުއްޓުވަން ހާއްސަ ޕްލޭނެއް ޗެލްސީން ނުގެންގުޅޭނެ ކަމަށް އެ ޓީމުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ.


އުމުރުން 30 އަހަރުގެ މެސީ ވަނީ މިހާތަނަށް ޗެލްސީއާ ދެކޮޅަށް އަށް މެޗެއް ކުޅެފަ އެވެ. އެ މެޗުތަކުގައި މެސީ ޖުމްލަ 29 ޝޮޓެއް ފޮނުވާލާފައިވާއިރު، އަދި މިހާތަަނަށް ގޯލެއް ކާމިޔާބު ކުރެވިފައިނުވެ އެވެ. މިރޭގެ މެޗަށް ނުކުންނައިރު މެސީ މި ސީޒަނުގައި ދައްކަމުން އަންނަ ކުޅުމަށް ބަލާއިރު އޭނާގެ ފަރާތުން ގޯލެއް ފެނުމުގެ ފުރުސަތު އެބައޮތް ކަމަށް ފުޓްބޯޅައިގެ ގިނަ ތަޖުރިބާކާރުން ގަބޫލުކުރެ އެވެ.

"އަހަރެމެން މި ދައްކަނީ ވަރަށް އާދަޔާހިލާފު ކުޅުންތެރިޔެއްގެ (މެސީ) ވާހަކަ. ހަމައެކަނި މެސީ އަށް ޕްލޭނެއް ހަދައިފިއްޔާ ޗެލްސީ އަށް އޮތީ ގެއްލުން. ސަމާލުވާންވީ މުޅި ބާސެލޯނާ އަށް. މިސާލަކަށް ބަލަމާ އެ ޓީމުގައި ތިބި އެހެން ކުޅުންތެރިންނަށް. ސުއަރޭޒް، އިނިއެސްޓާ އަދި މުޅި ބާސެލޯނާ ޓީމު،" ކޮންޓޭ ބުންޏެވެ.

މިރޭގެ މެޗަށް ނުކުންނައިރު ބާސެލޯނާ އަށް އެންމެ ނުރައްކާ ކުރާނެ ކުޅުންތެރިޔަކީ ޗެލްސީގެ ޕްލޭމޭކަރު އެޑެން ހަޒާޑް އެވެ. ފާއިތުވި ސީޒަންތަކުގައި ހަޒާޑް ދެއްކި ކުޅުމުން އޭނާ ހުރީ މެސީ އާއި ކްރިސްޓިއާނޯ ރޮނާލްޑޯ ލެވެލްގައި ކަމަށް މީޑިއާގައި ވަނީ ވާހަކަ ދެކެވިފަ އެވެ.

ހަޒާޑް ބުނީ މެސީ އާއި ރޮނާލްޑޯ ލެވެލަށް ދިއުމަށް ކުރަން ޖެހޭ މަސައްކަތް ގިނަ ކަމަށެވެ.

"ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިން (މެސީ، ރޮނާލްޑޯ)އާ އަހަންނާ އަޅާކިޔުމަކީ ހިތްހަމަ ޖެހުމެއް. އެކަމަކު އެ ހިސާބަށް ދާން ކުރަން ހުރި މަސައްކަތް ވަރަށް ގިނަ. ކޮންމެ ސީޒަނެއްގައި އަހަރެން މި މަސައްކަތް ކުރަނީ އެކަމަށް. މޮޅަށް ކުޅެން ޖެހޭނީ މި ކަހަލަ މެޗުތަކުގައި،" ހަޒާޑް ބުންޏެވެ.

ބާސެލޯނާ އާއި ޗެލްސީގެ މެދުގައި ވަނީ މީގެ ކުރިން ޗެމްޕިއަންސް ލީގުގައި ފޯރިގަދަ މެޗުތަކެއް ކުޅެފަ އެވެ. ބާސެލޯނާ 2009 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ކާމިޔާބުކުރީ ސެމީ ފައިނަލުގައި ޗެލްސީ ކަޓުވާލުމަށް ފަހު އެވެ. އޭގެ ފަހުން 2012 ވަނަ އަހަރު ޗެލްސީން އެ ޓީމުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގު އުފުލާލީ ސެމީ ފައިނަލުގައި ބާސެލޯނާގެ މައްޗަށް ކުރިހޯދައިގެންނެވެ.

މި ސީޒަނުގެ ޗެމްޕިއަންސް ލީގާއި ސްޕެނިޝް ލީގުގައި ބާސެލޯނާ އަދި މެޗަކުން ބަލިވެފައިނުވެ އެވެ. އެ ޓީމުގެ ކޯޗު އާނެސްޓޯ ވަލްވޭޑޭ ބުނީ ޗެލްސީ އަކީ އިނގިރޭސި ޗެމްޕިއަން ކަމަށާއި މިހާރުގެ ހާލަތަށް ބެލުމެއް ނެތް ކަމަށެވެ

"އަހަރެމެން އުއްމީދުކުރިން ޗެލްސީ ގްރޫޕްގެ އެއް ވަނަ އަށް ގޮސްގެން އަހަރެމެންނާ ކުޅެން ނުޖެހޭނެ ކަމަށް. ކޮންމެ ހިސާބެއްގައި ވެސް ޗެލްސީއާ ކުޅެން ފަސޭހަނުވާނެ. އެ ޓީމުގައި އެބަތިބި ވަރަށް މޮޅު ކުޅުންތެރިން ހަޒާޑް، މޮރާޓާ ދެން ވިލިއަން މި ލިސްޓު ކުރިއަށް ގެންދަންވީ ދެން. އަހަރެމެން ވަރަށް ސަމާލުވާން އެބަޖެހޭ،" ވަލްވޭޑޭ ބުންޏެވެ.

ޗެލްސީ އާއި ބާސެލޯނާ ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 00:45 ގަ އެވެ.