ހެރޭރާ އަށް އަނިޔާވި ގޮތުން މޮރީނިއޯ ކަންބޮޑުވެއްޖެ

މެންޗެސްޓާ (ފެބްރުއަރީ 23) - ޗެމްޕިއަންސް ލީގުގައި ބުދަ ދުވަހުގެރޭ ސެވިއްޔާއާ ދެކޮޅަށް ކުޅުނު މެޗުގައި މެންޗެސްޓާ ޔުނައިޓެޑްގެ އެންޑަ ހެރޭރާ އަށް އަނިޔާވި ގޮތާ މެދު އެ ޓީމުގެ ކޯޗު ހޯސޭ މޮރީނިއޯ ކަންބޮޑުވެއްޖެ އެވެ.


ސެވިއްޔާއާ ލަނޑެއް ނުޖެހި އެއްވަރުވި މެޗުގެ 17 ވަނަ މިނިޓްގައި ހެރޭރާ ބަދަލުކުރަން ޖެހުނީ ފަލަ މަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެންނެވެ. އަނިޔާވުމާ އެކު ދަނޑުމަތީގައި އިށީނުމަށް ފަހު ހެރޭރާ ވަނީ އޭނާ އަށް ފަރުވާ ދިނުމަށް މެޑިކަލް ޓީމު ދަނޑަށް އެރުމުގެ ކުރިން އޭނާ ބަދަލުކުރަން ބެންޗަށް އިޝާރާތްކޮށްފަ އެވެ.

"މިއީ ވަރަށް ގޯސް އިންޖަރީއެއް. މިދިޔަ ހޮނިހިރު ދުވަހު މެޑިކަލް ޓީމުން އަހަންނަށް އެންގި ހެރޭރާ މި މެޗު ކުޅެން 100 ޕަސެންޓް ފިޓްކަމަށް. އޭގެ ފަހުން އޭނާ އާދިއްތަ، ހޯމަ، އަންގާރަ ދުވަހު ޓްރެއިން ކުރި. އަހަންނަށް ފެނުނީ އޭނާ މުޅިން ފިޓްކޮށް،" ސެވިއްޔާ މެޗަށް ފަހު މޮރީނިއޯ ބުންޏެވެ.

"މެޗު ފެށިގެން ހެރޭރާ ކުޅުނު ވަގުތުގައި ވެސް އޭނާގެ ފަރާތުން ފެނުނީ ފިޓް ކުޅުންތެރިއަކަށް ހަމައެކަނި ދެއްކޭނެ ފަދަ ކުޅުމެއް. އެކަމަކު އޭނާ އިންޖަރީވި ވަގުތުން ފެށިގެން މުޅިން ހެން ފެނުނީ އެހެން މަންޒަރެއް. އޭނާ ބެކް ހީލް ޕާސް ޖެހި ގޮތުންނާއި ދެން އިންޖަރީވި ގޮތުން އަހަންނަށް ޔަގީންވެއްޖެ އޭނާ 100 ޕަސެންޓް ފިޓެއް ނޫންކަން،" މޮރީނިއޯ ބުންޏެވެ.

ހެރޭރާ އަށް އަނިޔާވިއިިރު، ޔުނައިޓެޑަށް ކުރިއަށް އުނދަގޫ މެޗުތަކެއް އެބަހުއްޓެވެ. އެގޮތުން އަންނަ އާދިއްތަ ދުވަހު އެ ޓީމު ނުކުންނާނީ އަމިއްލަ ދަނޑުގައި ޗެލްސީއާ ދެކޮޅަށެވެ.

އަނިޔާގެ ސަބަބުން މި ވަގުތު ވެސް ޔުނައިޓެޑްގެ މުހިއްމު ބައެއް ކުޅުންތެރިން ތިބީ ކުޅުމާ ދުރު އެވެ. އޭގެ ތެރޭގައި އާޖެންޓީނާގެ ޑިފެންޑަރު މާކޯސް ރޯހޯ އާއި ބެލްޖިއަމްގެ މިޑްފީލްޑަރު މަރުއާން ފެލައިނީ އަދި ސްވިޑެންގެ ފޯވާޑް ޒަލަޓާން އިބްރަހިމޮވިޗް ހިމެނެ އެވެ.