ބާސެލޯނާ ލީޑުގައި، ޒިދާންގެ ތައުރީފް ރޮނާލްޑޯ އަށް

މެޑްރިޑް (ފެބްރުއަރީ 25) - ސްޕެނިޝް ލީގުގައި ރޭ ޖިރޯނާ އަތުން 6-1 އިން މޮޅުވެ ލީގުގެ އެއް ވަނައިގައި ބާސެލޯނާ ލީޑު ބޮޑުކުރިއިރު، އަލަވޭސް އަތުން 4-0 އިން ރެއާލް މެޑްރިޑް މޮޅުވި މެޗުގައި ކްރިސްޓިއާނޯ ރޮނާލްޑޯގެ ފަރާތުން ފެނުނު ކަންތައްތަކަށް އެ ޓީމުގެ ކޯޗު ޒިނެދިން ޒިދާން ތައުރީފް ކޮށްފި އެވެ.


ބާސެލޯނާ އެއް ވަނައިގައި އޮތީ 25 މެޗުން 65 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް 24 މެޗުން 55 ޕޮއިންޓް ލިބިފައިވާއިރު، ރެއާލް ތިން ވަނައިގައި އޮތީ 25 މެޗުން 51 ޕޮއިންޓް ހޯދައިގެންނެވެ.

ރޭ އަލަވޭސް ކޮޅަށް ރެއާލުން ހަތަރު ގޯލު ޖެހިއިރު، ކްރިސްޓިއާނޯ ރޮނާލްޑޯ ދެ ލަނޑު ޖެހި އެވެ. އަނެއް ދެ ގޯލު ޖެހީ ގަރެތު ބޭލް އާއި ކަރިމް ބެންޒެމާ އެވެ. މި މެޗުގައި ރެއާލުގެ ފުރަތަމަ ގޯލު ޖެހުމަށް ފަހު ރޮނާލްޑޯ ވަނީ އެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިން ބެންޒެމާ އަށް ތަރުހީބު ދިނުމަށް ސަޕޯޓަރުން ކައިރީގައި އެދިފަ އެވެ. އަދި މެޗުގެ ފަހު ވަގުތު ރޮނާލްޑޯ އޭނާގެ ހެޓްރިކް ފުރިހަމަ ކުރަން ލިބުނު ޕެނަލްޓީ ޖަހަން ދިނީ ބެންޒެމާ އަތަށެވެ.

"މި ފެނުނީ ކެޕްޓަނެއްގެ ފަރާތުން ލީޑަރެއްގެ ކޮލިޓީ. އަހަރެން ވަރަށް އުފާކުރަން ރޮނާލްޑޯގެ ފަރާތުން މުޅި ޓީމަށް އެ ދެއްކި ނަމޫނާ ފެނިފައި. މިއީ ޓީމެއްކަން ވަރަށް ރަނގަޅަށް ސާބިތުވެއްޖެ،" ރޭގެ މެޗަށް ފަހު ޒިދާން ބުންޏެވެ.

މި މެޗުގައި ޖެހި ދެ ގޯލާ އެކު ރޮނާލްޑޯ ވަނީ ސްޕެނިޝް ލީގުގައި 299 ގޯލު ހަމަކޮށްފަ އެވެ.

ޖިރޯނާ ކޮޅަށް ބާސެލޯނާ އިން ހަ ގޯލު ޖެހިއިރު، އެ ޓީމުގެ ލުއިސް ސުއަރޭޒް ވަނީ މި މެޗުގައި ހެޓްރިކެއް ހަދައިފަ އެވެ. އަނެއް ތިން ގޯލުގެ ތެރެއިން ދެ ލަނޑު ޖެހީ ލިއޮނަލް މެސީ އެވެ. އަދި އަނެއް ލަނޑު ކާމިޔާބުކުރީ ފިލިއްޕޭ ކުޓީނިއޯ އެވެ.