ކޮންޓޭ އަށް ކޯޗުކަންދީފާނެ ކަމަށް އިޓަލީން އިޝާރާތްކޮށްފި

ރޯމް (ފެބްރުއަރީ 28) – ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ އަކީ އިޓަލީގެ ކޯޗަކަށް ހަމަޖައްސަން އެންމެ ރަނގަޅު އޮޕްޝަން ކަމަށް އިޓަލީ ފުޓްބޯޅަ ފެޑެރޭޝަނުގެ ޑެޕިއުޓީ ކޮމިޝަނަރު އަދި ކުރީގެ ޑިފެންޑަރު އަލެސަންދްރޯ ކޮސްޓަކޫޓާ ބުނެފި އެވެ.


މި އަހަރުގެ ވޯލްޑް ކަޕަށް އިޓަލީ ކޮލިފައިނުވުމާ އެކު ކޯޗު ޖިއަމްޕިއެރޯ ވެންޗޫރާ ވަނީ މަގާމުން ވަކިކޮށްފަ އެވެ. ވަގުތީ ކޯޗަކަށް ލުއިޖީ ޑިބިއާޖިއޯ ހަމަޖައްސާފައިވާއިރު އިޓަލީން އަންނަނީ ދާއިމީ ކޯޗަކަށް ބަލަމުންނެވެ.

ކޮންޓޭ ވަނީ މީގެ ކުރިން ވެސް އިޓަލީ އަށް ކޯޗުކޮށްދީ 2016 ވަނަ އަހަރުގެ ޔޫރޯގައި އާދައިގެ ސްކޮޑަކާ އެކު ނުކުމެ ރަނގަޅު ނަތީޖާތަކެއް ނެރެފަ އެވެ. އެއަށް ފަހު އޭނާ ވަނީ ޗެލްސީއާ ހަވާލުވެ އެ ޓީމަށް ޕްރިމިއާ ލީގު މިދިޔަ ސީޒަނުގައި ކާމިޔާބުކޮށްދީފަ އެވެ.

"އަހަރެން އަދި ނުނިންމަން އެކަމަކު އަހަރެން ދެކޭ ގޮތުގައި ކޮންޓޭ އަކީ އެންމެ ރަނގަޅު މަސައްކަތްކުރެވޭނެ ކޯޗު. އަހަރެން ޔަގީނުން ވެސް ދުވަސްތަކެއް ފަހުން އޭނާއާ ވާހަކަދައްކާނަން،" އިޓަލީ ގައުމީ ޓީމާއި އޭސީ މިލާނަށް ކުޅެފައިވާ ކުޅަދާނަ ޑިފެންޑަރު ބުންޏެވެ.

މި ސީޒަނަށް ފަހު ޗެލްސީގެ ކޯޗުކަމުގައި ކޮންޓޭ ދެމި ހުންނާނެ ކަމަށް ނުބެލެވެ އެވެ. އޭނާ އެނބުރި އިޓަލީ އަށް ދާނެ ކަމަށް ލަފާކުރެވޭއިރު އޭނާ ގެންދަން އޭސީ މިލާނުން މަސައްކަތްކުރާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެކަމަކު މިލާނުގައި ޖެނާރޫ ގަޓޫސޯގެ ނަތީޖާތައް ރަނގަޅުވެފައިވާތީ ކޯޗު ބަދަލުކުރުމުގެ ފުރުސަތު ކުޑަ އެވެ.

އިޓަލީގެ ކޯޗުކަމަށް ގެނެސްދާނެ ކަމަށް ބެލެވޭ އެހެން ކޯޗުންގެ ތެރޭގައި ކާލޯ އަންޗެލޮޓީ އާއި ރޮބާޓޯ މަންޗިނީ އަދި ކްލައުޑިއޯ ރަނިއޭރީ ހިމެނެ އެވެ. ތިން ކޯޗުން ވެސް ވަނީ ޕްރިމިއާ ލީގު ކާމިޔާބުކޮށްފަ އެވެ.

"ކޮންޓޭ މިހާރު ވެސް ދައްކައިދީފި އޭނާ އަށް އެނގޭކަން ގައުމީ ކޯޗުކަންކުރަން. އެހެން މީހުންނަށް އަދި އެކަން ނުވޭ. އޭގެ މާނައަކީ އަހަރެން މަންޗިނީ ނުވަތަ އަންޗެލޮޓީއާ މެދު ހިތްހަމަނުޖެހޭނެއެކޭ ނޫން،" ކޮސްޓަކޫޓާ ބުންޏެވެ.