29 އަހަރަށް ފަހު އިނގިރޭސި ކުޅުންތެރިޔަކު ބާސެލޯނާ އަށް ކުޅެފި

ބާސެލޯނާ (މާޗް 8) – ގެރީ ލިނެކާ އަށް ފަހު ސްޕެއިނުގެ ގަދަބާރު ބާސެލޯނާ އަށް ކުޅުނު އިނގިރޭސި ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފް އުމުރުން 19 އަހަރުގެ މިޑްފީލްޑަރު މާކަސް މެކްގުއާން ހޯދައިފި އެވެ.


މެކްގުއާން ބާސެލޯނާގެ ޖާޒީގައި ކުޅުނީ އެކުވެރިކަމުގެ މެޗެއް ކަމަށްވާ ކަޓަލަން ސުޕަ ކަޕުގައި ޕެނަލްޓީ ޖަހައިގެން 4-2 އިން އެސްޕަންޔޯލް އަތުން ބާސެލޯނާ މޮޅުވި މެޗުގަ އެވެ. އޭނާ 77 ވަނަ މިނެޓުގައި އެރީ އެލެއިކްސް ވިޑާލްގެ ބަދަލުގަ އެވެ.

އާސެނަލްގެ ޔޫތު އެކަޑަމީން ތަމްރީންވުމަށް ފަހު މެކްގުއާން އެންމެ ފުރަތަމަ މި ސީޒަނުގައި ފެނުނީ އާސެނަލްގެ ސީނިއާ ޓީމުންނެވެ. އެގޮތުން އެ ޓީމަށް ޔުރޮޕާ ލީގުގެ ދެ މެޗެއްގައި ކުޅުނެވެ. އޭނާ ސްޕެއިނުގެ ދެ ވަނަ ޑިވިޝަނުގައި ވާދަކުރާ ބާސެލޯނާގެ ބީ ޓީމަށް ސޮއިކުރީ ޖެނުއަރީ މަހު އެވެ. މިހާތަނަށް އެ ޓީމަށް އޭނާ ވަނީ ހަތަރު މެޗު ކުޅެދީފަ އެވެ.

އޭނާ އިއްޔެގެ މެޗުގައި ބާސެލޯނާގެ ސީނިއާ ޓީމަށް ކުޅުނީ ބީ ޓީމުގެ 12 ކުޅުންތެރިޔަކަށް ދިން ފުރުސަތެއްގަ އެވެ. މި މެޗުގައި ސީނިއާ ޓީމުގެ ކުޅުންތެރިންގެ ތެރެއިން އޮސްމާނޭ ޑެމްބެލޭ އާއި އަންދްރޭ ގޯމޭޒް އަދި ޕަކޯ އަލްސެސާ ވެސް ކުޅުނެވެ.

މެކްގުއާން ވަނީ އިންގްލެންޑުގެ 17 އަހަރުން ދަށް، 18 އަހަރުން ދަށް އަދި 19 އަހަރުން ދަށުގެ ގައުމީ ޓީމަށް ކުޅެފަ އެވެ.

ބާސެލޯނާ އަށް ކުޅުނު އިނގިރޭސި ފުރަތަމަ ކުޅުންތެރިޔާގެ ގޮތުގައި ލިނެކާ އެ ކްލަބަށް ބަދަލުވީ އެވަޓަން އިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ 1989 ވަނަ އަހަރާ ހަމަޔަށް އެ ކްލަބަށް 38 މެޗު ކުޅެދީ 11 ގޯލް ޖަހައިދީފަ އެވެ. އެ މުއްދަތުގައި އެ ކްލަބާ އެކު ސްޕެނިޝް ކަޕާއި ޔޫރަޕިއަން ކަޕް ވިނާސްކަޕް ކާމިޔާބުކުރި އެވެ.