ނޭމާ އެނބުރި ބާސާ އަށް ދާން ބޭނުންވޭ: ރިޕޯޓް

ބާސެލޯނާ (މާޗް 10) – ޕީއެސްޖީ އަށް ބަދަލުވެވުނު މޮޔަ ނޭމާ އަށް ހީވެއްޖެ ކަމަށާއި އޭނާ އެނބުރި ބާސެލޯނާ އަށް ދެވޭނެ ގޮތްތަކެއް ބަލަމުން އަންނަ ކަމަށް ސްޕެއިނުގެ މީޑިއާ ރިޕޯޓެއް ބުނެފި އެވެ.


ދުނިޔޭގެ ރެކޯޑް އަގެއް ކަމަށްވާ 222 މިލިއަން ޔޫރޯ އަށް މި ސީޒަނުގައި ޕީއެސްޖީ އަށް ބަދަލުވި ނޭމާ އެ ޓީމުގައި މޮޅު ކުޅުމެއް ދައްކަމުން އައި ނަމަވެސް، އެ ކްލަބުގައި އޭނާގެ ކުރިމަގާ މެދު ސުވާލުތަކެއް އޮތީ އުފެދިފަ އެވެ. ޒުވާން އުމުރެއްގައި ފްރާންސް ލީގަށް އޭނާ ބަދަލުވުމަކީ ގިނަ ބަޔަކަށް ލިބުނު ހައިރާންކަމެކެވެ.

ޕީއެސްޖީން ނޭމާ ގެނައި އެންމެ ބޮޑު އެއް ސަބަބަކީ ވެސް ބެލެވޭ ގޮތުގައި ޔޫރަޕުގައި ނުފޫޒު ގަދަކުރުމެވެ. އެކަމަކު މި ފަހަރުގެ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުން ރެއާލް މެޑްރިޑް އަތުން ކެޓީ އެވެ. އެ މެޗުގެ ދެ ވަނަ ލެގާ ކުރިމަތިލިއިރު އޭނާ ހުރީ އަނިޔާވެ ސީޒަން ނިމިފަ އެވެ.

ސްޕެއިނުގެ ނޫހަކުން ބުނެފައިވާ ގޮތުގައި، މި ވަގުތު އަނިޔާއަށްށް ފަރުވާ ހޯދުމަށް ބްރެޒިލްގައި ހުރި ނޭމާ ވަނީ ބާސެލޯނާ އަށް އެނބުރި ދެވޭނެ ގޮތަކީ ކޮބައިތޯ ބަލަން އެ ކްލަބާ ގުޅައިފަ އެވެ.

އަދި ބާސެލޯނާ ދޫކޮށްލެވުމަކީ ހެދުނު ގޯހެއް ކަމަށް އެއްބަސްވެ، ލިއޮނަލް މެސީގެ ހިޔަނިން ސަލާމަތްވާން ބޭނުންވުމަކީ ވެސް ގޯހެއް ކަމަށާއި އޭނާ ބުނެފައިވާ ކަމަށްވެ އެވެ. މީގެ އިތުރުން ފްރާންސް ލީގުގެ ޓީމުތަކުގެ ފެންވަރާ މެދު ހިތްހަމަނުޖެހޭކަމަށް ވެސް ނޭމާ ބުނެފައިވާ ކަމަށް ރިޕޯޓްކޮށްފައިވެ އެވެ.

އެކަމަކު ނޭމާ އަލުން ބާސެލޯނާ އަށް ނުގެންދާނެކަން ވަރަށް ބޮޑަށް ޔަގީނެވެ. އެހެންވެ މިއީ ވާދަވެރި ރެއާލް މެޑްރިޑަށް ބަދަލުވާން ވެގެން ނޭމާ ކުރި ކަމެއް ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ. މެޑްރިޑަށް ބަދަލުވުމުގެ ކުރިން ނޭމާ ބާސެލޯނާ އަށް އެނބުރި ދާން މަސައްކަތްކޮށްފައި އޮވެއްޖެ ނަމަ، މެޑްރިޑަށް ބަދަލުވިޔަސް ފަހުން ސަޕޯޓަރަކަށް ވެސް ކިޔޭނެ އެއްޗެއް ނޯންނާނެ އެވެ.

އެހެން ރިޕޯޓެއް ބުނާ ގޮތުގައި ނޭމާގެ ބައްޕަ ވަނީ ރެއާލް މެޑްރިޑާ ބައްދަލުކޮށްފަ އެވެ. ރެއާލް މެޑްރިޑުން އެ ޓީމުގެ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ނޭމާ ބަދަލުކުރަން ހުށަހަޅާފާނެ ކަމަށް ވެސް ސްޕެއިނުގެ މީޑީއާތަކުން ކުރިން ބުނެފައިވެ އެވެ.

މިދިޔަ ސީޒަނުގައި ނޭމާ ބާސެލޯނާ ދޫކޮށްދިޔައީ އެ ޓީމުގައި މެސީ ހުރުމުން އޭނާ އަށް އެ ޓީމުގެ އެންމެ މުހިއްމު މަގާމް ނުލިބޭތީ ކަމަށް އޭރު ވާހަކަދެކެވުނެވެ. އެކަމަކު ޕީއެސްޖީގައި އޭނާގެ ހުވަފެންތަކުގައި ކުލަޖައްސަން އެންމެ އެކަށީގެންވާ ކްލަބް ނޫން ކަމަށް ގިނަ ބަޔަކަށް ގަބޫލުކުރެވޭއިރު ނޭމާ މެޑްރިޑަށް ދިއުމަކީ ދުރުގައި އޮތްކަމެއް ނޫނެވެ. އަމުދުން ރޮނާލްޑޯ ނެތް ނަމަ މެޑްރިޑުގައި ނޭމާ އަށް އެންމެ މުހިއްމު މަގާމް ލިބޭނެ އެވެ.