ބާސާ މޮޅުވިއިރު މެސީ އަށް ހާއްސަ އުފަލެއް

ބާސެލޯނާ (މާޗް 11) – ތިން ވަނަ ދަރިއަކު ލިބޭތީ އާއިލާ އަށް ވަގުތު ހުސްކޮށްގެން ހުރި އިތުބާރު ފޯވާޑް ލިއޮނަލް މެސީ ނެތި ބާސެލޯނާ ކުޅުނު މެޗުން ސްޕެނިޝް ލީގުގައި ރޭ މަލާގާ އަތުން 2-0 އިން މޮޅުވެއްޖެ އެވެ.


މެޗުގެ ސްކޮޑުން މެސީގެ ނަން އުނިކުރީ މެޗު ފެށެން ގާތްވެފައިވަނިކޮށެވެ. އޭގެ އިރުކޮޅެއް ފަހުން މެސީ ވަނީ އޭނާ އަށް ތިން ވަނަ ދަރިއަކު ލިބުނުކަން ސޯޝަލް މީޑިއާގައި އިއުލާންކޮށްފަ އެވެ.

މި މެޗުން މޮޅުވެ ބާސެލޯނާ އެއް ވަނައިގައި އޮތީ 28 މެޗުން 72 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް 27 މެޗުން ލިބިފައިވަނީ 61 ޕޮއިންޓެވެ.

މަލާގާ ދަނޑުގައި ކުޅުނު މެޗު ފަށައިގެން 15 ވަނަ މިނިޓްގައި ބާސެލޯނާ އަށް ލީޑުނަގައިދިނީ ލުއިސް ސުއަރޭޒް އެވެ. އޭގެ 13 މިނިޓް ފަހުން ބާސެލޯނާގެ ލީޑުފުޅާކޮށްދިނީ ފިލިއްޕޭ ކުޓީނިއޯ އެެވެ.

މަލާގާ އަށް އެންމެ ބޮޑު މައްސަލައެއް ދިމާވީ މެޗުގެ 30 ވަނަ މިނިޓްގައި އެ ޓީމުގެ ސަމޫ ގާސިއާ އަށް ރަތް ކާޑު ދެއްކުމުންނެވެ. ގާސިއާ އަށް ރަތް ކާޑު ދެއްކީ ބާސެލޯނާގެ ޖޯޑީ އަލަބާ އަށް ކުރި ފައުލަކާ ގުޅިގެންނެވެ.

ދެ ވަނަ ހާފުގައި ބާސެލޯނާ އިން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން އިތުރު ލަނޑެއް ޖަަހަން މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބުވާ ގޮތެއްނުވި އެވެ.

ރޭ ރެއާލް މެޑްރިޑް ކުޅުނު މެޗުން ވަނީ ރަށުން ބޭރުގައި އެއިބާ އަތުން 2-1 އިން މޮޅުވެފަ އެވެ. ކްރިސްޓިއާނޯ ރޮނާލްޑޯގެ ލަނޑުން މެޗުގެ ފުރަތަމަ ހާފުގައި ރެއާލުން ލީޑު ނަގާފައިވަނިކޮށް ދެ ވަނަ ހާފްގެ ކުރީކޮޅުގައި އެއިބާ އަށް އެއްވަރުކޮށްދިނީ ކުރިން ވިގަން އެތުލެޓިކަށް ކުޅުނު ޑިފެންޑަރު އިވާން ރަމިސް އެވެ.

މެޗު އެއްވަރުވާން ދަނިކޮށް ރެއާލް މޮޅުކޮށްދިން ލަނޑު ވެސް ޖެހީ ރޮނާލްޑޯ އެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ މެޗު ނިމެން ހަ މިނިޓަށް ވެފައި ހުއްޓަ އެވެ.

މި މެޗުގައި ރޮނާލްޑޯ ކާމިޔާބުކުރި ދެ ގޯލާ އެކު މި ސީޒަނުގެ ހުރިހާ މުބާރާތެއްގައި އޭނާ ޖެހި ގޯލުގެ އަދަދު ވަނީ 33 އަށް އަރައިފަ އެވެ.