ބާސެލޯނާ ލީޑުފުޅާކުރިއިރު، ރޮނާލްޑޯ 50 ވަނަ ހެޓްރިކް ހަދައިފި

މެޑްރިޑް (މާޗް 19) - ސްޕެނިޝް ލީގުގައި ރޭ ޖިރޯނާ ކޮޅަށް ޖެހި ގޯލުތަކާ އެކު ރެއާލް މެޑްރިޑްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ކެރިއަރުގައި 50 ވަނަ ހެޓްރިކް ހެދިއިރު، ލީގުގެ ދެ ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑް ބަލިވުމުން ލީގުގެ އެއް ވަަނައިގައި ބާސެލޯނާ އިން ލީޑުފުޅާކޮށްފި އެވެ.


ސްޕެނިޝް ލީގުގެ އެއް ވަނައިގައި ބާސެލޯނާ އޮތީ ރޭ އެތުލެޓިކް ބިލްބާއޯ އަތުން 2-0 އިން ހޯދި މޮޅާ އެކު 29 މެޗުން 75 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އެތުލެޓިކޯ ރޭ ކުޅުނު މެޗުން ވަނީ ވިޔަރެއާލް އަތުން 2-1 އިން ބަލިވެފަ އެވެ. އެތުލެޓިކޯ އަށް 29 މެޗުން ލިބިފައިވަނީ 64 ޕޮއިންޓެވެ.

ރެއާލް ވަނީ އަމިއްލަ ދަނޑުގައި 6-3 އިން ޖިރޯނާ ބަލިކޮށްފަ އެވެ. ރެއާލް ލީގުގެ ތިން ވަނައިގައި އޮތީ 29 މެޗުން 60 ޕޮއިންޓް ހަމަކޮށްގެންނެވެ.

ރޭގެ މެޗުގައި ރޮނާލްޑޯ ޖެހި ހަތަރު ގޯލާ އެކު ސީޒަނުގައި އޭނާ ވަނީ 37 ގޯލު ހަމަކޮށްފަ އެވެ. ސީޒަނުގެ ކުރީކޮޅުގައި ފޯމު ގެއްލިފައި ހުރި ނަމަވެސް ފަހަކަށް އައިސް ރޮނާލްޑޯ ވަނީ ކުޅުން ރަނގަޅުކޮށްފަ އެވެ. އެގޮތުން އެންމެ ފަހުން ކުޅުނު 11 މެޗުން ރޮނާލްޑޯ ވަނީ 21 ލަނޑު ކާމިޔާބު ކޮށްފަ އެވެ.

ރެއާލުގެ އަނެއް ދެ ލަނޑު ކާމިޔާބުކުރީ ލޫކަސް ވަޒްކޭޒާއި ގަރެތު ބޭލް އެވެ. ޖިރޯނާގެ ތިން ގޯލުގެ ތެރެއިން ދެ ލަނޑު ޖެހީ ކްރިސްޓިއަން ސްޓުއާނީ އެވެ. އަދި އަނެއް ލަނޑު ކާމިޔާބުކުރީ ރަމިރޭޒް ލޮޕޭޒް އެވެ.

ރޭ ބާސެލޯނާ ކުޅުނު މެޗުގައި އެ ޓީމުގެ ފޯވާޑް ލުއިސް ސުއަރޭޒް ނުކުޅެ އެވެ. ފަސް ރީނދޫ ކާޑު ހަމަވުމުގެ ސަަބަބުން އޭނާ ހުރީ ސަސްޕެންޝަނުގަ އެވެ. ރޭގެ މެޗު ފަށައިގެން އަށް ވަނަ މިނިޓްގައި ބާސެލޯނާ އަށް ލީޑުނަގައިދިނީ ސުއަރޭޒްގެ ބަދަލުގައި މި މެޗުގައި ކުޅެން ނުކުތް ޕަކޯ އަލްކަސޭރު އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ބާސެލޯނާގެ އަނެއް ލަނޑު ކާމިޔާބުކުރީ ލިއޮނަލް މެސީ އެވެ. އޭނާ ލަނޑު ޖެހީ އޮސްމާން ޑެމްބެލޭ ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.