މެސީގެ މޮޅުކަން ސާބިތުކޮށްދޭން ނުޖެހޭ: މަރަޑޯނާ

ބީނޯސް އޭރީޒް (މާޗް 22) – ދުނިޔޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ލިއޮނަލް މެސީ ހިމެނޭކަން ވޯލްޑް ކަޕެއް ކާމިޔާބުކޮށްގެން ސާބިތުކޮށްދޭން އޭނާ ޖެހޭ ކަމަށް ބުނާ ފަރާތްތަކުގެ އަޑު ނޭހުމަށް ޑިއެގޯ މަރަޑޯނާ އެދިއްޖެ އެވެ.


އާޖެންޓީނާއާ އެކު 1986 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި މަރަޑޯނާ ހިމެނެނީ ދުނިޔޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގަ އެވެ. ކްލަބް ލެވެލްގައި އަދި އިންޑިވިޖުއަލީ މެސީ މާބޮޑެތި ކާމިޔާބީތަކެއް ހޯދައިފައިވީ ނަމަވެސް ވޯލްޑް ކަޕެއް ނުހޯދޭތީ ފާޑުކިޔުން އަމާޒުވެ އެވެ.

އެންމެ ފަހުގެ ވޯލްޑް ކަޕުގެ ފަހުން އާޖެންޓީނާ ބަލިވިއިރު ކޮޕާ އެމެރިކާގެ ފައިނަލުން ތިން ފަހަރު ވަނީ ބަލިވެފަ އެވެ. އެކަމަކު މަރަޑޯނާ ބުނީ މެސީ އެއްވެސް ކަމެއް ސާބިތުކޮށްދޭން ނުޖެހޭ ކަމަށެވެ.

"އަހަރެން މެސީ އަށް ނަސޭހަތް ދޭނީ ކުޅުމައިގެން ކުރިއަށްދާން، ފުޓްބޯޅައިން ހިތްހަމަޖެހުން ހޯދަން. އޭނާ އެބަޖެހޭ ފާޑުކިޔާ މީހުން ހަނދާން ނައްތާލަން. އޭނާ އަށް ވޯލްޑް ކަޕް ކާމިޔާބުކުރެވުނަސް ނުކުރެވުނަސް، އޭނާ ނުޖެހޭ އެއްވެސް އެއްޗެއް ސާބިތުކޮށްދޭން،" މަރަޑޯނާ ބުންޏެވެ.

އާޖެންޓީނާ އަށް 1986 ވަނަ އަހަރު މަރަޑޯނާ ވޯލްޑް ކަޕް ހޯދައިދިން ފަހުން އެ މުބާރާތް ކާމިޔާބުކޮށްދިނުމުގެ އެންމެ ބޮޑު ޒިންމާ އެޅިފައިވަނީ މެސީގެ ކޮނޑުގަ އެވެ. ފަހަރުގައި ގައުމީ ޓީމުގައި އޭނާ އަށް އެންމެ އެދެވޭ ހިސާބަށް ނުދެވެނީ އެ ޕްރެޝަރުގެ ސަބަބުން ކަމަށް ވެދާނެ އެވެ.

"އަހަންނަށް ސަމްޕައޮލީ (ކޯޗު) ނޭގޭ. އަހަންނަށް ނޭގޭ އޭނާ ކުޅުވާ ގޮތެއް. އެކަމަކު އަހަންނަށް ބައިވަރު ކުޅުންތެރިން އެނގޭ. އަދި އަހަންނަށް އެނގޭ އެ އެންމެން ގައިގައި ހުރި ހުރިހާ ހިތްވަރެއްލާނެކަން. އަހަރެން ދެކޭ ގޮތުގައި ވޯލްޑް ކަޕް ކާމިޔާބުކުރުމުގެ ފުރުސަތު އާޖެންޓީނާ އަށް އެބައޮތް،" މަރަޑޯނާ ބުންޏެވެ.

އެކަމަކު މަރަޑޯނާ ބުނީ އާޖެންޓީނާ ފޭވަރިޓުންގެ ތެރޭގައި ނުހިމަނާނެ ކަމަށާއި ސަބަބަކީ ފޭވަރިޓުން ދުވަހަކު ވެސް މުބާރާތް ކާމިޔާބުކުރާތީ ކަމަށެވެ.