މެސީގެ "ބޮލުގައި ހުރީ ބަޑިޖައްސާފައި": ސަމްޕައޮލީ

މެޑްރިޑް (މާޗް 26) - އާޖެންޓީނާއާ އެކު ވޯލްޑް ކަޕް ކާމިޔާބުކުރުމަކީ ލިއޮނަލް މެސީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ގޮތުގައި ސިފަކޮށް ގިނަބަޔަކު ތިބީ އޭނާގެ "ބޮލުގައި ބަޑިޖައްސައިގެން" ކަމަށް އާޖެންޓީނާގެ ކޯޗު ޖޯޖް ސަމްޕައޮލީ ބުނެފި އެވެ.


ބާސެލޯނާއާ އެކު މެސީ ވަނީ ކްލަބް ލެވެލްގައި ކުޅުންތެރިޔަކަށް ހޯދޭނެ ހުރިހާ ކާމިޔާބެއް ހޯދައިފަ އެވެ. އެހެން ނަމަވެސް އާޖެންޓީނާއާ އެކު އަދި ބޮޑު މުބާރާތެއް މެސީ އަށް ކާމިޔާބެއް ނުކުރެވެ އެވެ. ކޮޕަ އެމެރިކާ ފައިނަލުން ދެ ފަހަރު ބަލިވިއިރު، ވޯލްޑް ކަޕް ފައިނަލުގައި ވެސް ވަނީ ބަލިވެފަ އެވެ.

އާޖެންޓީނާގެ ކޯޗު ސަމްޕައޮލީ ބުނީ އެ ކާމިޔާބީ ހޯދަން ޖެހޭ ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ އޭނާ އަށް ޕްރެޝަރު ކުރަމުން ކަމަށެވެ.

"މެސީ ބޮލުގައި ހުރީ ބަޑިއެއް ޖައްސާފައި. އެޔަށް ކިޔަނީ ވޯލްޑް ކަޕް. އެ (ވޯލްޑް ކަޕް) ކާމިޔާބު ނުކޮށްފިނަމަ އޭނާ ބޮލަށް ބަޑިޖަހައި މަރާލާނެ. މީގެ ނަތީޖާ އެއްގެ ގޮތުުން މެސީ އަށް އޭނާގެ ހުނަރުގެ ބޭނުން އެންމެ ރަނގަޅަށް ނުހިފޭ،" މެސީ އަށް ކުރިމަތިވެފައިވާ ޕްރެޝަރު ސިފަކޮށްދެމުން ސަމްޕައޯލީ ބުންޏެވެ.

އޭނާ ބުނީ މެސީ އަށް މި ޕްރެޝަރު އޮތް ނަމަވެސް އޭނާ އަކީ ތަފާތު ކުޅުންތެރިއެއް ކަމަށާއި ފާޑުކިޔުންތަކުން އޭނާ ހުއްޓުވޭނެ ކަމަށް ގަބޫލުނުކުރާ ކަމަށެވެ.

ދާދި ފަހުން ދިން އިންޓަވިއުއެއްގައި މެސީ ވަނީ އަންނަ ޖޫން މަހު ރަޝިއާގައި ފަށާ ވޯލްޑް ކަޕަކީ އޭނާގެ ފަހު ވޯލްޑް ކަޕަށް ވުމުގެ ފުރުސަތު އެބައޮތް ކަމަށް ބުނެފަ އެވެ. އާޖެންޓީނާގެ ލެޖެންޑް ޑިއޭގޯ މަރަޑޯނާ ބުނާގޮތުގައި ދުނިޔޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި މެސީ ހިމެނޭކަން ވޯލްޑް ކަޕެއް ކާމިޔާބުކޮށްގެން ސާބިތުކޮށްދޭން ނުޖެހޭ ކަމަށެވެ.

އާޖެންޓީނާ ވަނީ މެސީ ނެތި މިދިޔަ ހުކުރު ދުވަހުގެރޭ ކުޅުނު އެކުވެރިކަމުގެ މެޗުން އިޓަލީ ބަލިކޮށްފަ އެވެ. މާދަމާރޭ އާޖެންޓީނާ ނުކުންނާނީ ސްޕެއިނާ ދެކޮޅަށެވެ. މި މެޗުގައި މެސީ ކުޅޭނެ ކަމަށް ބެލެވެ އެވެ.