މެސީ ނެތި އާޖެންޓީނާ އަށް ވާނެގޮތް ފެނިއްޖެ: ކޮސްޓާ

މެޑްރިޑް (މާޗް 28) - ލިއޮނަލް މެސީ ނުލައި ރޭ ސްޕެއިން އަތުން އާޖެންޓީނާ 6-1 އިން ބަލިވުމުން އެ ޓީމުގެ ހާލަތު ފެނިއްޖެ ކަމަށް ސްޕެއިން އަދި އެތުލެޓިކޯ މެޑްރިޑްގެ ފޯވާޑް ޑިއޭގޯ ކޮސްޓާ ބުނެފި އެވެ.


އާޖެންޓީނާ އިން ސްޕެއިން ކޮޅަށް ޖެހި ހަމަައެކަނި ގޯލު ކާމިޔާބުކުރީ މެންޗެސްޓާ ސިޓީގެ ޑިފެންޑަރު ނިކޮލަސް އޮޓަމެންޑީ އެވެ. ރޭގެ މެޗުގައި ނިސްބަތުން އާޖެންޓީނާ އަށް ގިނަ ފުރުސަތުތަކެއް ލިބުނެވެ. މެޗަށް ފަހު އެ ޓީމުގެ ކޯޗު ޖޯޖް ސަމްޕައޮލީ ވެސް ބުނީ އަނިޔާގެ ސަބަބުން މެޗުގައި ނުފެނުނު މެސީ ނެތްތަން ދެއްކި ކަމަށެވެ.

ރޭގެ މެޗަށް ފަހު ފޮކްސް ސްޕޯޓްސް އާޖެންޓީނާ އަށް ދިން އިންޓަވިއުއެއްގައި ކޮސްޓާ ބުނީ މެސީއާ މެދު އާޖެންޓީނާ ފަހުރުވެރިވާން ޖެހޭނެ ކަމަށެވެ.

"އާޖެންޓީނާ މީހުން ވަރަށް ކުރާ ހިތްވާ ކަމެއްގެ ގޮތުގައި އޮންނަ ކަމެއް އެއީ މެސީ އަށް ފާޑުކިޔުން. މި މެޗުގައި (ސްޕެއިން އަތުން ބަލިވި މެޗުގައި) މި ފެނުނީ މެސީ ނެތި އާޖެންޓީނާ އަށް ވާނެ ގޮތް. އާޖެންޓީނާ އިން މެސީ އަށް ރަނގަޅަށް ބަލަންޖެހޭ. އޭނާއާ މެދު އެ ގައުމު ފަހުރުވެރިވާން ޖެހޭ،" ކޮސްޓާ ބުންޏެވެ. "މެސީ ނެތި މިހާރު އެ ޓީމަށް ވާނެ ގޮތެއް ބުނެދޭނީ ކިހިނެއް."

މެސީގެ ކެޕްޓަންކަމުގައި އާޖެންޓީނާ ވަނީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ފައިނަލް މެޗުންނާއި ކޮޕަ އެމެރިކާގެ ދެ ފައިނަލް މެޗުން ބަލިވެފަ އެވެ. އޭގެ ކުރިން 2007 ވަނަ އަހަރުގެ ކޮޕާ އެމެރިކާގެ ފައިނަލުން ވެސް އާޖެންޓީނާއާ އެކު އޭނާ އަށް ކުރިމަތިވީ ނާކާމިޔާބީއާ އެވެ. މެސީ ވަނީ 2016 ވަނަ އަހަރުގެ ކޮޕަ އެމެރިކާ ފައިނަލަށް ފަހު ގައުމީ ޓީމުން ރިޓަޔަކޮށްފަ އެވެ.

އެކަމަކު ގިނަ ސަޕޯޓަރުންގެ އެދުމާ އެކު މެސީ އެ ނިންމުން ބަދަލުކޮށް ޓީމަށް އެނބުރި އައެވެ. އަދި ޖޫން މަހު ރަޝިއާގައި އޮންނަ ވޯލްޑް ކަޕުން އާޖެންޓީނާ އަށް ޖާގަ ހޯދައިދިނުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރީ މެސީ އެވެ.